ބަނގުލަދޭޝް މީހުން ރޮހިންގާ މީހުންނާ ކައިވެނިކުރުން މަނާކޮށްފައި އޮތް ގަވައިދާ ދެކޮޅުހަދައި ރޮހިންގާ އަންހެންކުއްޖަކާ ކައިވެނިކުރި ބަނގުލަދޭޝްގެ ފިރިހެނަކު އެގައުމުގެ ފުލުހުން ހޯދަން ފަށައިފި އެވެ.

ފަންސަވީސް އަހަރުގެ ޝުއައިބު ހުސެން ޖުވެލް އަދި ރޮހިންގާގެ 18 އަހަރުގެ އަންހެން ކުއްޖެއް ކަމަށްވާ ރާފިޒާ މިދިޔަ މަހު ކައިވެނިކުރީއްސުރެ އުޅެނީ ފިލައިގެން ކަމަށް ޝުއައިބުގެ އުފަންރަށް ބަނގުލަދޭޝްގެ ސިންގައިރުގެ ފުލުހުން ބުނެ އެެވެ.

"އަޅުގަނޑުމެންނަށް މައުލޫމާތު ލިބުނު ޝުއައިބު ރޮހިންގާ އަންހެން ކުއްޖަކާ ކައިވެނި ކުރިކަމަށް. އަޅުގަނޑުމެން ދިޔައިން އޭނާގެ އަވަށަށް އެމީހުން ހޯދަން ވެސް. އެކަމަކު އަޅުގަނޑުމެންނަކަށް ނުފެނުނު އެމީހުންނެއް. އޭނާގެ މައިންބަފައިންނަކަށް ވެސް ނޭނގޭ އެ މީހުން ވީ ތަނެއް،" ސިންގައިރުގެ ފުލުހުންގެ ޗީފް އިމާމް ހުސެއިން އެސޯސިއޭޓެޑް ފްރީ ޕްރެސް އަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.

ރޮހިންގާ މުސްލިމުން ބަނގުލަދޭޝްގެ ރައްޔިތުކަން ހޯދުމަށް ޓަކައި ބަނގުލަދޭޝް މީހުންނާ ކައިވެނި ކުރާ ކަމަށް ބުނެ ބަނގުލަދޭޝުން ވަނީ އެގައުމުގެ މީހުން ރޮހިންގާ މުސްލިމުންނާ ކައިވެނި ކުރުން މަނާ ކޮށްފަ އެވެ.

ޝުއައިބުގެ ބައްޕަ ބާބުލް ހުސެއިން ވަނީ އޭނާގަ ދަރިފުޅުގެ ކައިވެނީގެ ދިފާއުގައި ވާހަކަ ދައްކައިފަ އެވެ. އަދި ބުނީ އެ އެ ރޮހިންގާ އަންހެން ކުއްޖާ ކައިވެނި ކުރީ ރައްޔިތު ކަމުގެ ބޭނުމުގައި ނޫން ކަމަށެވެ.

"މިގައުމުގައި މުސްލިމަކު ކްރިސްޓިއަނަކާ ކައިވެނި ކުރުމަކީ މައްސަލައެއް ނޫން. އެހެން ވީ އިރު އަހަރެންގެ ދަރިފުޅު ރޮހިންގާ އަންހެނަކާ ކައިވެނި ކުރުމުން މައްސަލައަކީ ކޮބާ؟" ބާބުލް ބުންޏެވެ.

މިޔަންމާގައި މިފަހަރު މުސްލިމުންނާ ދެކޮޅަށް ހަމަލާތައް ދޭން ފެށިފަހުން ރޮހިންގާ މުސްލިމުންގެ ފަސް ލައްކަ އަށް ވުރެ ގިނަ މީހުން އެ ގައުމު ދޫކޮށް ބަނގުލަދޭޝްއަށް ވަދެފައިވާ ކަމަށް އދ. އިން ބުނެ އެވެ.