24 Sep 2017, 15:20
ޝަރުއީ ދާއިރާގައި ހުރި މައްސަލަތައް ފާހަގަކޮށް ސުޕްރީމް ކޯޓަށް ޕެޓިޝަން ހުށަހެޅި ގާނޫނީ ވަކީލުން ސަސްޕެންޑުކޮށްފައިވާތީ އެ ވަކީލުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އާ ދެކޮޅަށް ދައުވާކޮށްފިއެވެ.
ސަސްޕެންޑުކުރި 56 ވަކީލުންގެ ތެރެއިން 13 ވަކީލެއްގެ ސަސްޕެންޝަން ވަނީ އުވާލާފައެވެ. މިއަދު ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ ބާކީ ތިބި ވަކީލުންނެވެ.
ގާނޫނީ ވަކީލު މަހުފޫޒު ސައީދު ވިދާޅުވީ ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައިވާނީ ގާނޫނީ ވަކީލުން ސަސްޕެންޑު ކުރުމަކީ ޑީޖޭއޭއަށް ލިބިގެންވާ ބާރެއް ނޫން ކަމަށް ކަނޑައަޅައިދިނުމަށް ކަމަށެވެ.
ސަސްޕެންޑު ކުރި ވަކީލުންގެ ސަސްޕެންޝަން އުވާލުމަށް ގޮވާލައި އިތުރު 35 ވަކީލަކު ވަނީ ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅާފައެވެ.
"ސަން" އަށް ކޮޕީ ލިބިފައިވާ އެ ޕެޓިޝަންގައި ސޮއިކުރެއްވި ވަކީލުންގެ ތެރޭގައި ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިނާއި ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އާއި ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ހިމެނިވަޑައިގަންނަވައެވެ.
އެ ޕެޓިޝަންގައި ވަނީ ޝަރުއީ އަދި ގާނޫނީ އުސޫލަކީ ވެސް އެއްވެސް ފަރާތަކާ މެދު ތުހުމަތުކުރެވޭ މައްސަލައެއް ވާނަމަ އެ މައްސަލައެއް ތަހުގީގުކޮށްގެން ނޫނީ އެއްވެސް ފަރާތަކާ މެދު ފިޔަވަޅު ނޭޅުން ކަމަށެވެ.
ސަބަބަކީ މައްސަލައެއްގައި ތުހުމަތު ކުރެވޭ ފަރާތަކާ މެދު ފިޔަވަޅު އަޅަންޖެހޭކަން ނުވަތަ ނޫންކަން އެނގޭނީ ތަހުގީގަކުން ކަމުގައިވާތީ ކަމަށް ވެސް އެ ޕެޓިޝަންގައިވެއެވެ.