02 Oct 2017, 14:37
ލ. ގަމު ގެއެއްގެ ތެރޭގައި މަރާލާފައި އޮއްވައި ފެނުނު ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ ބާންދް ޝަހުމިޔާގެ މަރުގެ މައްސަލައިގެ އަޑުއެހުން ކެންސަލް ކޮށްފި އެވެ.
އެ މައްސަލައިގެ ދައުވާ ލިބޭ ލ. ގަން ރެޑްފިޝް އަލީ ހަމްޒާގެ މައްޗަށް ކުރާ ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާގެ އަޑުއެހުން ކެންސަލްކޮށްފައިވަނީ، ހެކިން ހާޒިރު ނުކުރެވޭތީ ކަމަށް ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ދައުލަތުން ހަމްޒާގެ މައްޗަށް ކޮށްފައި ވަނީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާއެވެ. އެ ދައުވާގައި ބުނެފައިވަނީ 9 ޖޫން 2015 ވަނަ ދުވަހު 22:00 އެހާކަންހާއިރު ލ. ގަން ރަންދާނުގެ ފެންޑާގައި ބާންދް ޝަހުމިޔާ ނިދާފައި އޮއްވާ ދިގުމިނުގައި ތިން ފޫޓު ހުންނަ ދިގު ލަކުޑި ފަތިބުރިއަކުން ބާންދު ޝަހުމިޔާގެ މޫނުގައި ޖަހުމުގެ ސަބަބުން ބާންދު ޝަހުމިޔާ މަރުވެފައިވާ ކަމަށެވެ.
އެ މައްސަލައިގައި ދައުވާ ލިބޭ ހަމްޒާ އެ ބިދޭސީ މީހާ މަރާލި ކަމަށް އެއްބަސްވެފައިވާ ކަމަށް އެ މައްސަލަ ތަހުގީގު ކުރި ފުލުހަކު މީގެ ކުރިން ވަނީ ހެކިބަސް ދީފަ އެވެ.
އޭގެ އިތުރުން ހަމްޒާ ހައްޔަރު ކުރުމަށްފަހު ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން ބާންދު ޝަހުމިޔާ މަރާލި ގޮތް މުއްދަތު މަޖިލީހުގައި ކިޔައިދީފައިވާ ކަމަށާއި، ފުލުހުންގެ ތަހުގީގުގައި ވެސް އެކަމަށް އެއްބަސްވެފައިވާ ކަމަށްވެސް ހެކިވެރިޔާ ބުނެފައިވެ އެވެ.