ޑައިރެކްޓަރު އަޔާން މުކަރްޖީގެ ކުރިއަށް އޮތް ފިލްމު 'ޑްރެގަން' އަށް އެކްޓަރު ރަންބީރު ކަޕޫރު ވަރުގަދަ ޓްރެއިނިންގ ތަކެއް ކުރިއަށް ގެންދާނެ ކަމަށް އަޔާން ބުނެފި އެވެ.

ނޫހަކަށް ދިން އިންޓަވިއު އެއްގައި އަޔާން ބުނެފައި ވަނީ އެ ފިލްމުގައި ގިނަ އަދަދެއްގެ އެކްޝަން މަންޒަރުތައް ހިމެނޭނެ ކަމަށާއި، އަދި ފިލްމަކީ ރަންބީރު ފިޒިކަލީ ޗެލެންޖިންގ ފިލްމަކަށް ވާނެ ކަމަށެވެ.

އެގޮތުން ފިލްމަށް ރަންބީރު ޖިމްނާސްޓިކްސް އާއި އަސް ދުއްވަން ފަރިތަކުރަން ޖެހޭނެ ކަމަށެވެ. އޭގެ އިތުރުން އެއީ ފެންޓަސީ ދުނިޔެއެއްގައި އުޅޭ ފިލްމަކަށް ވުމުން ފިލްމުގެ ކެރެކްޓަރާ ރަންބީރު ވަރަށް ބޮޑަށް ކަނެކްޓު ވާން ޖެހޭނެ ކަމަށް ވެސް އަޔާން ބުންޏެވެ.

ފިލްމުގައި ރަންބީރު ފެނިގެން ދާނީ އާދަޔާ ޚިލާފު ބާރުތަކެއް ލިބިފައިވާ މީހެއްގެ ރޯލުންނެވެ.

'ވޭކް އަޕް ސިޑް' އަދި 'ޔޭ ޖަވާނީ ހޭ ދިވާނީ' ފަދަ ފިލްމުތަކަށް ފަހު އަޔާން އާމެދު ޕްރޮޑިއުސަރުންނާއި އެކްޓަރުން ކުރާ އުންމީދުތައް ވަނީ ވަރަށް މަތީގައެވެ. އެހެންކަމުން 'ޑްރެގަން' އާމެދު ވެސް ގިނަބަޔަކު ފޮނި އުންމީދުތަކެއް ކުރެ އެވެ.

އަޔާން ބުނީ ފިލްމާ ދޭތެރޭ ގިނަ ބައެއްގެ އުންމީދުތައް ގުޅިފައި ވާތީ ވަރަށް ނުތަނަވަސްވެފައި ހުރި ކަމަށާއި، ތަފާތު މޮޅު ފިލްމެއް ގެނެސްދެވޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

އަންނަ އަހަރުގެ ކުރީކޮޅު ފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައި ވާއިރު ރަންބީރު އާއެކު ފިލްމުގެ ލީޑު ރޯލުން ފެނިގެން ދާނީ އާލިއާ ބަޓް އެވެ.

ރަންބީރާއި އާލިއާގެ އިތުރުން މުހިންމު ރޯލަކުން އަމީތާބް ބައްޗަން ވެސް ފެނިގެން ދާނެ އެވެ.

'ޑްރެގަން' އަކީ ފިލްމަށް ވަގުތީ ގޮތުން ދީފައިވާ ނަމެކެވެ. އަޔާން ބުނީ ވަރަށް އަވަހަށް ފިލްމުގެ އަސްލު ނަން ހާމަކުރާނެ ކަމަށެވެ.