ސަރުކާރުގެ ގެދޮރުވެރިކަމުގެ ސިޔާސަތުގެ ދަށުން ހުޅުމާލޭގައި 7000 ފްލެޓް އެޅުމަށް 368.9 މިލިއަން ޑޮލަރުގެ ލޯން ގެރެންޓީއެއް ޗައިނާ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމައިފި އެވެ.

މިއަދު ބޭއްވި މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން ކޮމެޓީގެ މުގައްރިރު އަހުމަދު ނިހާން ހުސެން މަނިކު ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ސޯޝަލް ހައުސިންގެ ގޮތުގައި 7000 ހައުސިން ޔުނިޓު އިމާރާތް ކުރުމަށް އިންޑަސްޓްރިއަލް ކޮމާޝަލް ބެންކް އޮފް ޗައިނާ (އައިސީބީސީ) އިން ދައުލަތުގެ ނަމުގައި ނަގާފައިވާ ގެރެންޓީއާ ގުޅޭ ލިޔުންތައް ފިނޭންސް މިނިސްޓްރީން ވަނީ މާލިއްޔަތު ކޮމިޓީއަށް ހުށަހަޅާފައި ކަމަށެވެ.

މިއަދު ބޭއްވި މާލިއްޔަތު ކޮެމެޓީގެ ބައްދަލުވުމުގެ ތެރެއިން ---

އެ ސިޓީގައިވާ މައުލޫމާތު ކޮމެޓީގެ މެންބަރުންނަށް ދެއްވަމުން ނިހާން ވިދާޅުވީ އެ މަޝްރޫއަށް ހިނގާނެ ކަމަށް ލަފާކޮށްފައި ވަނީ 434 މިލިއަން ޑޮލަރު ކަމަށާއި އޭގެން ދައުލަތުން ޕްރޮޖެކްޓުގެ ޖުމުލަ އަގުގެ 85 ޕަސެންޓް ކަމަށްވާ 368.9 މިލިއަން ޑޮލަރުގެ ގެރެންޓީއެއް ދޭން ނިންމާފައިވާ ކަމަށް ސިޓީގައި ބުނެފައިވާ ކަމަށެވެ.

"ވީހާ ކުޑަ އަގެއްގައި މި ފްލެޓްތައް ލިބޭނެ ގޮތަކަށް ކަންތައްތައް ބައްޓަން ކޮށްދިނުމަށް އެދޭ ވާހަކަ ދަންނަވާލަން. މިހާރު ވެސް ސަރުކާރުން ދޫކޮށްފައިވާ ފްލެޓަތައް ދޫކޮށްފައި އެވަނީ ވަރަށް ކުޑަ އަގެއްގައި،" މިއަދުގެ ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލް އުސްމާނު ވިދާޅުވި އެވެ.

އެ މަޝްރޫއު ފެއްޓުމަށް ގެރެންޓީ ދީފައި ވަނީ އުސޫލާ އެއްގޮތަށް ކަމަށް އެޓާނީ ޖެނަރަލް އޮފީހުން ނިންމައި ރައީސް އޮފީހުން ވަނީ ސޮވަރިއަން ގެރެންޓީ ދޫކުރުމަށް ސަރުކާރުގެ ފަރާތުން ސޮއިި ކުރުމުގެ ހުއްދަ ފިނޭންސް މިނިސްޓްރީއަށް ދީފަ އެވެ.