24 Sep 2017, 09:21
މިދިޔަ ހުކުރު ދުވަހު ރިލީޒް ކުރި ފިލްމު 'ހަސީނާ ޕާކަރް'ގެ ފުރަތަމަ ލުކް ދައްކާލުމާ އެކު ގިނަ ބަޔަކު ތިބީ އެއީ ތަފާތު މޮޅު ފިލްމަކަށް ވާނެ ކަމުގެ އުންމީދުގައެވެ. ޚާއްސަކޮށް ބަތަލާ ޝްރައްދާ ކަޕޫރު މުޅިން ތަފާތު ރޯލަކުން ފެންނާތީ ގިނަ ބަޔަކު ތިބީ ފިލްމު ބެލުމަށް ކެތްމަދު ވެފައެވެ.
އެހެން ނަމަވެސް ބެލުންތެރިންނަށް ވެސް އަދި ކްރިޓިކްސް އަށް ވެސް ފިލްމު ކަމުދާ ގޮތެއް ނުވި އެވެ. ފުރަތަމަ ދުވަހު އެ ފިލްމަށް ލިބުނު އާމްދަނީ ވެސް ވަރަށް ކުޑަ އެވެ.
ޚަބަރުތައް ބުނާގޮތުން 'ހަސީނާ ޕާކަރު' ރިލީޒް ކުރި ދުވަހު ފިލްމަށް ލިބިފައި ވަނީ އެންމެ 2.25 ކުރޯރު ރުޕީޒް އެވެ. ފިލްމަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި އިރު، ޝްރައްދާ އަށް ހަސީނާގެ ރޯލު ރަނގަޅަށް އަދާކުރެވިފައި ނުވާ ކަމަށް ބުނެ އޭނާ އަށް ވެސް ބޮޑެތި ފާޑުކިޔުންތަކެއް އަންނަނީ އަމާޒުވަމުންނެވެ.
އިންޑިއާގެ ޑޯން ދާވޫދް އިބްރާހިމްގެ އަންހެން ކޮއްކޮ ހަސީނާ ޕާކަރުގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ އެ ފިލްމު ޑައިރެކްޓު ކުރީ 'ޝޫޓްއައުޓް އެޓް ލޮކަންޑްވާލާ' ވެސް ޑައިރެކްޓް ކުރި އަޕޫރްވާ ލާކިއާ އެވެ.
އެ ފިލްމުގައި ދައްކުވައިދޭނީ ހަސީނާ ޕާކަރުގެ އުމުރުން 17 އަހަރާއި 55 އަހަރާ ދެމެދު ހިނގާފައިވާ ހާދިސާތަކެވެ. ފިލްމުގައި ދާވޫދުގެ ރޯލުން ފެނިގެންދާނީ ޝްރައްދާގެ ބޭބެ ސިދާންތު ކަޕޫރެވެ. މިއީ ޝްރައްދާ އާއި ސިދާންތު އެކުގައި ފެނިގެން ދިޔަ ފުރަތަމަ ފަހަރެވެ. ޝްރައްދާގެ ފިރިމީހާގެ ރޯލުން ފެނިގެން ދާނީ އަންކުރް ބާޓިއާ އެވެ.