ދިވެހި ފިލްމީ ދާއިރާގެ މަޝްހޫރު ތަރި މަރިޔަމް އައްޒަ އާއި، ފިލްމީ ދާއިރާއަށް އަލަށް ތައާރަފްވާ އުންމީދީ ބަޠަލް، މުހައްމަދު ޔުނާން ލީޑު ރޯލުން ފެނިގެންދާ، ކްރިސްޓަލް އެންޓަޓެއިންމަންޓުގެ "ބޮސް" ރިލީޒް ކުރާން ހަމަޖެހިފައިވާ ތާރީޚް ހަފްތާއެއްހާ ދުވަހަށް ފަސްކޮށްފިއެވެ.

މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އަދި ޕްރޮޑިއުސަރު ފާތިމަތު ނަހްލާ (ނަހޫ)ގެ ''ބޮސް'' ކުރިން ނެރެން ކުރިން ހަމަޖެހިފައިވާ ތާރީޚަކީ، އަންނަ އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހެވެ. އަދި ފިލްމުގެ ހުރިހާ މަސައްކަތެއްވެސް މިހާރު ވަނީ ގާތްގަނޑަކަށް ހަމަ އެއްކޮށް ނިމިފައެވެ. ނަމަވެސް މިހާރު ވަނީ، އޮކްޓޫބަރު 31 ވަނަ ދުވަހުގެ ރެއަށް ފަސްކޮށްފައެވެ.

"އޮކްޓޫބަރު 25 ވަނަ ދުވަހަކީ ދެވަނަ ޓާމް ޓެސްޓް ފެށޭ ދުވަސް. ފަސްކޮށްލި ނަމަވެސް، ފަހަތުން އެ ދުވަސްތައް އޮލިމްޕަހުން ލިބެން މިއޮތީމަ ހަފްތާއެއްހާ ދުވަސް ފަސްކޮށްލީ،" ޕްރޮޑިއުސަރު ނަހޫ ބުންޏެވެ.

ކުޅަދާނަ ބަޠަލާ އަދި ޑައިރެކްޓަރު އައިޝަތު ރިޝްމީ ރަމީޒު ލައްވައި "ނަހޫ ސްޓައިލަށް" ޑައިރެކްޓްކުރާ ބޮސް އަކީ، "ޒުލޭހާ"، "ޔޫސުފް" އަދި "ކަލާޔާ ނުލާ" ފަދަ ލޯތްބާއި ޖަޒުބާތުން ފުރިގެންވީ ފިލްމުތަކުން ބެލުންތެރީންގެ ހިތްތަކާ ކުޅެލި ފަދައިން، އެ ހިތްތަކާ ކުޅެލާނޭ ފިލްމެއް ކަމަށް ނަހޫ ބުނެއެވެ.