02 Oct 2017, 14:55
ގއ. ވިލިނގިލީ ކައުންސިލް އިދާރާ ފަޅާލައި ބައި ލައްކަ އަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފި އެވެ.
ވިލިނގިލީ ކައުންސިލްގެ ރައީސް މުސްތަފާ މުހައްމަދު މިއަދު 'ސަން' އަށް ވިދާޅުވީ، ކައުންސިލް އިދާރާގެ ތިން ދޮރެއް ހަލާކު ކޮށްލައިގެން އިދާރާއަށް ވަދެފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ.
އަދި ކައުންސިލް އިދާރާގައި ހުރި ސީސީޓީވީ ކެމެރާތަކަށް މަންޒަރުތައް އަރާފައި ހުރި ނަމަވެސް އެތަނަށް ވަދެފައި ވަނީ އެކަކު ކަމެއް ނޫނީ ބަޔަކު ކަމެއް އަދި ނޭނގެ ކަމަށެވެ.
އެމައްސަލައާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ، އެފަދަ މައްސަލައެއް ފުލުހުންނަށް މިއަދު ހެނދުނު ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލާގައި ވިލިނގިލިން 37 އަހަރުގެ ދިވެހި ފިރިހެނެއް މިހާރު ހައްޔަރުކޮށް ތަހުގީގު ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.
އަދި ވިދާޅުވީ، މިހާތަނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކައުންސިލް އިދާރާ އިން ވަގަށް ނަގާފައި ވަނީ އެ އިދާރާގެ ތެރޭގައި ހުރި 50،000 ދިވެހި ރުފިޔާ ކަމަށެވެ. އިތުރު އެއްޗެއް ގެއްލުނުކަން އަދި އެނގިފައެއް ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.