ޔޫއެފާ ޗެމްޕިއަންސް ލީގުގައި ފަހު ވަގުތު އެތުލެޓިކޯ މެޑްރިޑް އަތުން ޗެލްސީން މުހިންމު މޮޅެއް ހޯދައިފިއެވެ.

ރަށުން ބޭރުގައި ރޭ ކުޅުނު 'ގްރޫޕް ސީ'ގެ މެޗުގައި އެތުލެޓިކޯ އަތުން ޗެލްސީ މޮޅުވީ ފަހަތުން އަރައި 2-1 ލަނޑުގެ ނަތީޖާއަކުންނެވެ.

އެ މެޗުގައި ޗެލްސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީން ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައިވެއެވެ. އެގޮތުން ޗެލްސީގެ ސްޕެއިން ފޯވަޑް އަލްވާރޯ މޮރާޓާއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ.

އެތުލެޓިކޯއިން ވަނީ ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް، ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ޗެލްސީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ޔަނިކް ކަރަސްކޯއަށް ޑޭވިޑް ލުއިޒް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ، އެތުލެޓިކޯއަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ފްރާންސް ފޯވަޑް އެންޓޮއިން ގްރީޒްމަންއެވެ.

ގިނަ ހަމަލާތަކަކަށްފަހު ޗެލްސީއަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރެވުނީ މެޗުގެ 59 ވަނަ މިނެޓުގައެވެ. މުޅި މެޗުގައި މޮޅު ކުޅުމެއް ދައްކަމުންދިޔަ ބެލްޖިއަމް ފޯވަޑް އެޑެން ހަޒާޑް ނަގައިދިން ރީތި ހުރަހަކުން ޗެލްސީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ މޮރާޓާއެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގައި އެތުލެޓިކޯއާއި ޗެލްސީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޗެލްސީ މޮޅުވީ 2-1 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

ވާދަވެރި ކުޅުމަކަށްފަހު ޗެލްސީން ތިން ޕޮއިންޓް ކަށަވަރުކުރި ލަނޑު ފެނިގެންދިޔައީ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައެވެ. މާކޮސް އަލޮންސޯ ދިން ބޯޅައަކުން ޗެލްސީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް ބެލްޖިއަމް ފޯވަޑް މިޗީ ބަޓްޝުއާއީއެވެ.

އެ ގްރޫޕްގައި ކުޅުނު އަނެއް މެޗުގައި ގަރަބާޖް އަތުން ހަނި ތަފާތަކުން ރޯމާ ވަނީ 2-1 ލަނޑުގެ ނަތީޖާއަކުން މޮޅުވެފައެވެ. ރަށުން ބޭރުގައި ކުޅެމުންދިޔަ ރޯމާގެ ފުރަތަމަ ލަނޑު ކޮސްޓަސް މަނޯލާސް ކާމިޔާބުކޮށްދިން އިރު، އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެޑެން ޖެކޯއެވެ. ގަރަބާޖްގެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޕެޑްރޯ ހެންރިކްއެވެ. އެ ތިން ލަނޑު ވެސް ފެނިގެންދިޔައީ މެޗުގެ ފުރަތަމަ ހާފުގެ ތެރޭގައެވެ.

އެ ގްރޫޕްގެ އެއްވަނާގައި ޗެލްސީ އޮތީ ކުޅުނު ދެ މެޗުން ލިބުނު ހަ ޕޮއިންޓާއެކުއެވެ. ދެވަނާގައި އޮތް ރޯމާއަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ތިންވަނާގައި އޮތް އެތުލެޓިކޯއަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. އަދި ގްރޫޕްގެ ފުލުގައި އޮތް ގަރަބާޖްއަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.