02 Oct 2017, 14:48
ލަސް ވޭގަސް (އޮކްޓޯބަރު 2): އެމެރިކާގެ ލަސް ވޭގަސްގައި އޮތް ކޮންސެޓެއްގައި ބަޑިން ހަމަލާދީ 20 މީހަކު މަރާލައި، 100 މީހަކު ޒަހަމްކޮށްފި ކަމަށް ލަސް ވޭގަސްގެ ޝެރިފް ޖޯސެފް ލޮމްބާޑޯ ވިދާޅުވެއްޖެ އެވެ.
ލޮމްބާޑޯ ވިދާޅުވި ގޮތުގައި އެހަމަލާ ދިނީ ކޮންސެޓު އޮތް ސަރަހައްދާ ކައިރީ ހުރި މަންޑަލޭ ބޭ ހޮޓެލް އެންޑް ކަސީނޯގެ 32 ވަނަ ފަންގިފިލާއިންނެވެ. އެހަމަލާ ދިން މީހާ މިހާރު މަރާލާފައިވާ އިރު، އޭނާއަކީ ވޭގަސްއަށް ނިސްބަތްވާ މީހެއް ކަމަށް ލޮމްބާޑޯ ވިދާޅުވި އެވެ.
އަދި ފުލުހުން މިހާރު ދަނީ ހަމަލާ ދިން މީހާއާ ގުޅުން ހުރި މީހަކާއި ދެ އުޅަނދު ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށް ލޮމްބާޑޯ ވިދާޅުވި އެވެ.
އެހަމަލާގައި އަނިޔާވި މީހުންނަށް މިހާރު ފަރުވާ ދެމުންދާ އިރު، އޭގެ ތެރެއިން 14 މީހެއްގެ ހާލު ސީރިއަސް ކަމަށް ވޭގަސްގެ ހޮސްޕިޓަލަކުން ބުންޏެވެ. (ރޮއިޓާސް)