ބޮލީވުޑްގެ މަޝްހޫރު ފިލްމު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީއާ އެކު މަސައްކަތްކޮށްލަން ލިބުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ކުޅަދާނަ ބަތަލު ޝާހިދު ކަޕޫރު ބުނެފިއެވެ.

އަންނަ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު ރިލީޒް ކުރަން ހަމަޖެހިފައިވާ "ޕަދްމާވަތީ" ފިލްމުގައި ސަންޖޭ އާއި އެއްކޮށް ހަރަކާތްތެރިވެލުމުގެ ފުރުސަތު ލިބުމަކީ ވަރަށް އުފާވާކަމެއްކަމަށާއި އެކަމަކީ ވަރަށް 'އެޑްވެންޗަރަސް' ކަމެއް ކަމަށް އޭނާ ބުންޏެވެ.

"އަސްލު ވަރަށް އުފާވޭ މިކަހަލަ ކުޅަދާނަ ޑައިރެކްޓަރަކާ އެކީ ފިލްމު ކުޅެލަން ލިބުނީމަ. މިއީ ވަރަށް އުފާވެރިކަމެއް. ވަރަށް އެޑްވެންޗަރަސް ކަމެއް. ވަރަށް ސަޅި ފިލްމުގެ ހުރިހާ މަސައްކަތެއްވެސް. ވަރަށް ހިތްހަމަޖެހޭ ފިލްމާ ދޭތެރޭ،" ޝާހިދު ބުންޏެވެ.

ޝާހިދުގެ އިތުރުން ފިލްމުގައި ހަރަކާތްތެރިވާ ދީޕިކާ ޕަދުކޯންގެ އެކްޓިންގް އާ ދޭތެރޭ ޝާހިދު ބުނީ ދީޕިކާ އަކީ އެއްވަނަ ކަމުގައެވެ.

"އޭނާ އަކީ މިހާރު މުޅި ބޮލީވުޑްގެ ވެސް އެންމެ ފުންނާބު އުސް ފަންނާނު. ވަރަށް ކަމަށް ކަމޭހިތާ ހިތްވަރުގަދަ މީހެއް އޭނަ އަކީ. ފިލްމުގައި އޭނާ ދައްކުވައިދިން އެކްޓަށް ހަމަ އައްސަރިބަހާ ސާބަސް. ވަރަށް ފުރިހަމަކޮށް ކުޅެފައި އޮތީ،" ޝާހިދު ބުންޏެވެ.

ޕަދްމާވަތީ އަކީ 150 ކުރޯޑް ބަޖެޓަކުން އުފައްދާ ފިލްމެކެވެ. ޕަދްމާވަތީގައި ޕަދްމާވަތީގެ ރޯލުން ފެނިގެން ދާނީ ދީޕިކާ އެވެ. ޕަދްމާވަތީގެ ފިރިމީހާ ރާޖާ ރަވާލް ރަތަން ސިންގްގެ ރޯލުން ފެނިގެން ދާނީ ޝާހިދު އެވެ. އަދި ރަންވީރު ސިންގ އަދާކުރާނީ އަލާއުއްދީން ޚިލްޖީގެ ރޯލެވެ.