01 Oct 2017, 13:03
ފުލުހުންގެ މުއައްސަސާ ބަދުނާމުވާގޮތަށް ވާހަކަ ދައްކާ ކަމަށް ބުނާ މައްސަލައެއްގެ ތަހުގީގަށް މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒު ފުލުހަށް ހާޒިރުވާން އަންގައިފި އެވެ.
އަބްދުﷲ ރިޔާޒަށް ފުލުހުން ފޮނުވާފައި ޗިޓުގައި އަންގާފައި ވަނީ މިއަދު 14:00 އަށް ފުލުސް އޮފީހަށް ހާޒިރު ވުމަށެވެ.
ފުލުހުން ވަނީ ރިޔާޒުގެ މައްޗަށް ތިން ތުހުމަތެއް ކޮށްފަ އެވެ. އެއީ ހަގީގަތާ ހިލާފު ދޮގު ވާހަކަ ފަތުރާ އާންމު ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފައްދަން މަސައްކަތް ކުރާ ކަމަށް ބުނާ މައްސަލައަކާއި ފުލުހުންގެ މަސައްކަތަށް ނުފޫޒު ފޯރުވުމުގެ މައްސަލައެއްގެ އިތުރުން ފުލުހުންގެ މުއައްސަސާ ބަދުނާމުކޮށް ފުލުހުންނާ ގުޅޭ ގޮތުން ހަގީގަތާ ހިލާފު ވާހަކަ މީޑިއާތަކުގައި ދައްކާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އެވެ.
ޗިޓުގައި ބުނެފައި ވަނީ ރިޔާޒު ޕޮލިހަށް ހާޒިރު ކުރަނީ އެ މައްސަލަަތަކުގެ ތަހުގީގަށް ސުވާލު ކުރުމަށެވެ.
ހަމަ އެ ތުހުމަތުތަކުގައި މީގެ ތިން ދުވަސް ކުރިން ވެސް އަބްދުﷲ ރިޔާޒު ވަނީ ޕޮލިހަށް ހާޒިރުކޮށްފަ އެވެ.
ރިޔާޒް ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައިވާ އިރު ފުލުހުން ވަނީ މި ފަހުން އޭނާ ދިރިއުޅޭ އެޕާޓްމަންޓް ވެސް ބަލައި ފާސްކޮށްފަ އެވެ. އަދި އެ ފަހަރު ވަނީ އޭނާގެ ފޯނު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ގިނަ އިރުތަކެއް ވަންދެން ޝަހީދު ހުސައިން އާދަމް ބިލްޑިންގްގައި ބައިންދައިގެން ސުވާލު ވެސް ކޮށްފަ އެވެ.
އަދި މީގެ ކުރިން ރިޔާޒްގެ މައްޗަށް އުފުލާފައިވާ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ހުރަސް އެޅި ކަމުގެ ދައުވާ ސާބިތު ނުވާ ކަމަށް ނިންމާފައިވާ އިރު އޭނާ އަށްވަނީ މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީސް ސަރަހައްދުން ފުލުހުންގެ ސަފު ފަޅާލި ކަމަށް ތުހުމަތުކޮށް ދައުވާ ކޮށްފަ އެވެ.