04 Oct 2017, 14:48
އިޓާލިއަން ސެރީއާގެ ތަށްޓަށް ވާދަކުރުމަށް އިންޓަ މިލާން އަދި އޭސީ މިލާނަށް ވަގުތު ބޭނުންވާނެ ކަމަށް އިޓަލީގެ ފުޓްބޯޅަ ލެޖެންޑް ފަބިއޯ ކަނަވާރޯ ބުނެފި އެވެ.
ވިދިވިދިގެން ހަތް ވަނަ ފަހަރަށް ލީގު ކާމިޔާބުކުރުމަށް މަސައްކަތްކުރާ ޔުވެންޓަސްގެ ފަހަތުގައި އިންޓައާއި މިލާން އޮތް ނަމަވެސް، އެ ދެ ކްލަބުން ދަނީ އަލުން އިޓަލީގެ ފުޓްބޯޅައިގެ ކުރިއަށް ޖެހިލުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.
ކަނަވާރޯ ގަބޫލުކުރާ ގޮތުގައި، ސެރީއާގެ ތަށްޓަށް ވާދަކުރުމުގެ ކުރިން އިންޓަ އަދި މިލާން މަސައްކަތްކުރަން ޖެހޭނީ ކެތްތެރިކަމާ އެކު އެވެ.
"ފައިސާގެ ގޮތުން ވަރުގަދަވީމާ، އެމީހުން އަބަދު ވެސް ބޭނުން ވާނީ ބޮޑެތި ކަންތައްތައް ހާސިލްކުރަން. އެކަމަކު އެކަންކަން ހާސިލްކުރަން އެމީހުންނަށް ވަގުތު ބޭނުންވާނެ. މިސާލަކަށް ނަޕޯލީއަށް ކުރީގެ ފެންވަރަށް އެނބުރި އާދެވުނީ 12-10 އަހަރު ކުރިން،" ދުނިޔޭގައި އުފެދުނު އެންމެ މޮޅު ޑިފެންޑަރުންގެ ތެރޭގައި ހިމެނޭ ކަނަވާރޯ ބުންޏެވެ.
ޗައިނާގެ ޓިއަންޖިން ގުއަންޖިއަންގެ ކޯޗުކަން ކުރަމުންދާ ކަނަވާރޯއަކީ ކުޅުންތެރިއެއްގެ ގޮތުގައި އިޓަލީގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކުޅުންތެރިއެކެވެ. އެގޮތުން ޕާމާއާއި ޔުވެންޓަސް އަދި އިންޓަ މިލާނާއެކު އޭނާ ހޯދި ކާމިޔާބީތައް ފާހަގަކޮށްލެވެ އެވެ. އޭގެ އިތުރުން ސްޕެއިންގެ ރެއާލް މެޑްރިޑާ އެކު ވެސް އޭނާ ކާމިޔާބީތަކެއް ހޯދާފައިވެ އެވެ.