ރާއްޖޭގެ މިއުޒިކީ އުދަރެހުގައި ހަލުވި ކަމާއެކު ފިޔަޖަހަމުން އަންނަ ސޯލޯ ލަވަ ކިޔުންތެރިޔާ މޫޝަން މުބާރަކަށް މިދިޔަ ހުކުރަކީ މުހިއްމު ދުވަހެކެވެ. އެތައް ދުވަހެއް ވަންދެން ދެކެމުންދިޔަ ހުވަފެނެއް އެންމެ ފަހުން ހަގީގަތަކަށްވީ އެ ރޭ ސީ ހައުސްގެ ހިތްގައުމުގެ ޖައްވުގައެވެ. އެ އަޑެއްގެ ޖާދޫގައި އެތައް ޒުވާން ހިތެއް ޖައްސާފައިވާ މޫޝަންގެ ފުރަތަމަ ސޯލޯ އަލްބަމް ނެރުނީ އެތަނުގައި އެ ރޭ ބޭއްވި ހަފްލާއެއްގައެވެ.

އާއްމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނު މޫޝަންގެ ފުރަތަމަ ސިންގަލް "ރީތިކަން" އަދި "ރަންނަމާރި" ހިމަނައިގެން ރޭ ނެރުނު އަލްބަމްގައި ޖުމްލަ އަށް ލަވައެއް ހިމެނެއެވެ. ހުރިހާ ލަވައަކީ ވެސް އަމިއްލަ ރާގުގެ ދިވެހި އޯޑިއޯ ލަވަތަކެވެ.

އަށް ލަވައިގެ ތެރޭގައި މޫޝަން ކިޔާފައިވާ ދެ ލަވައަކަށް އެމެރިކާގެ މިއާމީ އަށް އުފަން އަދި މިއުޒިކް ޑީޖޭ އަދި ޕްރޮޑިއުސް ކުރުމުގެ 20 އަހަރުގެ ތަޖުރިބާ ކާރު ހުނަރުވެރިއެއް ކަމަށްވާ އޮސްޓިން ލީޑްސް ހަދާފައިވާ ދެ ރިމިކްސް ވެސް ހިމެނެއެވެ.

ކޮންމެއަކަސް "މޫޝަން މުބާރަކް"ގެ ނަމުގައި ނެރުނު އެ އަލްބަމަކީ މޫޝަންގެ އިތުރުން އޭނާގެ ސަޕޯޓަރުންނަށް ވެސް ހާއްސަ ވާނެ އަލްބަމެކެވެ. ދުވަސްކޮޅަކަށް އަޑު ކެނޑުމަށްފަހު ދޫކޮށްލި ހަދިޔާ ފުރިހަމަ ކަމުންނެވެ.

ނަމަވެސް މި އަލްބަމް އިތުރަށް ހާއްސަވާ ސަބަބެއް އެބަ އޮތެވެ. މިއީ މީގެ ފަސް އަހަރު ކުރިން ނިޔާވެފައިވާ މޫޝަންގެ ބައްޕަ އަބްދުﷲ މުބާރިކަށް މޫޝަން ހާއްސަކުރާ އަލްބަމެކެވެ.

އާއްމުންގެ ތެރެއަށް ނުކުމެ ޕާފޯމްކުރުމަށް ކުރިން ލަދުގަތް މޫޝަން މިއުޒިކުގެ ދުނިޔެއަށް ނެރެދިނީ އޭނާގެ ބައްޕައެވެ. އެކޯސްޓިކް ގިޓައެއް ހޯދައިދީ މިއުޒިކުގެ ހުނަރު ހުރިކަން ސާބިތުކޮށްދޭން ހިތްވަރު ދިން މީހަކީ އެއީ އެވެ.

"ބައްޕަ އަކީ ވަރަށް ސަޕޯޓިވް މީހެއް. ބައްޕަ އެއްބާރުލުން ދިނީ މިއުޒިކުގެ ތެރެއަށް ވަންނަން. ކުޑަކުޑައިރު ގިޓައެއް ހޯދައިދިން. މަންމަ ވެސް ބައްޕަ ވެސް މިއުޒިކަށް ވަރަށް ބައިވެރިކުރަން އުޅޭ،" މިއީ އެރޭ ސީ ހައުސްގައި ބޭއްވި ހަފްލާގައި ބައްޕައަށް ޝުކުރު އަދާކޮށް މޫޝަން ބުނި ވާހަކައެވެ.

މޫޝަން ބުނީ އޭނާގެ "ހީރޯ"ގެ ގޮތުގައި ދެކޭ ބައްޕަގެ ހަނދާންތައް އޭނާގެ ހަނދާނުގައި އަބަދުވެސް ހުންނާނެ ކަމަށާއި އޭނާގެ ފުރަތަމަ އަލްބަމް ނެރުމަކީ ބައްޕަ އޭނާއާމެދު ފަހުރުވެރިވާނެ ކަމެއް ކަމަށެވެ.

އަލްބަމާ ގުޅޭގޮތުން މޫޝަން ބުނީ، އެ އަލްބަމަކީ ދިވެހި ލަވަތަކެއް ހިމެނޭ އަލްބަމަކަށް ވިޔަސް، އަލްބަމް ބޭރު މީހުންނަށް ވެސް ހާއްސަ ކުރާ ކަމަށެވެ. އެގޮތުން އަލްބަމްގައި ހިމެނޭ ލަވަތަކުގެ ތާނަ ލިރިކްސްއާއެކު އިނގިރޭސި ތަރުޖަމާ ވަނީ ހިމަނާފައެވެ.

ރާއްޖޭގަައި އުފެއްދި ފުރަތަމަ މިއުޒިކް ސްޓްރީމިން އެޕް "ލަވަފޮށި" އެޕް މެދުވެރިކޮށް މޫޝަން އަލްބަމްގެ ހުރިހާ ލަވައެއް މިހާރު އަޑު އަހާލެވޭއިރު މޫޝަންގެ އަލްބަމް ގަންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތުވެސް އެބަ އޮތެވެ.

ކޮށްލަންޖެހޭ ކަމަކީ މޫޝަންއަށް ފޭސްބުކް މެދުވެރިކޮށް މެސެޖެއް ކޮށްލުމެވެ. ޕެންޑްރައިވްއެއްގައި ލަވަތައް ހިމެނޭ އެ އަލްބަމްގެ އަގަކީ 249 ރުފިޔާ އެވެ.