28 Sep 2017, 10:13
ބޮޑު ނަވެއް ބަރާކޮށްގެން އަތޮޅުތެރެއަށް ގޮސް އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކާމިޔާބު ކުރައްވާނެ ކަމަށް އެމްޑީއޭގެ ނައިބު ލީޑަރު އަލީ މައުރޫފް ވިދާޅުވެއްޖެ އެވެ.
ރޭ ރުމާލު 2 ޖަގަހާގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން މައުރޫފް ވިދާޅުވީ، ސަރުކާރު ކޯލިޝަންގެ ނައު ބަރުކޮށްފައި އޮންނާނީ، ތަރައްގީގެ މަޝްރޫއުތަކުން ކަމަށާއި އިންތިހާބު ފަސޭހަކަމާ އެކު ކާމިޔާބު ކުރާނެ ކަމަށެވެ.
"އެ ނައު ބަރުކޮށްފައި އޮންނާނީ ބޮޑު ބްރިޖަކާއި އެ ނައުގައި އޮންނާނެ ބޮޑު އެއާޕޯޓަކާއި އެ ނައުގައި އޮންނާނެ 25 ބުރީގެ ހޮސްޕިޓަލަކާ އެ ނައުގައި އޮންނާނެ ބޮޑެތި ފްލެޓްތަކާއި ހުރިހާ އެއްޗެއް ބަރާކޮށްގެން ދާނީ އަތޮޅުތެރެއަށް. އިރާދަކުރެއްވިއްޔާ އެއްލަކިން އަޅުގަނޑުމެން އެކަން ކާމިޔާބު ކުރާނަން،" މައުރޫފް ވިދާޅުވި އެވެ.
މައުރޫފްގެ ވާހަކަފުޅުގައި، ރައީސް ޔާމީންގެ މަސައްކަތްޕުޅުގައި އެންމެ އިހްލާސްތެރިކަމާ އެކު މަސައްކަތްކޮށްދެއްވާނީ މެޑަމް ފާތިމަތު އިބްރާހީމް ކަމަށް ވިދާޅުވި އެވެ.
މައުރޫފް ވަނީ ސިޔާސީ ޕޯޑިއަމްތަކުގައި އިދިކޮޅު ފަރާތްތަކަށް ރައްދުދެއްވުމަށް މެޑަމް ފާތުންނަށް ދައުވަތު ދެއްވައިފަ އެވެ.
މައުރޫފް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކުރައްވާ މަސައްކަތުގައި އެންމެ އިހްލާސްތެރިކަމާ އެކު މަސައްކަތް ކޮށްދެއްވާނީ މެޑަމް ފާތުން ކަމަށެވެ.
"އަޅުގަނޑު ހަމަ އިހްލާސްތެރިކަމާ އެކު މެޑަމް އަށް ދައުވަތު އަރުވަން ސިޔާސީ ޕޯޑިއަމްތަކުގައި ވެސް ވާހަކަ ދައްކަވަން. އެމްޑީޕީއަށާއި އިދިކޮޅު ފަރާތްތަކަށް ރައްދު ވެސް ދޭންވީ. އެއް ގޮތަކަށް ވެސް މަޑުން ހުންނާނެ ކަމެއް ނެތް،" މައުރޫފް ވިދާޅުވި އެވެ.
އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފަލާހް ވިދާޅުވީ، ރައީސް ޔާމީންގެ ފަހަތްޕުޅުގައި މަސައްކަތް ކުރަނީ ރައީސް ޔާމީނަކީ ތެދުވެރި އިހްލާސްތެރި ބޭފުޅަކަށް ވާތީ ކަމަށެވެ.
"އަޅުގަނޑުމެންނަކަށް މިއަދާ ހަމައަށް ވެސް ސާބިތެއް ނުކުރެވުނު އެ މަނިކުފާނު ދޮގެއް ހެދިކަމެއް. ދޮގެއް ހެދިކަމެއް ސާބިތެއް ނުވޭ. އެ މަނިކުފާނު އަޅުގަނޑުމެން ކައިރީ މިއަދާ ހަމައަށް ދެންނެވި ހުރިހާ ވާހަކަފުޅުތަކެއް އޮތީ ހަގީގަތަކަށް ހައްދަވައި ދެއްވާފައި،" ފަލާހް ވިދާޅުވި އެވެ.
ރައީސް ޔާމީނަކީ ތަފާތު ކުރުމެއް ނެތި ވެރިކަން ކުރައްވާ ވެރިއެއް ކަމަށް ފަލާހް ވިދާޅުވި އެވެ.
އެ ޖަލްސާގައި ރައީސް ޔާމީންގެ ދެމަފިރިކަނބަލުންގެ އިތުރުން ސަރުކާރުގެ އިސްވެރިންނާއި ސަރުކާރު ކޯލިޝަންގެ މަޖިލިސް މެމްބަރުން ބައިވެރިވެ ވަޑައިގެންނެވި އެވެ.