އަރަމުން އަންނަ އެކްޓަރު އާޔޫޝްމަން ޚުރާނާ ވެސް ފިލްމް ޕްރޮޑަކްޝަނާ ދިމާލަށް މިސްރާބު ޖަހައިފި އެވެ.

'ދަމް ލަގާކޭ ހާއިޝާ' އަދި 'ވިކީ ޑޯނާ' ފަދަ ކާމިޔާބު ފިލްމުތަކުން ފެނިގެން ގޮސްފައިވާ އެކްޓަރު މި އަހަރު ވެސް ވަނީ ރަނގަޅު ދެ ފިލްމެއްގައި މަސައްކަތްކޮށްފަ އެވެ.

މި އަހަރު ރިލީޒް ކުރި އޭނާގެ 'ބަރޭލީ ކީ ބަރްފީ' އަދި 'ޝުބް މަންގަލް ސާވްދާން'ގެ ކާމިޔާބީ އަށް ފަހު އަމިއްލަ ޕްރޮޑަކްޝަން ހައުސް އެއް ފެށުމަށް އާޔޫޝްމަން މިވަނީ ތައްޔާރުވެފަ އެވެ.

ޚަބަރުތައް ބުނާ ގޮތުން އާޔޫޝްމަންގެ ބެނާގެ ދަށުން އޭނާ އެންމެ ފުރަތަމަ ޕްރޮޑިއުސް ކުރާނީ އޭނާގެ އަންހެނުން ތާހިރާ ކަޝްޔަޕް ޑައިރެކްޓު ކުރުމަށް ހަމަޖެހިފައިވާ ލޯބީގެ ފިލްމެކެވެ. އާޔޫޝްމަން ވަނީ މީގެ ކުރިން ވެސް އޭނާގެ އަންހެނުން ޑައިރެކްޓު ކުރި ކުރު ފިލްމެއް ކޯ-ޕްރޮޑިއުސް ކޮށްފަ އެވެ.

އާޔޫޝްމަން އަކީ ކެމެރާގެ ކުރިމަތީ މަސައްކަތް ކުރަމުން ޕްރޮޑަކްޝަނާ ގުޅޭ ފުރަތަމަ އެކްޓަރެއް ނޫނެވެ. ކާމިޔާބު އެކްޓަރުން ކަމުގައިވާ އަނުޝްކާ ޝަރްމާ އަދި ޕްރިޔަންކާ ޗޯޕްރާ ވެސް އަންނަނީ އަމިއްލަ ޕްރޮޑަކްޝަން ހައުސް އުފައްދައި ކާމިޔާބު ރަނގަޅު މަސައްކަތްތަކެއް ކުރަމުންނެވެ.

އާޔޫޝްމަން ދެން އެންމެ އަވަހަށް ފެނިގެން ދާނީ އަންނަ އަހަރު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ސްރީރާމް ރާގަވަންގެ ތުރިލާ އަކުންނެވެ.