02 Oct 2017, 18:20
ހައިރައިޒް އިން އިންތިޒާމް ކޮށްގެން ބާއްވާ ސައުތް ޓްރެވަލް އެވޯޑްސް (ސަޓާ)ގެ ސިލްވާ ޕާޓްނަރަކަށް ގްރޭޕް އެކްސްޕެކްޓޭޝަން ހަމަޖައްސައި އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ސަޓާގެ ސިލްވާ ޕާޓްނަރަކަށް ގްރޭޕް އެކްސްޕެކްޓޭޝަން ހަމަޖައްސައި އެއްބަސް ވުމުގައި ހައިރައިޒްގެ ފަރާތުން ސޮއި ކުރެއްވީ، ހައިރައިޒްގެ ޖެނަރަލް މެނޭޖަރު މުހައްމަދު ޝާމިން އަލީއެވެ. އަދި ގްރޭޕް އެކްސްޕެކްޓޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާމިރު މަންސޫރެވެ.
ސަޓާގެ ސިލްވާ ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވާ ގްރޭޕް އެކްސްޕެކްޓޭޝަން އަކީ ހޮސްޕިޓާލިޓީގެ ދާއިރާގައި ފުޅާ ދާއިރާއެއްގައި ބެވަރޭޖް ސަޕްލައި ކޮށްދެމުން އަންނަ ކުންފުންޏެއްކެވެ. އެންމެ ރަނގަޅު ކޮލިޓީގައި އެކަށީގެންވާ އަގެއްގައި ބެވަރޭޖް ސަޕްލައި ކޮށްދިނުމަކީ ގްރޭޕް އެކްސްޕެކްޓޭޝަންގެ އަމާޒު ކަމުގައި އެ ކުންފުނިން ބުންޏެވެ.
ސަޓާގެ ގަލާ އިވެންޓް ބާއްވަން ހަމަޖެހިފައި ވަނީ މި މަހުގެ 27 އިން 29 ވަނަ ދުވަހާ ހަމައަށް އައްޑޫ ސިޓީގެ އީކުއޭޓާ ވިލެޖްގަ އެވެ.