ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވެރިކަމުން ބޭރުކުރުމަށް ގޮވާލުމުން އެ ސްޓޭޝަން ފަސް ލައްކަ ރުފިޔާ އިން ޖޫރިމަނާކޮށްފިއެވެ.

މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހު ރާއްޖެ ޓީވީގައި ވާހަކަދައްކަވަމުން ރައްޔިތުން ނުކުމެ ރައީސުލްޖުމްހޫރިއްޔާ ބޭރުކޮށް، ގާނޫނީގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށާއި ޣައިރު ގާނޫނީ އަމަލުތަކެއް ހިންގުމަށް ރައްޔިތުންނަށް ހިތްވަރުލިބޭގޮތަށް މުސްތަފާ ވާހަކަދެއްކެވި ކަމަށް ތުހުމަތުކޮށް ފުލުހުން ވެސް އަންނަނީ މައްސަލައެއް ތަހުގީގު ކުރަމުންނެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ ނިންމުމުގައޮ ވަނީ މުސްތަފާ ދެއްކެވި ވާހަކައިގެ ތެރެއިން، ކޮމިޝަނަށް ހުށަހެޅި ޝަކުވާގައި ތިން ނުކުތާއެއް ފާހަގަކޮށްފައިވާއިރު، އެ ޓްރާންސްކްރިޕްގެ ފުރަތަމަ ނުކުތާ ފިޔަވައި ބާކީ ދެ ނުކުތާ ގެނެސްދީފައިވަނީ މުސްތަފާ ބަހުން ބަހަށް ވިދާޅުވި ގޮތަކަށް ނޫންކަމަށް ބުނެ ރާއްޖެ ޓީވީން އެ މައްސަލައަށް ޖަވާބުދާރީވެފައިވާ ކަމަށެވެ.

ޖަވާބުދާރީވަމުން ރާއްޖެ ޓީވީން ފޮނުވި ސިޓީގައި ބުނެފައި ވަނީ މީހަކު ދެއްކި ވާހަކައެއް، ދެއްކިގޮތަށް ލިޔާނަމަ އޮންނަންވާނީ ދެއްކި އިބާރާތުން ބަހުން ބަހަށް ކަމަށާއި، މީހަކު ދެއްކި ވާހަކައެއް އަމިއްލައަށް ދޭހަވި ގޮތަށް ތަރުޖަމާކޮށްގެން ލިޔާނަމަ، އޭގައި އޮންނާނީ އަމިއްލަ ރައުޔު ކަމަށްވާތީ، އެއީ އެ މީހަކު ބޭނުން ބަހެއް އިތުރުކޮށް، ބޭނުން ބަހެއް އުނިކޮށް މުޅި ވާހަކައިގެ އަސްލު ގެއްލުވާލުން ކަމަށެވެ. އެހެންކަމުން ރާއްޖެ ޓީވީ އިން ބްރޯޑްކާސްޓްކުރި ކޮންޓެންޓްގައި ދައްކާފައިވާ ވާހަކަ އޮޅުވާލައި، އުނި އުތުރު ގެނެސްފައިވާތީވެ، އެއީ ރާއްޖެ ޓީވީ އިން ޖަވާބުދާރީވާންޖެހޭނެ މައްސަލައެއް ނޫން ކަމަށް އެ ސްޓޭޝަނުން ބުނެފައިވާ ކަމަށް ބްރޯޑްކާސްޓިން ކޮމިޝަންގެ ނިންމުމުގައިވެއެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ ނިންމުމުގައި ވަނީ ހުށަހެޅިފައިވާ ޝަކުވާއާ ގުޅިގެން ފާހަގަކޮށްފައިވާ ތިން ޓްރާންސްކްރިޕްޓްގެ ކުރިން ވެސް އަދި އޭގެ ފަހުން ވެސް ވަރަށް ގިނަ ވާހަކަ ރައްޔިތުންގެ މުސްތަފާ ދައްކަވާފައިވުމަކީ، އެ ޓްރާންސްކްރިޕްޓްގައި އޭނާ ދައްކާފައިވާ ކަމަށް ބަޔާންކޮށްފައިވާ އިބާރާތަށް އުނިއިތުރެއް ގެނައުން ކަމަށް ނުބެލެވޭކަމަށެވެ. އަދި އެއީ އޭގެ ސަބަބުން މުސްތަފާ ދައްކާފައިވާ މުޅި ވާހަކައިގެ މަފްހޫމް ގެއްލިގެން ގޮސް، ކޮންޓެންޓްގައި ދައްކާފައިވާ ވާހަކަ އޮޅުވާލާ އަދި އުނިއިތުރު ގެނެސްފައިވާ ކަމަށް ބުނުމަށް އޮތް ހުއްޖަތެއް ކަމުގައި ނުފެންނަ ކަމަށެވެ.

އެ ކޮންޓެންޓަކީ އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ 9 ވަނަ މާއްދާ ގައި ބުނާ ގައުމީ ސަލާމަތަށް ނުރައްކާކުރުވާނެ ޚިޔާލުފާޅުކުރުން ނޫން ގޮތަކަށް ބްރޯޑްކާސްޓްކޮށްފައިވާ ކޮންޓެންޓެއް ކަން ރާއްޖެ ޓީވީއަށް ސާބިތުކޮށްދެވިފައިނުވާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.