ވޮޝިންޓަން (އޮކްޓޯބަރު 7): އެމެރިކާއިން ސައުދީ އަރަބިއާއަށް 15 ބިލިއަން ޑޮލަރުގެ މިސައިލް ޑިފެންސް ސިސްޓަމެއް ވިއްކަން ނިންމައިފި ކަމަށް ޕެންޓަގަންއިން ބުނެފި އެވެ.

އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ލޮކްހީޑް މާޓީން އިން އުފައްދާ ޓާމިނަލް ހައި އަލްޓިޓިއުޑް އޭރިއާ ޑިފެންސް (ތާޑް) ވަނީ މީގެ ކުރިން ގަތަރާއި ޔުނައިޓެޑް އެރެބް އެމިރޭޓްސްއަށް ވެސް ވިއްކާފަ އެވެ. އެއީ ކުރު އަދި މެދު ރާސްތާ މިސައިލްތައް ހުއްޓުވުމުގެ ގާބިލުކަން ލިބިފައިވާ ސިސްޓަމެކެވެ.

އަދި ތާޑް ސިސްޓަމް ސައުދީއަށް ވިއްކަން ކުރިއަށް އޮތް މަސް ތެރޭގައި އެމެރިކާގެ ކޮންގްރެސް އިން ދެކޮޅު ނަހަދާނަމަ، އެ މުއާމަލާތް ދެ ގައުމުގެ މެދުގައި ކުރިއަށް ދާނެ އެވެ.

ޕެންޓަގަންގެ ޑިފެންސް ސެކިއުރިޓީ ކޯޕަރޭޝަން އޭޖެންސީން ބުނި ގޮތުގައި ތާޑް ސިސްޓަމް ސައުދީ އަށް ވިއްކުމުން ގަލްފް ސަރަހައްދު ހަމަޔަކަށް އެޅުމަށް މަގުފަހިވެ، އެ ސަރަހައްދުގައި ތިބި އެމެރިކާގެ ފައުޖުތައް ރައްކާތެރި ކުރެވޭނެ އެވެ.

އެމެރިކާ އިން ވަނީ ދާދި ފަހުން ތާޑް ސިސްޓަމްތައް ދެކުނު ކޮރެއާގައި ގާއިމުކޮށްފަ އެވެ. އެއީ އުތުރު ކޮރެއާއިން ދީފާނެ ހަމަލާއަކުން ދިފާއު ކުރުމަށް ގާއިމު ކުރި ސިސްޓަމްތައް ކަމަށް އެމެރިކާއިން ބުނި ނަމަވެސް، ދެކުނު ކޮރެއާގެ ބައެއް ރައްޔިތުން ވަނީ އެމެރިކާއިން ބޭނުން ވަނީ އުތުރު ކޮރެއާއާ ހަނގުރާމަ ކުރަން ކަމަށް ތުހުމަތުކޮށް، އެއާ ދެކޮޅަށް މުޒާހަރާކޮށްފަ އެވެ. (އަލްޖަޒީރާ)