20 Sep 2017, 15:12
ރޮހިންގާ މުސްލިމުންނަށް އެހީވުމަށް ޓަކައި ދިވެހި ސަރުކާރުގެ ފަރާތުން ހިންގާ ޙާއްސަ ހަރަކާތުގައި މޯލްޑިވްސް ކަސްޓަމްސްއިން ބައިވެރިވެ ފަންޑު ފޮއްޓެއް ބަހައްޓައިފި އެވެ.
އެ ފޮށި މިއަދު ބެހެއްޓީ ކަސްޓަމްސް އިމާރާތް ކުރިމަތީގަ އެވެ.
ފަނޑުފޮށި ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނާ ޖެނަރަލް އޮފް ކަސްޓަމްސް އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންނަކީ އެއް ނަސްލަކަށް ނިސްބަތްވާ އެއް ދީނަކަށް ތަބާވާ، އެއް މިއްލަތެއްގެ ވަރަށް ނަސީބު ގަދަ ބައެއް ކަމަށެވެ. ނަމަވެސް ދުނިޔޭގެ އެކި ހިސާބުތަކުގައި ނަސްލީ ތަފާތުކުރުމާއި ދީނީ ތަފާތުކުރުންތަކުގެ ސަބަބުން އެތައް ބަޔަކު ހާލުގަ ޖެހިފަވާ ކަމަށާއި އެގޮތުން މިއަދު ބެހެއްޓި ފަންޑް ފޮއްޓަކީ ރޮހިންގާގައި ހާލުގަ ޖެހިފައިވާ މުސްލިމުންނަށް އެހީމުމަށް ޓަކައި ހިންގާ ހަރަކާތަށް ފައިސާ ހޯދުމަށް ބެހެއްޓި ފޮއްޓެއް ކަމަށެވެ.
ކޮމިޝަނާ ޖެނަރަލް އޮފް ކަސްޓަމްސް އިބުރާހިމް ޝަރީފް މުހައްމަދު މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަނީ -- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު
ޝަރީފް ވިދާޅުވީ މިއަދު ބެހެއްޓި ފަންޑު ފޮށްޓަކީ ރޮހިންގާ މުސްލިމުންނަށް އެހީވުމަށް ޓަކައި ކަސްޓަމްސް އިން ކުރިޔަށް ގެންދާ ދެވަނަ ހަރަކާތް ކަމަށެވެ. ފުރަތަމަ ހަރަކާތުގައި ކަސްޓަމްސްގެ މުވައްޒަފުން ވަނީ މިހާތަނަށް 150،000 ރުފިޔާ ރޮހިންގާ މުސްލިމުންނަށް ހަދިޔާކުރުމަށް ފަނޑުކޮށްފަ އެވެ.
ރޮހިންގާ މުސްލިމުންނަށް އެހީމުމަށް ހުޅުވި ފަންޑު ފޮށްޓަށް ކަސްޓަމްސްގެ މުވައްޒަފަކު ފައިސާ ލަނި -- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު
މިއަދު ބެހެއްޓި ފަންޑް ފޮއްޓަކީ ކަސްޓަމްސްގެ މުވައްޒަފުންގެ އާއިލާއާއި ބްރޯކަރުންނާއި ކަސްޓަމްސް އަށް ހެޔޮ އެދިވަޑައިގަންނަވާ ބޭފުންނާއި އަދި ވެސް ރޮހިންގާ މުސްލިމުންނަށް އެހީވާން ބޭނުން އެހެން މީހުން ވެސް އެހީ ވުމަށް ޓަކައި ބެހެއްޓި ފަންޑް ފޮށްޓެއް ކަމަށް ޝަރީފް ވިދާޅުވި އެވެ.
ރޮހިންގާ މުސްލިމުންނަށް އެހީމުމަށް ހުޅުވި ފަންޑު ފޮށްޓަށް ކަސްޓަމްސްގެ މުވައްޒަފަކު ފައިސާ ލަނި -- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު
ޝަރީފް ވިދާޅުވީ ކަސްޓަމްސްގެ މުވައްޒަފުންނަކީ އިޖުތިމާއީ، އަދި މީހުންނަށް އެހީވުމުގައި ނަމޫނާ ދައްކާ ބައެއް ކަމަށެވެ. ކަސްޓަމްސްގެ ފަރާތުން ރޮހިންގާ މީހުންނަށް އެހީވުމަށް ހޯދާ ފައިސާ ވެސް ހަވާލުކުރުމަށް ހަމަޖެހިފައި ވަނީ މޯލްޑިވްސް ރެޑް ކްރެސެންޓާ ކަމަށް އެފަރާތުން ބުންޏެވެ.