15 Oct 2017, 08:51
ސޯމާލިއާގެ މުގަދިޝޫގައި ދިން ވަރުގަދަ ޓްރަކް ބޮމުގެ ހަމަލާއެއްގައި 20 މީހުން މަރުވެއްޖެއެވެ.
މުގަދިޝޫގެ އެންމެ ކާރޫބާރު ބޮޑު ސަރަހައްދުގައި ހުރި ހޮޓަލެއްގެ ދޮރުމަތީގައި އެ ހާދިސާ ހިނގީ ޓްރަކެއްގައި ހަރުކޮށްފައިއޮތް ބޮމެއް ގޮވުމުގެ ސަބަބުންނެވެ.
ހާދިސާ ހިނގި ސަރަހައްދަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު ސޯމާލިއާގެ ފުލުހުން ބުނީ މަރުވި މީހުންގެ އަދަދު އިތުރުވާނެކަމަށް ބެލެވޭ ކަމަށެވެ.
ބޮންގޮއްވި ކަމަށް އެއްވެސް ބަޔަކު ޒިންމާ ނަގައިފައނުވާއިރު ސޯމާލިއާގައި ހަރަކާތްތެރިވާ ހައްދު ފަހަނަ އަޅައިފައިވާ ގްރޫޕްތައް ކަމަށްވާ އަލްގައިދާ އަދި އަލް ޝަބާބުން ދޭތެރެ ދޭތެރެއިން މުގަދިޝޫއަށް ވަރުގަދަ ހަމަލާތައް ދީ ހަދައެވެ.
ބީބީސީއިން ސޯމާލިއާއަށް ކަނޑައަޅައިފައި ހުންނަ ރިޕޯޓަރު ވަނީ އެ ހާދިސާ ހިނގި ސަރަހައްދުގައި ހުރި ހޮޓަލެއް ވެއްޓުނު ކަމަށާއި އަދި އެ އިމާރާތުގެ ދަށުގައި މީހުން ތާށި ވެފައި ތިބި ކަމަށް ބުނެފައެވެ.
މުގަދިޝޫގެ މީހަކު އެސޯސިއޭޓެޑް ޕްރެސްއަށް މައުލޫމާތު ދެމުން ބުނީ މިއަދު ގޮއްވާލި ހާ ބާރުގަދަ ބޮމެއް އޭނާގެ ހަޔާތުގައި ވެސް މިހާތަނަށް ނުދެކޭ ކަމަށެވެ.