މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ވަޅިން ހަމަލާދީ ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސް މަރާލި މައްސަލައާ ގުޅިގެން ހޯދަން އިއުލާން ކުރި މ. ލޮނުމިދިލިގޭ އުމުރުން 21 އަހަރުގެ އަފްރާހް ޢަބްދުއްރައްޒާޤް ހައްޔަރުކޮށްފި އެވެ.

ފުލުހުން އޭނާ ހޯދާފައި ވަނީ ޖަލާލުއްދީން މިސްކިތްކައިރީ ހުންނަ މއ. ނެވަކޯން ގޭގައި ފިލާ ހުއްޓަ އެވެ. ފުލުހުން އޭނާ ހައްޔަރުކުރީ މިއަދު މެންދުރު ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުންނެވެ.

ފިލައިގެން އުޅެ އޭނާ ވަނީ ސިފަ ބަދަލުކުރަން މަސައްކަތްކޮށްފައެވެ.

އަނަސް މަރާލި މައްސަލާގައި ހޯދަން އިއުލާންކުރި މ. ލޮނުމިދިލިގޭ އަފްރާހް އަބްދުއްރައްޒާގު ވަނީ ސިފަ ބަދަލުކުރަން މަސައްކަތްކޮށްފައި

ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން އޭނާ ފިލައިގެން އުޅުނުތަން ބަލައިފާސްކޮށްފަ އެވެ.

އެ މައްސަލައާ ގުޅިގެން އަފްރާހްގެ އިތުރުން ތ. ކިނބިދޫ ގުލްފާމްގޭ މުހައްމަދު ޝާޒް ވެސް ފިލައިގެން އުޅެނިކޮށް މީގެކުރިން ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ވެސް ފުލުހުން ވަނީ އެ މައްސަލައާ ގުޅިގެން ބަޔަކު ހައްޔަރުކޮށްފަ އެވެ.

ކޯޓު އަމުރެއްގެ ދަށުން މ. ދިމިސްކް ބަލައި ފާސްކޮށް 18 އަހަރު ނުފުރޭ ކުޑަކުއްޖަކާ އެކު އިތުރު މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ރ. އަތޮޅުގައި ދުއްވާ ލޯންޗެއްގެ ކެޕްޓަނަކަށް އުޅުނު އަނަސަށް ވަޅިން ހަމަލާދީ މަރާލީ މޫނު ނިވާކޮށްގެން ތިބި ބަޔެކެވެ.

އިސްކަންދަރު ބިލްޑިންގައި ހަވީރު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޗީފް ސްޓޭޝަން އިންސްޕެކްޓަރު މުހައްމަދު ސާމިހު ވިދާޅުވީ އެ މައްސަލައިގެ ތަހުގީގުގެ 99 ޕަސެންޓް ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ ތަހުގީގުގެ އެންމެ ފަހު މަރުހަލާ ކަމަށެވެ.