05 Oct 2017, 12:41
ކީރިތި ޤުރުއާނާ ބެހޭ ގައުމީ މަރުކަޒުން އިންތިޒާމު ކޮށްގެން ބޭއްވި 32 ވަނަ ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ މުޅި މުބާރާތުން އެއްވަަނަ މަރްޔަމް އަރީން އީސާ ހޯދައިފި އެވެ.
މިދިޔަ މަހުގެ 25 އިން 29 އަށް ކުރިއަށް ގެންދިޔަ މުބާރާތުގެ އެއްވަނަ ކ. ކާށިދޫ، އައްސިދަ، މަރިޔަމް އަރީން އަށް ލިބިފައި ވަނީ މުޅި މުބާރާތުން، ފޮތުން ކިިޔެވުމުގެ ގޮފިންނެވެ. މުޅި މުބާރާތުން، ހިތުން ކިޔެވުމުގެ ގޮފިން އެއްވަނަ އަށް މީހަކު ހޮވިފައެއް ނުވެ އެވެ.
އަދި މުބާރާތުގައި ބައިވެރިވި މުއައްސަސާތަކުން މުޅި މުބާރާތުން އެއްވަނަ މުއައްސަސާއަކަށް ހޮވިފައި ވަނީ އިސްލާމިކް ޔުނައިޓެޑް ފައުންޑޭޝަން ފޯ އަސާސް، ވިނަވި އެންޑް އިޔާރު (އިއުފަވި) އެވެ.
ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް އިސްލާމީ މަރުކަޒުގެ ހޯލުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މުޅި މުބާރާތުން އެއްވަނަ އަށް ދިޔަ ފަރާތްތަކަށް އިނާމު ހަވާލު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުއްގައްޔޫމެވެ.
ރަސްމިއްޔާތުގައި ރައީސްގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ވެސް ބައިވެރިވެވަޑައިގެންނެވި އިރު، މުބާރާތުގެ އެކި ގޮފިތަކުން އެއްވަނަ އަށް ހޮވުނު ފަރާތްތަކަށް އިނާމު ދެއްވީ އެކަމަނާ އެވެ.
މުބާރާތުގެ ފޮތުން ކިޔެވުމުގެ ގޮފިތަކުން އެއްވަނަ އަށް ހޮވުނު ފަރާތްތައް:
މުބާރާތުގެ ފޮތުން ކިޔެވުމުގެ ގޮފިން 10 ފޮތުން
- އެއްވަނަ އަންހެން ބައިވެރިޔާ: މަރިޔަމް އަރީން އީސާ
- އެއްވަނަ ފިރިހެން ބައިވެރިޔާ: އަހުމަދު އަދްޔާން އަބްދުﷲ
- މުބާރާތުގެ ފޮތުން ކިޔެވުމުގެ ގޮފިން 20 ފޮތުން
- އެއްވަނަ އަންހެން ބައިވެރިޔާ: ސަމީހާ އަބްދުލްމަންނާނު
- އެއްވަނަ ފިރިހެން ބައިވެރިޔާ: އިބްރާހިމް ރަފީއު
- މުބާރާތުގެ ފޮތުން ކިޔެވުމުގެ ގޮފިން 30 ފޮތުން
- އެއްވަނަ އަންހެން ބައިވެރިޔާ: ޝިފްނާ ޝަމީމް
- އެއްވަނަ ފިރިހެން ބައިވެރިޔާ: އަހުމަދު ޝުޖާއު
މުބާރާތުގެ ހިތުން ކިޔެވުމުގެ ގޮފިތަކުން އެއްވަނަ އަށް ހޮވުނު ފަރާތްތައް:
މުބާރާތުގެ ހިތުން ކިޔެވުމުގެ ގޮފިން ފަސް ފޮތުން
- އެއްވަނަ އަންހެން ބައިވެރިޔާ: ފާތިމަތު ޝުބާ ނައީމް
- އެއްވަނަ ފިރިހެން ބައިވެރިޔާ: އަލީ ސާމު ނާޒިމް
- މުބާރާތުގެ ހިތުން ކިޔެވުމުގެ ގޮފިން 20 ފޮތުން
- އެއްވަނަ އަންހެން ބައިވެރިޔާ: ފާތިމަތު ރަހުވާ ރަޝީދު
ޤުރުއާން މުބާރާތުގެ ހިތުން ކިޔެވުމުގެ ގޮފިން 10 ފޮތުން ވަނަ ހޮވޭ މިންވަރަށް މާކުސް ލިބިފައިވާ ނުވާތީ އެ ގޮފިން އެއްވަނަ އަންހެން އަދި ފިރިހެން ބައިވެރިއަކު ހޮވާފައެއް ނުވެ އެވެ. އަދި މުބާރާތުގެ ހިތުން ކިޔެވުމުގެ ގޮފިން 20 ފޮތުން ވަނަ ހޮވޭ މިންވަރަށް މާކްސް ލިބިފައި ނުވާތީ ފިރިހެން ބައިވެރިއަކު ހޮވާފައެއް ނުވެ އެވެ.
މިދިޔަ އަހަރުން ފެށިގެން ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތް ބާއްވަމުން އަންނަނީ ބޮޑެތި ބަދަލުތަކަކާއެކު އެވެ.
އެގޮތުން މުބާރާތުގައި ބައިވެރިވުމަށް ވަކި އުމުރުފުރައެއް ކަނޑައަޅާފައި އޮތް އޮތުން އުވާލައި، ފޮތުގެ އަދަދުން ވަނަ ހޮވައި ގޮތަށް ބަދަލުކޮށްފައިވާއިރު، މުބާރާތުގެ އަންހެން ބައިވެރިންނާ ފިރިހެން ބައިވެރިން އިންސާފު ކުރަމުންދަނީ ވަކިންނެވެ.
މިއަހަރުގެ ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގައި ޖުމްލަ 255 ބައިވެރިން ވާދަކުރިއެވެ. އެގޮތުން ހިތުން ކިޔެވުމުގެ ބައިގައި 66 ފަރާތަކުން ވާދަ ކުރާއިރު ފޮތުން ކިޔެވުމުގެ ބައި ނުވަތަ ބަލައިގެން ކިޔެވުމުގެ ބައިގައި 189 ބައިވެރިން ވަނީ ވާދަކޮށްފަ އެވެ.