19 Oct 2017, 15:43
ޔޫމެޓް ކޮންސްޓްރަކްޝަނަށް ރާއްޖޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) 1.5 މިލިއަން ރުފިޔާ ދިނުމަށް ސިވިލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފިއެވެ.
ޔޫމެޓް ކޮންސްޓަރަކްޝަނަށް ދަނގަދޭ ދައްކަންޖެހޭ 1.5 މިލިއަން ރުފިޔާ އަކީ ވީބީ ސްޕޯޓްސް ކުލަބުން ގެރެންޓީ ދީގެން 2009 ވަނަ އަހަރުގެ މާޗް މަހުގެ 24 ވަނަ ދުވަހު ވެފައިވާ އެއްބަސްވުމާ ޚިލާފުވުމުން، އެކުންފުނިން ޚަރަދުކޮށްފައިވާ ފައިސާ ކަމަށް ސިވިލް ކޯޓުން ކުރި ހުކުމްގައިވެއެވެ.
ސިވިލް ކޯޓުން ދަގަނޑޭގެ ޣައިރު ހާޒިރުގައި ހުކުމް ކުރީ 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުން ފެށިގެން ކޮންމެ މަހަކު އެ މަހަކަށް ޖެހޭވަރު އެ ކޯޓަށް ދައްކަމުންގޮސް، ހަ މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކައި ޚަލާސް ކުރުމަށެވެ،
އެ ހުކުމް އިސްތިއުނާފުކޮށް ހައިކޯޓުގައި އަޝްފާގުގެ ފަރާތުން ބުނެފައި ވަނީ އެއްބަސްވުމުގެ ދަށުން ފައިސާ ހޯދުމަށް ޔޫމެޓް ކޮންސްޓްރަކްޝަނުން ދައުވާއެއް ކުރާނަމަ، އެފަދަ ދައުވާއެއް ރައްދުވާނީ، ފައިސާ ދެއްކުމުގެ ފުރިހަމަ ޒިންމާ އުފުލުމަށް އެއްބަސްވެފައިވާ ފަރާތްކަމަށްވާ ވީބީ ސްޕޯޓްސް ކުލަބުގެ ގެ މައްޗަށް ކަމަށެވެ. އަދި ސިވިލް ކޯޓުގެ ހުކުމްގައި އެކަމަށް ރިއާޔަތްކޮށްފައިނުވާ ކަމަށް ވެސް ދަގަނޑޭ ވަނީ ފާހަގަކޮށްފައެވެ.
އަޝްފާގު ފާހަގަކުރި އެ ނުކުތާއާ ގުޅޭގޮތުން ހައިކޯޓުގެ ހުކުމްގައި ވަނީ ދެ ފަރާތެއްގެ ދެމެދުގައިވެވޭ އެއްބަސްވުމެއް އިސްލާމީ ޝަރީއަތާ ޚިލާފުވާކަން ނުވަތަ ކޮންޓްރެކްޓާ ބެހޭ ގާނޫނުގައި އެއްބަސްވުމެއް ފުރިހަމަވުމަށް ޝަރުތުކުރާ ހުރިހާ ކަމެއް ފުރިހަމަވެފައި ނުވާކަން ޝަރީޢަތަށް ސާބިތުނުވާހާ ހިނދަކު މިފަދަ އެއްބަސްވުމަކީ އެއެއްބަސްވުމުގައި ބައިވެރިވާ ފަރާތްތަކުން އެއެއްބަސްވުމަކަށް ޢަމަލުކުރަން ލާޒިމްވާ ގޮތަށް އެއްބަސްވުމުގެ ބައިވެރިންގެ މެދުގައި ބަނދެވޭ ބަނދެވުމެއްކަމަށެވެ.
ހައިކޯޓުގެ ހުކުމްގައި ވަނީ ގ.ފައިނުއެވެ ކިޔާ ގޯތީ ގައި ހަދާފައިވާ ޢިމާރާތުގެ ހަ ވަނަ ފްލޯ އާއި ހަތް ވަނަ ފޯލޯ އަދި ޓެރަސް ފްލޯ އިމާރާތްކުރުމުގެ އަގު އަދާކުރުމާ ގުޅޭގޮތުން ޔޫމެޓް ކޮންސްޓްރަކުޝަނުން ވެފައިވާ އެއްބަސްވުމުގެ އެއް ވަނަ މައްދާގައިވާގޮތުން އެ އެއްބަސްވުމަކީ ޔޫމެޓް ކޮންސްޓްރަކުޝަނާއި ދަގަނޑޭ އާ ެދެމެދު ވެފައިވާ އެއްބަސްވުމެއްކަމަށެވެ.
އަދި އެ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ފައިސާ ދެއްކުމަށް އެއްބަސްވެ ދަގަނޑޭ ސޮއިކޮށްފައިވާކަން އެ އެއްބަސްވުމުން އެނގެން އޮތްއިރު އެ އެއްބަސްވުމުގައި ވީބީ ސްޕޯޓްސް ކްލަބުން ސޮއިކޮށްފައިވަނީ އެއްބަސްވުމުގެ ދަށުން ދަގަނޑޭ އަދާކުރަންޖެހޭ އިލްތިޒާމްތައް އަދާނުކޮށްފި ހާލަތެއް މެދުވެރިވެއްޖެނަމަ އެ އިލްތިޒާމްތައް އުފުލާނެ ފުރިހަމަ ޔަގީންކަން ދިނުމުގެ ގޮތުން ކަމަށް ވެސް އެ ހުކުމްގައިވެ އެވެ.
އެއީ އެކަމުގެ ސަބަބުން އެއްބަސްވުމުގެ ދަށުން ދަގަނޑޭ އުފަލަންޖެހޭ ޒިންމާ އަކުން އޭނާ ބަރީއަވާނެ ސަބަބެއް ނޫންކަމަށް ވެސް ހައިކޯޓުގެ ހުކުމްގައި ވަނީ ކަނޑައަޅާފައެވެ.