ރަތްކަނޑުގައި ހަރަކާތްތެރިވާ ސައުދީގެ ނޭވީއަށް ހަމަލާ ދިނުމަށް ޔަމަނުގެ ހޫތީން ތައްޔާރުވާން ފަށައިފިއެވެ.

ޔަމަނުގެ ސަންޢާގައި މިހާރު ވެރިކަން ކުރަމުންދާ ސަރުކާރުން މިދިޔަ ހުކުރު ދުވަހު އާންމުކުރި ޓީވީ ރިޕޯޓެއްގައި ވަނީ އެ ސަރުކާރުގެ ރިޕަބްލިކަން ގާޑުންނާއި އަދި ހޫތީ ހަނގުރާމަވެރިން ޔަމަނުގެ ހުޅަނުގެ އައްސޭރިފަށުގައި ސައުދީގެ ނޭވީއަށް ހަމަލާ ދިނުމަށް އަސްކަރީ ފަރިތަކުރުންތައް ގެންދާ މަންޒަރު އާންމުކޮށްފައެވެ.

ޓީވީން އާންމުކުރި ފޫޓޭޖުން ވަނީ ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ކުދިކުދި ބޯޓުތަކުގައާއި އަދި ހަތިޔާރު ހިފައިގެންތިބި ސްކޫބާ ޑައިވަރުން ރަތްކަނޑު ކައިރީގައިވާ ޔަމަނުގެ އައްސޭރިފަށް ދިފާއުކުރުމަށް ފަރިތަކުރުންތައް ބާއްވާ މަންޒަރު ދައްކައިލައިފައެވެ.

އެ ފަރިތަކުރުންތައް ބޭއްވިއިރު ސައުދީ ކޯލިޝަނުން ކަނޑުގެ މަގުން ޔަމަނުގެ ހުޅަނގެ ސަރަަހައްދަށް އަރައި ޔަމަނުގެ މުހިންމު ބަނދަރުމަތީ ރަށެއްކަމަށްވާ އަލް ހުދައިދާ ހިފުމަށް ތައްޔާރުވަމުންދާ ކަމަށް ތުންތުންމަތިން ދަނީ ވަރަށް ބޮޑަށް އަޑުއިވެމުންނެވެ.

އަލް ހުދައިދާ ހިފިއްޖަނަމަ ޔަމަނުގެ ސަންޢާ ހިފުމަށް ވަރަށް ބޮޑަށް ފަސޭހަ ވެގެންދާނެއެެވެ. އެހެންކަމުން ޔަމަނުގެ ހޫތީން ތައްޔާރުވަމުން ދަނީ ސައުދީން އެ ސަރަަހައްދަށް ހަމަލާ ދިނުމުގެ ކުރިން ސައުދީގެ ނޭވީއަށް ހަމަލާތައް ދީ އެ އުޅަނދުތައް ހަލާކުކޮށްލުމަށެވެ.

ޑިމޮކްރަސީގެ ނަމުގައި މިސްރާއި ތޫނިސް އާއި އަދި ލީބިޔާގެ މީހުން މަގުތަކަށް ނުކުމެ ވެރިކަން ވައްޓައިލި ދުވަސްވަރު ޔަމަނުގައި އޭރު ވެރިކަން ކުރަމުންދިޔަ ސަރުކާރާ ދެކޮޅަށްވެސް ވަރަށް ބޮޑެތި މުޒާހަރާތައް ބޭއްވިއެވެ. އެންމެފަހުން އޭރު ވެރިކަން ކުރަމުން އައި ސާލިހުގެ ސަރުކާރު ވަނީ އިސްތިއުފާ ދީފައެވެ.

އޭގެ ފަހުން ޔަމަނުގައި ބޭއްވި އިންތިހާބަށްފަހު ވެރިކަމަށް ވަޑައިގެންނެވީ އަބްދުލް މަންސޫރު އަލް ހާދީއެވެ. ނަމަވެސް 2014 ވަނަ އަހަރު ހޫތީ ހަނގުރާމަވެރިން ވަނީ ހަދީގެ ސަރުކާރު ވައްޓާލައި ޔަމަނުގެ ސަރުކާރު ހިންގަމުންނެވެ.

ޔަމަނުގެ ދާހިލީ ހަނގުރާމައިގެ ތެރެއަށް ސައުދީން ވަދެގަތީ ހޫތިން ވެރިކަމަށް އައިފަހުންނެވެ.

ހާދީއަކީ ސައުދީ އަރަބިއްޔާ އާ އަބަދުވެސް ވަރަށް ގާތް ގުޅުމެއް ބޭއްވި ވެރިއެކެވެ. އެހެންކަމުން ސައުދީ އަރަބިއްޔާއިން ބޭނުންވަނީ ޔަމަނުގައި މިހާރު ވެރިކަން ކުރާ ހޫތީންގެ ވެރިކަން ވައްޓައިލައި ހާދީގެ ވެރިކަން އަނބުރާ ރުޖޫއަ ކުރާށެވެ.

މިހާރު ވެސް ޔަމަނުގެ އެއްބައިގައި ހާދީ ވެރިކަން ކުރަމުންދާއިރު އަނެއް ބައިގައި ހޫތީންނާއި އަދި ސާލިހަށް ވަފާތެރި ގްރޫޕްތައް ދަނީ ވެރިކަން ކުރަމުންނެވެ.