25 Sep 2017, 11:12
ބާލިން(ސެޕްޓެމްބަރު 25): ޖަރުމަނުގައި އިއްޔެ ބޭއްވި ޕާލަމެންޓްރީ އިންތިޚާބު އެ ގައުމުގެ ޗާންސެލާ އެންގެލާ މާކަލްގެ ކްރިސްޓިޔަން ޑިމޮކްރެޓިކް އެލަޔަންސުން ކާމިޔާބުކޮށްފިއެވެ.
އިންތިޚާބުގެ ވޯޓުގެ ތިންބައިކުޅަ ދެބައި މިހާރު ގުނާފައިވާ އިރު ބޮޑު ތަފާތަކުން އެހެން ޕާޓީތަކަށް ވުރެ ކުރީގައި އުޅެނީ އެންގެލާ މާކަލްގެ ކްރިސްޓިޔަން ޑިމޮކްރެޓިކް އެލަޔަންސެވެ. އެލަޔަންސުން ވޯޓުގެ 33 ޕަސެންޓް ކާމިޔާބުކޮށްފައިވާ އިރު މާކަލްގެ އެލަޔަންސާ އެންމެ ގާތުން ވާދަކުރާ ސޯސަލިސް ޑިމޮކްރެޓިކް ޕާޓީއަށް ލިބިފައި ވަނީ ވޯޓުގެ 21 ޕަސެންޓެވެ. އެހެން ޕާޓީތަކަށް ލިބިފައި ވަނީ މިއަށް ވުރެ މާ ކުޑަ ނިސްބަތެއްގެ ވޯޓެވެ.
ޖަރުމަނުގެ ޕާލަމެންޓްގައި 630 ގޮނޑި ހިމެނެ އެވެ. މިހާރު ގުނަމުންދާ ވޯޓުގެ ނަތީޖާތައް ދައްކާ ގޮތުން މާކަލްގެ ކްރިސްޓިޔަން ޑިމޮކްރެޓިކް އެލަޔަންސަށް ލިބޭނެ ކަމަށް ލަފާކުރެވެނީ މީގެތެރެއިން 220 ގޮނޑިއާއި 240 ގޮނޑި އާ ދެމެދުގެ މިންވަރެކެވެ. މިވަރުން ކޯލިޝަން އަކާނުލައި ސަރުކާރެއް އެކުލަވައެއް ނުލެވޭނެ އެވެ. ސަރުކާރެއް އެކުލަވާލުމަށް ޓަކައި މަދުވެގެން 316 ގޮނޑި ބޭނުންވާނެ އެވެ. އެހެންކަމުން އިތުރަށް ބޭނުންވާ ގޮނޑިތައް ހޯދުމަށް ޓަކައި މާކަލް އަށް ޖެހިވަޑައިގަންނަވާނީ އެހެން ޕާޓީއަކާ އެކު ކޯލިޝަން ހަދާށެވެ.
އެންމެ ފަހުން ޖަރުމަނުގައި ޕާލަމެންޓްރީ އިންތިޚާބު ބާއްވަފައި ވަނީ 2013 ވަނަ އަހަރު އެވެ. އެ އަހަރު މާކަލްގެ ކްރިސްޓިޔަން ޑިމޮކްރެޓިކް އެލަޔަންސަށް ވޯޓުގެ 41 ޕަސެންޓް ހާސިލް ކުރެވުނެވެ. ނަމަވެސް މިފަހަރު ލިބޭނެ ކަމަށް ލަފާކުރެވެނީ އެންމެ މައްޗަށް ވެސް 35 ޕަސެންޓެވެ.
މިފަހަރުގެ އިންތިޚާބުގައި ކުރީ ފަހަރަށް ވުރެ ބޮޑު ކާމިޔާބީއެއް ހޯދާފައި ވަނީ އިސްލާމް ދީނާއި މުސްލިމުންނާ އަދި ޖަރުމަނަށް ހިޖްރަކުރާ ފަރާތްތައް އެގައުމުން ބޭރުކުރުމަށް ގޮވާލާ ވަތަނީ ހަރުކަށި ވިސްނުމުގެ ޕާޓީއަށެވެ. މިފަހަރުގެ އިންތިޚާބުގައި އެޕާޓީއަށް ތިންވަނަ ލިބިފައިވާ އިރު އެއީ ވޯޓުގެ 13 ޕަސެންޓް ކުރީގެ އިންތިޚާބުތަކުގައި އެޕާޓީއަށް ލިބިފައި ވަނީ ފަސް ޕަސެންޓަށް ވުރެ މަދު މިންވަރެކެވެ.
މިފަހަރުގެ އިންތިޚާބު ކާމިޔާބު ކުރެވުމާ އެކު އެންގެލާ މާކަލް މިވަނީ ޗާންސެލާ ކަމުގެ ހަތަރު ވަނަ ދައުރަކަށް ހޮވިފަ އެވެ. ހަތަރު ދައުރު މާކަލް އަށް ކާމިޔާބު ކުރެވުމަކީ ތާރީޚި ކަމެއްކަމަށް ޖަރުމަނުގެ މީޑިއާ ބުނެ އެވެ. އުމުރުން 63 އަހަރުގެ މާކަލް އަކީ ކުރީގެ އިރުމަތީ ޖަރުމަނަށް ނިސްބަތްވާ ބޭފުޅެކެވެ. ދެ ޖަރުމަނު އަލުން އެއްވެ އެއްޖަރުމަނު އުފެދުނީ 1990 ވަނަ އަހަރު އެވެ. (ޑޮޗްވެލޭ)