ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބޭއްވި ދެވަަނަ ދިރާގު ޓީ-ޓުވެންޓީ ކްރިކެޓް ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ސީބީއެލް ހޯދައިފިއެވެ.

އެ ޓީމު ތަށި ހޯދީ އިއްޔެ ކުޅުނު ފައިނަލް މެޗުގައި މިލާން ކްރިކެޓް އެކަޑަމީއާ ވާދަކޮށް 33 ލަނޑުން މޮޅުވެގެންނެވެ.

ގުރުދިމާވުމުން ސީބީއެލް ގަސްދުކުރީ ކުޅުމަށެވެ. ކުޅެން އަރައި އަށް ކުޅުންތެރިން ނުބައިވެގެން 20 އޯވަރުގެ ތެރޭގައި ސީބީއެލްއަށް ހެދުނީ 136 ލަނޑެވެ. އެންމެ ރަނގަޅަށް ކުޅުނީ 34 ލަނޑު ހެދި ސިމޯން އާއި 32 ލަނޑު ހެދި ކެޕްޓަން ހަސަން ހާޒިގް ރަޝީދެވެ. މިލާން ޓީމުން ލީމް ޝަގީފް 27 ލަނޑަށް ތިން ވިކެޓް ނެގިއިރު ތުސާތު ވަނީ 24 ލަނޑަށް ދެ ވިކެޓް ނަގައިފައެވެ.

ޖަވާބުގައި މިލާން ކުޅެންއަރާ 20 އޯވަރު ހަމަވިިއިރު ހަތް ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 103 ލަނޑެވެ. އެ ޓީމުގެ މުހައްމަދު އައްޒާމު ވަނީ 36 ލަނޑު ހަދައިފައެވެ. ސީބީއެލް ޓީމުން ސިމޯން އަދި އަމީލް، ކޮންމެ އުކުންތެރިޔަކު ވަނީ ދެ ވިކެޓް ނަގައިފައެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސްރީލަންކާ ހައި ކޮމިޝަނުގެ ނިލާންތަ ކޫރޭއެވެ. އެންމެ މޮޅު އުކުންތެރިއަކަށް މިލާން ކްރިކެޓް އެކަޑަމީގެ އިބްރާހިމް ނަޝާތު ހޮވުނުއިރު، މުޅި މުބާރާތުގެ އެންމެ މޮޅު ހޮވުންތެރިއަކަށް ހޮވުނީ މިލާން ކްރިކެޓް އެކަޑަމީގެ ޝަފްރާޒް ޖަލީލެވެ. އަދި އެންމެ މޮޅު ވިކެޓް ކީޕަރަކަށް ހޮވުނީ ސީބީއެލް ސްޕޯޓްސްގެ ހަސަން ހާޒިގް ރަޝީދެވެ.