އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރުގައި މިރޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބު ކުރިމަތިލާ އިރު، ދެ ޓީމަށް ވެސް އެ މެޗަކީ ވަރަށް މުހިންމު މެޗަކަށް ވާނެ އެވެ. އެ މެޗު މުހިންމު ވެގެންދަނީ ދެ ޓީމު ވެސް ޕޮއިންޓްގެ ގޮތުން އެއްވަރުވެފައި އޮތުމުންނެވެ.

ލީގު ތާވަލަށް ބަލައިލާ އިރު، ދެ ވަނައިގައި އޮތް މާޒިޔާ އަދި ތިން ވަނާގައި އޮތް ޓީސީއަށް ވެސް އަށް މެޗުން ލިބިފައި ވަނީ 19 ޕޮއިންޓެވެ. އެއް މެޗު އިތުރަށް ކުޅެ، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ތާވަލުގެ އެއް ވަނައިގައި އޮތީ ފަސް ޕޮއިންޓްގެ ލީޑަކާ އެކު އެވެ. ނިއުއަށް އެންމެ ފައިދާ ބޮޑު ވެގެންދާނީ ޓީސީ އާއި މާޒިޔާ މިރޭ ކުޅޭ މެޗު އެއްވަރުވެގެން ނިމިއްޖެ ނަމަ އެވެ. އޭރުން އެއް ވަނާގައި ނިއު އޮންނާނީ ހަތަރު ޕޮއިންޓްގެ ލީޑަކާއެކު އެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާއާއި ގްރީން ބައްދަލުކުރި މެޗުގެ ތެރެއިން: މިރޭ މާޒިޔާ އާއި ޓީސީ ނުކުންނަ އިރު، ދެ ޓީމު އޮތީ ޕޮއިންޓްގެ ގޮތުން އެއްވަރުވެފައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެ މެޗުގެ ކުރިން މިދިޔަ ބުރާސްފަތި ދުވަހު އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ، އެންމެ ފަހުގެ ޗެމްޕިއަނުންނާ ދެކޮޅަށް ޓީސީން ނުކުންނާނީ ސަމާލުވެގެން ކަމަށާއި އެ ޓީމު އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށެވެ. އަދި މާޒިޔާއާ ދެކޮޅަށް ނުކުންނަން ޖެހޭ އިރު ސަމާލުވާން ޖެހޭ ބައިވަރު ކަންތައްތަކެއް ހުރި ކަން ވެސް ނިޒާމްބެ ފާހަގަކުރި އެވެ.

"ޕޮއިންޓްގެ ގޮތުން ކައިރީގައި އޮތް ޓީމަކަށް ވުރެ މާޒިޔާއާ ކުޅޭއިރު ސަމާލުވާން ޖެހޭ ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި. ފުރަތަމަ އެއް ކަމަކީ ޕޮއިންޓްގެ ގޮތުން ދެ ޓީމު މިއޮތީ ހަމަހަމަކޮށް. މިއީ އެއް ޓީމު އަނެއް ޓީމުގެ މައްޗަށް ކުރި ހޯދަން އޮތް ފުރުސަތެއް. އެއަށް ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެ. މި މެޗަކީ ދެ ޓީމަށް ވެސް ވަރަށް މުހިންމު މެޗެއް. ކޮންމެ ޓީމެއް ވެސް މިހާ ހިސާބަށް މިއަންނަނީ ވަރަށް މަސައްކަތުން،" އޭނާ ބުންޏެވެ.

ޓީސީ ސްޕޯޓްސް ކްލަބުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ): މިރޭ މާޒިޔާ އާއި ޓީސީ ނުކުންނަ އިރު، ދެ ޓީމު އޮތީ ޕޮއިންޓްގެ ގޮތުން އެއްވަރުވެފައި --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ޓީސީގެ ކޯޗު ނިޒާމްބެ ބުނީ، އެ މެޗަށް ޓީސީގެ އެންމެ ރަނގަޅު ކުޅުން ނުދައްކަފި ނަމަ ފަސޭހައެއް ނުވާނެ ކަމަށާއި އެހެންވީމާ އެހާ މަސައްކަތް ކުރަން ކުޅުންތެރިންނަށް އިރުޝާދު ދޭނެ ކަމަށެވެ. އަދި ގިނަ ކުޅުންތެރިންތަކެއްގެ ފަރާތުން ލަނޑުތައް ފެންނަމުންދާތީ އެކަމާ މެދު ހިތްހަމަޖެހޭ ކަމަށް ވެސް އޭނާ ބުންޏެވެ.

މެޗާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން މާޒިޔާގެ ކޯޗު މަރްޔާން ސެކުލޮވްސްކީ ބުނީ، ޓީސީއަކީ އަބަދުވެސް ވަރަށް ރަނގަޅު ފޯމެއްގައި އޮންނަ ޓީމެއް ކަމަށާއި އެ ޓީމަކީ އެންމެ ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ އެއް ޓީމު ކަމަށެވެ. އަދި މާޒިޔާ އާއި ޓީސީގެ ކުރިމަތިލުންތަކުގައި ވާދަވެރި ކުޅުމެއް ފެންނަމުންދާ ކަން ވެސް އޭނާ ފާހަގަކުރި އެވެ.

"ޓީސީއަކީ އަބަދު ވެސް ރަނގަޅު ފޯމެއްގައި އޮންނަ ޓީމެއް. އަހަރެންގެ ނަޒަރުގައި ޓީސީއަކީ އެންމެ ރަނގަޅު ޓީމުތަކުގެ ތެރޭގައި ހިމެނޭ ޓީމެއް. އަބަދުވެސް އަހަރެމެންގެ މެޗުތަކަކީ އުނދަގޫ މެޗުތަކެއް. ވަރަށް ޝައުގުވެރި ކުޅުމެއް ފެނިގެންދާ މެޗުތަކެއް. އަހަރެމެން އަބަދުވެސް މަސައްކަތް ކުރަނީ ޓީމުގެ ކުޅުން ރަނގަޅު ކުރުމަށް. އަހަރެމެން ޓީސީއާ ދެކޮޅަށް ނުކުންނަ އިރު، ފުރިހަމައަށް ތައްޔާރުވާން ޖެހޭނެ. އެހެންވީމާ އެ މެޗަށް ނުކުންނަ އިރު، ޓީމު އޮންނާނީ ވަރަށް ރަނގަޅަށް،" އޭނާ ބުންޏެވެ.

މާޒިޔާގެ ކޯޗު މަރްޔާން ސެކުލޮވްސްކީ: މިރޭ މާޒިޔާ އާއި ޓީސީ ނުކުންނަ އިރު، ދެ ޓީމު އޮތީ ޕޮއިންޓްގެ ގޮތުން އެއްވަރުވެފައި --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މިރޭގެ މެޗަކީ މިއަހަރު ފުޓްބޯޅަ ސީޒަނުގައި މާޒިޔާ އާއި ޓީސީ ބައްދަލުކުރާ ހަތަރު ވަނަ މެޗެވެ. އޭގެ ތެރެއިން މާލޭ ލީގުގައި ކުޅުނު ފުރަތަމަ މެޗުން މާޒިޔާ މޮޅުވި އިރު، ދެވަނަ މެޗު ނިމިގެންދިޔައީ އެއްވަރު ވެގެންނެވެ. ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުގެ މެޗުން މޮޅުވީ ޓީސީއެވެ. މާޒިޔާގެ ކޯޗު ބުނީ، މިރޭގެ މެޗަށް ނުކުންނަން ޖެހޭނީ ހުރިހާ ކަމަކަށް ފުރިހަމައަށް ތައްޔާރުވެގެން ކަމަށެވެ.

"މާލޭ ލީގުގެ ފުރަތަމަ މެޗުގައި އަހަރެމެން މޮޅުވީ 3-0 ލަނޑުން. އެކަމަކު އޭރު އަހަރެމެންނަށް ލަނޑު ޖެހުމުގައި ފަސޭހަތަކެއް ހުރި. އެ ޓީމުން ކުރިއަށް ޖެހޭ ވަގުތު އަހަރެމެން ލަނޑު ޖަހަނީ. ދެވަނަ މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެން، އެއް ގަޑިއިރު ވަންދެން އަހަރެމެން ކުޅެމުންދިޔައީ ކުޅުންތެރިޔަކު މަދުކޮށް. އެންމެ ފަހުން ޓީސީއާ ދެކޮޅަށް ކުޅުނު މެޗުގައި އަހަރެމެން ކޮޅަށް ލަނޑު ވަދެފައިވަނީ ފުރަތަމަ މިނެޓުގައި. މެޗުގެ ކުރީކޮޅު ލަނޑެއް ޖެހުމުން، އުނދަގޫތަކެއް ހުންނާނެ ލަނޑު ޖަހަން. ކުރިއަށްއޮތް މެޗަށް ނުކުންނަ އިރު، އަހަރެމެން ޖެހޭނެ ފުރިހަމައަށް ތައްޔާރުވާން،" މާޒިޔާގެ ކޯޗު ސެކުލޮވްސްކީ ބުންޏެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މާޒިޔާ އާއި ޓީސީ ކުޅޭ މެޗު ފެށޭނީ މިރޭ 9:00ގަ އެވެ. އެ މެޗުގެ ކުރިން މިއަދު ހަވީރު 4:00ގައި ކުޅޭ މެޗުގައި ބައްދަލު ކުރާނީ ގދ. ތިނަދޫ އާއި ދ. ކުޑަހުވަދޫ އެވެ.