29 Sep 2017, 16:59
ރާާއްޖޭގެ އިގްތިސާދަކީ ދުޅަހެޔޮ އިގްތިސާދެއްކަމަށާއި ރާއްޖޭގެ އިގްތިސާދުގެ ކުރިއެރުން ރަނގަޅުވާނެކަމަށް ދުނިޔޭގެ އެކި ގައުމުތަކުގެ ކަންކަން ދިރާސާކުރާ މޫޑީސް އިންވެސްޓާސް ސާވިސް އިން ތައްޔާރުކުރި ރާއްޖޭގެ ކްރެޑިޓް އެނަލިސިސް ރިޕޯޓުގައި ބުނެފި އެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖޭގެ ކްރެޑިޓް ރޭޓިންއަށް ބީ ޓޫ ދީފައިވާއިރު މޫޑީސްއިން ހެދި އެނަލިސިސްގައިވާ ގޮތުން ރާއްޖެއަށް ދިން ބީ ޓޫ ކްރެޑިޓް ރޭޓިން ވަނީ ދަމަހައްޓައިފައެވެ. އަދި އެ ރޭޓިން ދިނުމުގައި ޓޫރިޒަމްގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް އަންނަ ކުރިއެރުން ފާހަގަކޮށްފައިވެވެ.
މޫޑީޒްގެ ބީ ކެޓަގަރީގައި ތިންބައި ހިމެނޭއިރު، ރާއްޖެއަށް ލިބުނީ އެ ކެޓަގަރީގެ ދެވަނަ ނަންބަރެވެ. އެ ތިން ރޭޓިންއަކީ ވެސް އާންމުގޮތެއްގައި "ސްޓޭބަލް" ނުވަތަ ހަމަޖެހުން އޮންނަ އިގްތިސާދުތަކަށް ދޭ ރޭޓިން އެކެވެ.
ކްރެޑިޓް ރޭޓިންއަކީ އެ ގައުމެއްގެ މާލީ ސިޔާސަތާއި އިގްތިސާދީ ތަސައްވުރު އަދި ސިޔާސީ މަސްރަހަށް ބަލައި އެ ގައުމެއްގެ ކްރެޑިޓް ރިސްކް ބަޔާންކުރުމަށް ހެދޭ ރޭޓިންއެކެވެ. ކޮންމެ އަހަރަކުވެސް ދިރާސާ ކުރުމަށްފަހުގައި އެ ރޭޓިން އަށް ބަދަލު ގެނެވޭނެ އެވެ.
ކްރެޑިޓް ރޭޓިން ރަނގަޅު ކުރެވޭނެ ބައެއް ގޮތްތައް
- ސަރުކާރުގެ މާލިއްޔާގެ ޑެފިސިޓާއި، ސަރުކާރުގެ ދަރަނި ކުޑަކުރުން.
- އިގްތިޞާދީ އުފެއްދުންތެރިކަން އިތުރުކުރުން.
- ރާއްޖޭގެ ސިޔާސީ މަސްރަހަށް ހަމަޖެހުން ގެނެސް، ދެމެހެއްޓެނެވި ސިޔާސަތުތައް ތަންފީޒުކޮށް، މުއައްސަސާތައް ހަރުދަނާ ކުރުން.
ކްރެޑިޓް ރޭޓިންގް ދަށްވާނެ ބައެއް ގޮތްތައް
- ދައުލަތުގެ ދަރަނި ބޮޑުވުން.
- ގުދުރަތީ ހާދިސާއެއް ނުވަތަ ސަރަހައްދީ ސިޔާސީ މަސްރަހަށް ބޮޑު ލޮޅުމެއް ކުރިމަތިވެ، ރާއްޖޭގެ ފަތުރުވެރިކަމާ ބެހޭ ސިނާއަތަށް ކުއްލި ގޮތަކަށް ނޭދެވޭ ބަދަލެއް އައުން.
- ރާއްޖޭގެ ސިޔާސީ މަސްރަހު ހަބޮލިވެ، ސިޔާސަތު ކަނޑައެޅުމުގެ ކަންކަމަށް ބުރޫ އެރުން.
މޫޑީސް އިން ތައްޔާރުކޮށް އިއްޔެ ނެރުނު މިއަހަރުގެ ރާއްޖޭގެ ދިރާސާގައިވާގޮތުން ރާއްޖޭގެ އިގްތިސާދުގައި ދަރަނި ނެގުމާއި ދަރަނި ދެއްކުމުގެ ގާބިލްކަން އެބަ ހުއްޓެވެ.
ދެމެހެއްޓެނިވި ގޮތުގައި ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށްޓަކައި އިގްތިސާދު ފުޅާކޮށް ސިނާއަތްތައް އިތުރު ކުރުމުގެ މުހިންމުކަން މޫޑިސްގެ ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.
ސަރުކާރުގެ ޖީޑީޕީ އިތުރުވުމުގައި ރާއްޖޭގެ އިންފްރާސްޓްރަކްޗާ ތަރަށްގީ ކުރުމަށް ބޮޑެތި ޚަރަދުތަކެއް ކުރިއަށް އޮތް ތާނގައި ކުރާނެ ކަމަށް މޫޑިސް ގެ ދިރާސާގައި ވެއެވެ.
އެގޮތުން 1.5 ބިލިއަން ރުފިޔާގެ އިންވެސްޓްމަންޓްތައް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ކުރާނެކަމަށްވެސް މޫޑީސްގެ ދިރާސާގައި ބަޔާން ކޮށްފައިވެ އެވެ. އަދި ފަތުރުވެރިކަން ކުރިއެރުވުމަށް ކުރާ އިންވެސްޓްމަންޓްތަކުގެ ސަބަބުން ކުރިއަށް އޮތް ތިން އަހަރުގެވެސް ޖީޑީޕީ އިތުރުވަމުން ދާނެކަމަށް މޫޑީސްގެ ދިރާސާގައިވެ އެވެ.
ސޮވެރިން ކްރެޑިޓް ރޭޓިންއަކީ ގައުމެއްގެ ކްރެޑިޓް ރިސްކާއި އިންވެސްޓްމަންޓްގެ މާހައުލު ތިންވަނަ ފަރާތަކުން ހަމަހަމަ ގޮތެއްގައި ބެލުމަށްފަހު ހާމަކުރާ މިންގަނޑެކެވެ. މޫޑީސް އިން ނެރުނު އެނަލިސިސްއަކީ މިދިޔަ އަހަރު ފުރަތަމަ ފަހަރަށް ރާއްޖެއަށް ކްރެޑިޓް ރޭޓިން ދިނުމަށްފަހު ހެދި ފުރަތަމަ ކްރެޑިޓް ރޭޓިން އަޕްޑޭޓެވެ.