ރައްޔިތުންގެ މަޖިލީހުގެ ހަ ދާއިރާގެ ބައި އިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާތިލްކުރަން އިދިކޮޅު ކޯލިޝަނުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.

އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އެމްޑީޕީ އާއި އަދާލަތު ޕާޓީގެ އިތުރުން ޖުމްހޫރީ ޕާޓީންނެވެ.

ހުށަހެޅި މައްސަލާގައި ވަނީ ޖުލައި 13 ވަނަ ދުވަހު ސުޕްރީމް ކޯޓުންކޮށްފައިވާ ހުކުމާއި އަދި 16 ޖުލައިގައި ނެރެފައިވާ އަމުރާ ޚިލާފުވާގޮތަށް ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކާއި މިނިވަންކަން ނިގުޅައިގަނެވޭގޮތަށް ބައެއް ދާއިރާތަކުގެ ބައި އިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ އެ އިދާރީ ނިންމުމަކީ ގާނޫނީގޮތުން ސައްހަ ނިންނުމެއް ކަމަށް ނުވާތީ ގާނޫނު އަސާސީގެ 43 ވަނަ މާއްދާގެ (ހ) އާއި (ނ) އާއި 141 ވަނަ މާއްދާ އާއި 144 ވަނަ މާއްދާގެ (ހ) (ށ) އާއި 145 ވަނަ މާއްދާގެ (ނ) އާއި ކޯޓުތަކުގެ ގާނޫނުގެ 20 ވަނަ މާއްދާގެ (ށ) ގެ ދަށުން އެ ނިންމުން ބާތިލް ކަމަށް ކަނޑައަޅައިދިނުމަށް ވަނީ އެދިފައެވެ. އަދި ސުޕްރީމް ކޯޓުގެ ހުކުމާ އެއްގޮތަށް އަމަލުކުރުމަށް އެ މައްޗަށް ތަބާވުމަށް ގާނޫނު އަސާސީގެ 144 ވަނަ މާއްދާގެ (ށ) ގެ ދަށުން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރުކޮށްދިނުމަށް ވެސް ވަނީ އެދިފައެވެ.