އުފަން ފަސްގަނޑު ކަމަށްވާ އިޓަލީ މަތިން ވަރަށް ހަނދާންވާ ކަމަށާއި ވަރަށް އަވަހަށް އެނބުރި ގައުމަށް ދާން ވިސްނާ ކަމަށް ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފިއެވެ.

އިޓަލީގެ ރޭޑިއޯ ސްޓޭޝަނެއް ކަމަށްވާ ރޭޑިއޯއޫނޯއަށް ދިން އިންޓަވިއުއެއްގައި ކޮންޓޭ ބުނީ ޗެލްސީ އާއެކު އޭނާ ހޭދަކޮށްފައިވާ އަދި ހޭދަކުރަމުންދާ ދުވަސްތަކަކީ އޭނާ ހީކުރިވަރަށް ވުރެ އުފާވެރި ކާމިޔާބު ދުވަސްތަކެއް ކަމަށާއި މާގިނަ ދުވަސްތަކެއް ނުވެ އެނބުރި ގައުމަށް ދާނެ ކަމަށެވެ.

"އިޓަލީ އަކީ އަހަރެންގެ އުފަން ގައުމު، ޔަގީނުން ވެސް ވަރަސް ހަނދާން ވޭ. އަހަރެން އެތާނގައި ގިނަ ތަޖުރިބާތަކެއް ކޮށްފިން. އެހެންކަމުން އަހަރެން އެނބުރި ދާނަން. ކޮންއިރަކުން ކަމެއް ނޭނގެ އެކަމަކު ދާނަން،" ކޮންޓޭ ބުންޏެވެ.

އުމުރުން 48 އަހަރުގެ ކޮންޓޭ ވަނީ ޗައިނާގެ ކުލަބަކަށް ކޯޗުކަން ކޮށްދޭނެ ކަމާމެދު އެއްޗެއް ބުނަން ނޭނގޭ ކަމަށް ބުނެފައެވެ. އަދި ކުރިމަގުގައި ވާނޭ ގޮތެއް ބުނަން ނޭނގޭ ކަމަށާއި އަބަދުވެސް ބޭނުން ވަނީ ދާ ކޮންމެ ތާކުން ވެސް ކަމިޔާބީ ހޯދަން ކަމަށް ކޮންޓޭ ބުންޏެވެ.

"އަހަރެމެން މެނޭޖަރުންގެ ވަޒީފާ އަކީ އެންމެ ވާނެ ގޮތެއް ބުނަން ނޭނގޭނެ އެއް ވަޒީފާ. މިއަދު މަސައްކަތް ކުރިއަސް މާދަމާ ވަޒީފާއިން ވަކިކޮށްފާނެ. އަހަރެން ބޭނުން ވަނީ އެއް ޕްރޮޖެކްޓް ކާމިޔާބު ކަމާއެކު ނިންމާލައި އަނެއް ޕްރޮޖެކްޓު އިހްތިޔާރު ކުރުމުގައި ރަނގަޅު ނިންމުމެއް ނިންމަން،" ކޮންޓޭ ބުންޏެވެ.

މިދިޔަ އަހަރު ޗެލްސީގެ ކޯޗު ކަމާ ހަވާލުވެ ފުރަތަމަ ސީޒަނުގައި ކޮންޓޭ ވަނީ ޗެލްސީއަށް ޕްރިމިއަރ ލީގު ކާމިޔާބު ކޮށްދީފައެވެ. މިއާއެކު މި ސީޒަން ވެސް ޗެލްސީ އިން ފަށާފައި ވަނީ ވަރަށް "ޕޮޒިޓިވް" ކޮށެވެ.