10 Sep 2017, 13:40
ބޮލީވުޑް ބަތަލާ ޝްރައްދާ ކަޕޫރުގެ ކުރިއަށް އޮތް ފިލްމު 'ސާހޯ' ގައި އޭނާ ފެނިގެން ދާނީ ޑަބަލް ރޯލަކުން ކަމަށް ޚަބަރުތައް ބުނެފި އެވެ.
'ސާހޯ' ގައި ޝްރައްދާ އާއެކު ފެނިގެން ދާނީ 'ބާހޫބަލީ' ސީރީޒް އިން މަޝްހޫރުކަން ހޯދި އެކްޓަރު ޕްރަބާސް އެވެ. މިއީ ޕްރަބާސްގެ ފުރަތަމަ ބޮލީވުޑް ފިލްމެވެ.
ރިޕޯޓުތައް ބުނާގޮތުން ފިލްމުގައި ޝްރައްދާ ފެނިގެން ދާނީ މަޑުމައިތިރި މީހެއްގެ އިތުރުން ސްޓަންޓް ޖައްސާ މީހެއްގެ ރޯލުންނެވެ. ދެ ރޯލަކީ ވެސް މުހިންމު ދެ ރޯލެވެ.
ހިންދީ، ތެލުގޫ އަދި ޓެމިލް ބަހުން ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ އިރު ޝްރައްދާ މިހާރު އަންނަނީ ތެލުގޫ ބަސް ދަސްކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.
ސުޖީތުގެ ވާހަކައެއްގެ މައްޗަށް އޭނާ ޑައިރެކްޓު ކުރާ އެ ފިލްމުގެ ޝޫޓިން މި މަހުގެ ތެރޭގައި ފަށާނެ އެވެ. އަދި މިހާރު ހައިދަރްއާބާދުގައި ފިލްމުގެ ސެޓު ވެސް ވަނީ ހަދައި ނިންމައިފައެވެ.
ޕްރަބާސް އާއި ޝްރައްދާގެ އިތުރުން ފިލްމުން ދެން ފެނިގެން ދާނީ ބޮލީވުޑް އެކްޓަރު ނީލް ނިތިން މުކޭޝް އެވެ. ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރު އެވެ.