19 Oct 2017, 22:22
އެފްއޭއެމުން ކުރިއަށްގެންދާ "ޓުވާޑްސް ފިއުޗާ" ޕްރޮގްރާމްގެ ދަށުން އައްޑޫ ސިޓީން 19 އަހަރުން ދަށުގެ ޓީމާއެކު މެޗެއް ކުޅުމަށް ގައުމީ 19 އަހަރުން ދަށުގެ ޓީމު އައްޑޫ ސިޓީއަށް ގޮސްފިއެވެ.
ޖޫނިއާ ގައުމީ ފުޓްބޯޅަ ސްކޮޑަށް ހުނަރުވެރި ކުޅުންތެރިން ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން އެފްއޭއެމުން ވަނީ އައްޑޫ ސިޓީން 19 އަހަރުން ދަށުގެ ޓީމެއް ވަނީ އެކުލަވާލާފައެވެ. އައްޑޫން އެކުލަވާލި ޓީމާއި 19 އަހަރުން ދަށުގެ ގައުމީ ޓީމު ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ.
'ސަން ސްޕޯޓްސް'އާ ވާހަކަ ދައްކަވަމުން އެފްއޭއެމްގެ ރައީސް ވިދާޅުވީ، ވަރުގަދަ ފަސް ކޯޗުންނާއެކު އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރު ޖޭން ވަންލީގެ ބެލުމުގެ ދަށުން އައްޑޫން 19 އަހަރުން ދަށުގެ ވަރުގަދަ ސްކޮޑެއް އެކުލަވާލެވިފައިވާ ކަމަށާއި އެ ޓީމާއި 19 އަހަރުން ދަށުގެ ގައުމީ ޓީމު ކުޅޭ މެޗަށްފަހު އައްޑޫ ޓީމުގައި ތިބި ހުނަރުވެރި ކުޅުންތެރިންނަށް ގައުމީ ޓީމުން ފުރުސަތު ދޭނެ ކަމަށެވެ. އަދި ގައުމީ ޓީމަށް ނަގާ ކުޅުންތެރިންނަށް މާލޭގައި ތިބެގެން ކިޔެވުމުގެ އިންތިޒާމު ވެސް ހަމަޖައްސައިދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އެ މެޗު ކުޅޭއިރު އަޅުގަނޑުމެން 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ހެޑް ކޯޗު ވެސް ހުންނަވާނެ. އައްޑޫ ޓީމުގައި 19 އަހަރުން ދަށުގެ ގައުމީ ޓީމަށް އެރޭވަރުގެ ކުޅުންތެރިން ތިބިއްޔާ އެ ކުޅުންތެރިން މާލެ ގެނެވޭނެ އިންތިޒާމު ވެސް މިހާރު ވަނީ ހަމަޖެހިފައި. އަޅުގަނޑުމެން އެޑިއުކޭޝަން މިނިސްޓްރީ އާއެކު ވެސް ވާހަކަދެކެވި އެ ކުދިން މާލެ އައިސް، މާލޭގައި ތިބެގެން ކިޔެވުމުގެ ކަންތަކާއެކު ކުރިއަށްދާގޮތަށް މި މަސައްކަތް ކުރެވެމުން މިދަނީ،" އޭނާ ވިދާޅުވިއެވެ.
ބައްސާމް ވިދާޅުވީ، ޓުވާޑްސް ފިއުޗާ ޕްރޮގްރާމުގެ އަތޮޅުތެރޭގެ އެކިއެކި ސަރަހައްދުތަކަށް ދަތުރުކޮށް 16 އަހަރުން ދަށާއި 14 އަހަރުން ދަށުގެ ގައުމީ ޓީމަށް ހުނަރުވެރި ކުޅުންތެރިން ނެގަމުންދާނެ ކަމަށާއި އެކަންތައް ކުރިއަށްގެންދާނީ މަސްތަކަށް ބަހާލައިގެން ކަމަށެވެ.
އެފްއޭއެމުން ބުނީ، އައްޑޫން އެކުލަވާލި ޓީމު އަދި 19 އަހަރުން ދަށުގެ ގައުމީ ޓީމު ކުޅޭ މެޗުގައި ދެ ޓީމުން ވެސް ބޭނުންކުރާނީ ގައުމީ ޖޯޒީ ކަމަށާއި، އެގޮތުން ގައުމީ ޓީމުން ރަތް ކުލަ ބޭނުންކުރާއިރު، އައްޑޫގެ ޓީމުން ބޭނުންކުރާނީ ނޫ ޖޯޒީ ކަމަށެވެ. އައްޑޫގެ ޓީމުގެ ކޯޗުކަން ކުރާނީ އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރު ވަންލީ އެވެ.