11 Sep 2017, 12:47
ހދ. ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި ހުރި ގެތަކާއި ބިންތަކަށް އުތުރު ބަނދަރު މިސްކިތް ކައިރިން ބިން ދޫކޮށް ބަދަލު ދިނުމަށް ކައުންސިލުން ނިންމައިފި އެވެ.
ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުއްލަތީފް ހަސަން މިއަދު 'ސަން' އަށް ވިދާޅުވީ އެއާޕޯޓް ސަރަހައްދުގައި އޮތް 18 ގޯތި އުތުރު ބަނދަރުގެ މަސްޖިދުލް ފިރުދައުސް ހުންނަ ސަރަހައްދަށް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ.
އެއާޕޯޓް ސަރަހައްދުން ގޯތި ދޫކޮށްފައިވާ 18 ބިމުގެ ތެރެއިން ބައެއް ބިންތަކުގައި މިހާރު ވެސް މީހުން ދިރިއުޅެމުންދާ އިރު އަބްދުއްލަތީފް ވިދާޅުވީ އެތަންތަނުގައި ގެދޮރު އިމާރާތްކޮށްފައިވާ ފަރާތްތަކަށް ގެދޮރުން ބަދަލު ދޭނެ ކަމަށާއި އެ ނޫން ތަންތަނަށް ދޭނީ ގޯތި ކަމަށެވެ.

ކުޅުދުއްފުށި: އެ ރަށުގެ ލޭންޑް ޔޫސް ޕްލޭން އެއާޕޯޓް ހިމަނައިގެން ތައްޔާރުކޮށްފައި ---
"މީހުން ދިރިއުޅޭ ގެތަކަށް އެކަށީގެންވާ ބަދަލެއް ދޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފައި. ކައުންސިލަށް އަންގާފައި އޮތީ އެ ގެތައް ބަދަލު ކުރާނެ ސަރަހައްދެއް ކަނޑައެޅުމަށް،" އޭނާ ވިދާޅުވި އެވެ.
ލަތީފް ވިދާޅުވީ ގޯތިތައް އެހެން ސަރަހައްދަކަށް ބަދަލުކުރުމަށް ނިންމުމާ ގުޅިގެން އެއްވެސް ފަރާތަކުން ދެކޮޅު ހަދާފައިނުވާ ކަމަށާއި ކުޅުދުއްފުށީގެ ރައްޔިތުން ބޭނުން ވަނީ އެ ރަށުގައި އެއާޕޯޓެއް އެޅުން ކަމަށް އޭނާ ވިދާޅުވި އެވެ.
ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމަކީ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ވައުދެކެވެ. މި އަހަރުގެ ތެރޭގައި ފަސް ރަށެއްގައި އެއާޕޯޓް އެޅުމުގެ އަމަލީ މަސަތްކަތް ފަށާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި އެ ފަސް ރަށުގެ ތެރޭގައި ކުޅުދުއްފުށި ވެސް ހިމެނެ އެވެ.