ޔޫއެންޑީޕީ އާއި ޖަޕާން ސަރުކާރު ގުޅިގެން ނޮވެމްބަރު މަހު ސުނާމީއާ ގުޅޭ ގޮތުން ހާއްސަ ހަރަކާތެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ޔޫއެންޑީޕީ އިން ބުނެފިއެވެ.

ގއ. ވިލިނގިލިގައި ސުނާމީއާ ގުޅޭ ގޮތުން ބޭއްވި ޑްރިލްގެ ނިމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖަޕާނުގެ އެމްބަސަޑަރު އެންޒޯ ކަޑޯމީ ވިދާޅުވީ އަންނަ ނޮވެމްބަރު ބޭއްވުމަށް ހަމަޖެހިފައިވާ އެ ބައްދަލުވުމަކީ ސުނާމީއާ ގުޅޭ ގޮތުން ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ހިންގާ ސަމިޓެއްކަމަށެވެ.

ޖުމްލަ 18 ގައުމު ބައިވެރިވާ އެ ޑްރިލްގައި ރާއްޖޭގެ ހަ ހައި ސްކޫލަކުން ހަ ދަރިވަރުން ބައިވެރިވާއިރު އެއް މުދައްރިސަކު އެ ސަމިޓްގައި ބައިވެރިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

10 ދުވަހުގެ މުއްދަތަކަށް ގއ. ވިލިނގިލީގައި ކުރިއަށް ގެންދިޔަ ސުނާމީ އާ ގުޅެ ގޮތުން ބޭއްވި ޑްރިލްގައި މުޅި އަކު 550 ދަރިވަރުން ބައިވެރިވެފައިވާ ކަމަށް ޔޫއެންޑީޕީ އިން ބުންޏެވެ.

ޔޫއެންޑީޕީ އިން ބުނީ ގއ އަތޮޅު ތައުލީމީ މަރުކަޒުގެ 550 ދަރިވަރުން އެ ބައްދަލުވުމުގައި ބައިވެރިވެފައިވާއިރު އެ މަރުކަޒުގެ 100 އެއްހާ މުދައްރިސުން ބައިވެރިވެފައި ކަމަށެވެ. އެ ބައްދަލުވުމަކީ ކުރިއަށް އޮތްތާ ސުނާމީ ކާރިސާ އަށް ދަރިވަރުން ހޭލުންތެރިކުރުމުގެ ގޮތުން ބޭއްވި ޑްރިލެކެވެ.

"ސުނާމީގައި ވިލިނގިލި އަށް ވަރަށް ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބުނު. އަދި ވެސް މީހުން އެކަމަށް ޖެހިލުންވޭ. މި ކަހަލަ ގިނަ ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ހިންގަން އެބަ ޖެހޭ. އޭރުން ދެން މިކަހަލަ ކަމެއް ދިމާވި ކަމުގައި ވީނަމަވެސް ކަން ކުރަންވީ ގޮތް އެނގިގެން ދާނީ." ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް ޝިމްލާ އަލީ ވިދާޅުވިއެވެ.