15 Sep 2017, 14:35
ކޮންމެ މީހަކުވެސް އަނެކާއަށް އަޅާލައި އެހީތެރިވުމަކީ ދީނީ ވާޖިބެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.
އިންސާނުން އުފައްދަވާފައިވަނީ އެއްބަނޑު އެއްބަފާ ބައެއްގެ ގޮތުގައި ކަމަށާއި، އަދި އެކަކު އަނެކަކަށް އެހީތެރިކަމާއި މަދަދަށް ބޭނުންވާނެ ފަދަ ގޮތަކަށް ކަމަށް މިއަދުގެ ހުތުބާގައި ބުނެފައިވެއެވެ.
އެކަކު އަނެކަކަށް އެހީތެރިވުމަކީ ދީނީ ވާޖިބެއް ކަމަށާާއި، އެފަދައިން އަމަލު ކުރާ މީހުންނަށް މާތް ﷲ ސުބުޙާނަހޫ ވަތައާލާގެ ރުއްސެވުމާއި މަދަދު ލިބޭނެ ކަމަށް ޚުތުބާގައި ބުންޏެވެ.
މިއަދުގެ ޚުތުބާގައި، އެކަކު އަނެކަކަށް އެހީތެރިވުމަށް ބާރުއަޅުއްވައި ކީރިތި ރަސޫލާ ސައްލަﷲ އަލައިޙި ވަސައްލަމް ހަދީޘް ކުރައްވާފައިވާ ބަސްފުޅުތަކަށް އަލިއަޅުއްވާލެއްވި އެވެ.
ކީރިތި ރަސޫލާ ސައްލަﷲ އަލައިޙި ވަސައްލަމް ހަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވަނީ، "މުއުމިނުން އެއްބަޔަކު އަަނެއް ބަޔަކަށް ލޯބިވުމުގައްޔާއި، ރަހުމް ކުރުމުގައްޔާއި އޯގާތެރިވުމުގައި، އެމީހުންގެ މިސާލަކީ އެއް ހަށިގަނޑެއްގެ މިސާލެވެ. އެހަށިގަނޑުން ގުނަވަނެއްގައި ވޭން އަޅައިފިނަމަ، މުޅި ހަށިގަނޑު ހޭލާހުރުމުންނާއި ހުން އައުމުން އެ ގުނަވަނާއި ބައިވެރިވެ އެވެ."
މިއަދުގެ ހުތުބާގައި، އިސްލާމީ މުޖުތަމައުތަކުގައިވެސް އެހެން މީހުންގެ އެހީތެރިކަމާއި އަަޅާލުން ބޭނުންވާނެ ބަޔަކު ދިރިއުޅެމުންދާ ކަމަށާއި، އެފަދަ މީހުންނަށް އެހީތެރިވާން ޖެހޭނެ ކަމަށް ބުންޏެވެ. އެކަމަކީ އިންސާނިއްޔަތު ކަމުގެ އިތުރުން މުސްލިމުންގެ އީމާންކަމާވެސް ގުޅިފައިވާ ކަމެއް ކަމަށް ޚުތުބާގައި ބުންޏެވެ.
ކީރިތި ރަސޫލާ ސައްލަﷲ އަލައިޙި ވަސައްލަމް ހަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވަނީ، "ތިޔަބައިމީހުން އަމިއްލަ ންފުސަށް ލިބުމަށް އެދޭ ކަމެއް ތިމާގެ އަޚާއަށްވެސް ލިބުމަށް އެދެފުމަށް ދާންދެން، ތިޔަބައިމީހުންކުރެ އެކަކުވެސް އީމާނެއްނުވެ އެވެ." މިހެންނެވެ.
އެގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅެމުންދާ ފަގީރުންނާއި، ޔަތީމުންނާއި އަޅާލާނެ ބަޔަކު ނެތް ބަޔަކު އުޅޭ ކަމަށް ޚުތުބާގައި ފާހަގަ ކުރެއްވި އެވެ.
"އެމީހުންގެ ތަކުލީފުތަކާއި އުދާސްތަކުގައި ބައިވެރިވާން އެބަޖެހޭ. ހާލުގެ ދުލުން މިއަދު އެމީހުން ގޮވަމުން އެދަނީ އަޅުގަނޑުމެންގެ އެހީތެރިކަމަށް،" މިއަދުގެ ޚުތުބާގައި ބުންޏެވެ.
ޚުތުބާއި، މުސީބާތާއި ތަކުލީފުގެ ވަގުތުތަކުގައި އެ މީހުންނަށް އެހީތެރިވެ އަޅާލުމަކީ ވާޖިބެއް ކަމަށާއި، އެއީ އީމާންކަން ފުރިހަމަވުމުގެ ރަމްޒެއް ކަމަށް ބުންޏެވެ. އަދި އިސްލާމު ދީނުގައި އުޙުއްވަތްތެރިކަމާއި އެއްބަނޑު އެއްބަފާކަމަށް ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވާ ކަމަށް ޚުތުބާގައި ފާހަގަ ކުރެއްވި އެވެ.
އެހެން ކަމުން އިސްލާމީ މުޖުތަމައުތަކުގެ އަފްރާދުން ވާންޖެހޭނީ އެއް ހަށިގަނޑެއް ފަދަ އެކުވެރި ބައެއް ކަމުގައި ޚުތުބާގައި ބުންޏެވެ.