ދެހާސް ތޭރަ ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުގެ ރޭ ރާއްޖެ ޓީވީ އޭރު ހިންގަމުން ދިޔަ އިމާރާތުގައި ރޯކޮށްލުމުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 11.65 މިލިއަން ރުފިޔާ ހޯދަން ދައުލަތާ ދެކޮޅަށް އެ ސްޓޭޝަނުން ދައުވާކުރި މައްސަލަ ސިވިލް ކޯޓުން ބަލައެއް ނުގަތެވެ.

ސިވިލް ކޯޓުގެ ރަޖިސްޓްރާގެ ނިންމުމުގައި ވަނީ މޯލްޑިވްސް ޕޮލިސް ސާވިސްއާ ދެކޮޅަށް ދައުވާ ކޮށްފައިވާ އެ ބާވަތުގެ މައްސަލައެއް ކޯޓުން ނުބެލޭނެ ކަމަށް އެ ކޯޓުން ކުރިން ކަނޑައަޅާފައިވާ ކަމަށެވެ. އަދި އެ ހުކުމް މަތީ މަރުހަލާގެ ކޯޓަކުން ބާތިލްކޮށްފައިނުވާ އިރު، ރާއްޖެ ޓީވީން ހުށަހެޅި މައްސަލަ އަކީ ވެސް އެ ބާވަތުގެ މައްސަލައަކަށްވާތީ މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ރަޖިސްޓްރާ ވަނީ ނިންމަވައިފަ އެވެ.

އެކަމާ ގުޅޭ ގޮތުން ރާއްޖެ ޓީވީގެ ގާނޫނީ ވަކީލު މުހައްމަދު ނިޝާން ވިދާޅުވީ ރަޖިސްޓްރާގެ ނިންމުން މުރާޖާކޮށްދިނުމަށް އެދި ސިވިލް ކޯޓުގެ އިސް ގާޒީ އަށް ހުށަހަޅުއްވާނެ ކަމަށެވެ. އަދި ރަޖިސްޓްރާގެ ނިންމުމަށް އިސް ގާޒީ ތާއީދު ކުރައްވައިފި ނަމަ ހައިކޯޓުގައި އިސްތިއުނާފު ކުރައްވާނެ ކަމަށް ވެސް ނިޝާން ވިދާޅުވި އެވެ.

ރާއްޖެ ޓީވީގެ ސީއޯއޯ ހުސައިން ފިޔާޒު މޫސާ ވިދާޅުވީ އެ ސްޓޭޝަން ރޯކޮށްލި ހާދިސާއަށް ފަހު ހެދި އޮޑިޓުން އެނގޭ ގޮތުގައި 11.65 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފައިވާ ކަމަށެވެ.

"ރާއްޖެޓީވީ ރޯކޮށްލި ޓެރަރިސްޓް ހަމަލާ އާ ގުޅިގެން ތައްޔާރު ކުރި އޮޑިޓް ރިޕޯޓުން އެނގޭ ގޮތުގައި އެކަމުގެ ސަބަބުން 11.65 މިލިއަން ރުފިޔާގެ ގެއްލުމެއް ރާއްޖެ ޓީވީއަށް ވަނީ ލިބިފައި،" ފިޔާޒު ވިދާޅުވި އެވެ.

ފިޔާޒު ވިދާޅުވީ ރާއްޖެ ޓީވީ ކުރިން ހިންގަމުން ދިޔަ އިމާރާތުގައި ރޯކޮށްލުމުގެ ކުރިން އޮކްޓޯބަރު ހަ ވަނަ ދުވަހު އެ ސްޓޭޝަނަށް ވަނީ އިންޒާރުތަކެއް ލިބިފައި ކަމަށެވެ. އަދި އެ މައްސަލަ ވަގުތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވީ ނަމަވެސް އެތަނުގައި އަލިފާން ރޯކޮށްލާފައި ވަނީ ދައުލަތުން ފޯރުކޮށްދޭން ޖެހޭ ހިމަޔާތް ފޯރުކޮށްދީފައިނުވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖެ ޓީވީ ކުރިން ހިންގި އިމާރާތުގައި ރޯކޮށްލި އިރު، އިންޝުއަރެންސް މުއްދަތު ވަނީ ހަމަވެފައި ކަމަށާއި އިންޝުއަރެންސް އާ ކުރުމުގެ މަސައްކަތްތައް ދިޔައީ ކުރަމުން ކަމަށެވެ. ނަމަވެސް އެކަންނުވެ ވަނިކޮށް ހުޅުޖަހާފައިވާތީ އިންޝުއަރެންސް އެހީ ލިބިފައި ނުވާ ކަމަށް ފިޔާޒް ވިދާޅުވި އެވެ.

"ރާއްޖެޓީވީ އަކީ ވެސް ދައުލަތަށް ޓެކްސް ދައްކައިގެން، ސައްތައިން ސައްތަ ދިވެހި މުވައްޒަފުން ވަޒީފާ އަދާކުރާ ސްޓޭޝަނަކަށް ވެފައި އިންޝުއަރެންސްގެ ޚިދުމަތް މެދު ކެނޑިފައި އޮތް ދަނޑިވަޅެއްގައި މިހާބޮޑު ގެއްލުމެއް ސްޓޭޝަނަށް ދިނުމުން އެކަމުން އަރައިގަތުމަށް ސަރުކާރުގެ އެހީތެރިކަމަށް އެދި ރައީސް އޮފީހަށް ފޮނުވި ސިޓީއަށް މިއަދާ ހަމައަށް ޖަވާބެއްވެސް ލިބިފައިނުވޭ،" ފިޔާޒް ވިދާޅުވި އެވެ.

ރާއްޖެ ޓީވީ ރޯކޮށްލި މައްސަލާގައި ގިނަ ބަޔަކު ފުލުހުން ހައްޔަރުކޮށް ޕީޖީ އޮފީހަށް ފޮނުވި އެވެ. ނަމަވެސް ދައުވާ އުފުލާފައި ވަނީ އެންމެ މީހެއްގެ މައްޗަށެވެ. އެއީ ހ. ގަސްވާ މުހައްމަދު މީއާދެވެ. އޭނާގެ ޝަރީއަތް އަދިވެސް ނިމިފައެއްނުވެ އެވެ.