22 Oct 2017, 09:15
ފިލްމީ ދާއިރާގައި ފުލްޓައިމްކޮށް މަސައްކަތްކުރުމުގެ އެއްވެސް ވިސްނުމެއް އަދި ނެތްކަމަށް ކުރިއަރަމުން އަންނަ އުމުރުން އެންމެ 16 އަހަރުގެ ޒާއިރާ ވަސީމް ބުނެފިއެވެ.
ޒާއިރާ ބުނީ ފުލްޓައިމްކޮށް ފިލްމުކުޅޭނީތޯ ނޫނީ އެހެން ކެރިއަރެއް އިހްތިޔާރު ކުރާނީތޯ އަދި ނުނިންމާ ކަމަށެވެ.
"ކުރިމަގުގައި އަހަރެން ހިޔާރު ކުރާނެ މަގެއް އަދި ނޭނގޭ. އަހަރެން މިއީ އަދި ކިޔަވާ ކުއްޖެއް. އަހަރެން ބޭނުންވަނީ މައިންބަފައިންނާއި އެކީ ކަޝްމީރުގައި ދިރިއުޅެން. ކިޔަވައިގެން މޮޅު މީހަކަށް ވާން ބޭނުންވަނީ. ފިލްމު ކުޅުމަށް މާ ބޮޑު ޝައުގުވެރިކަމެއް ނުހުރޭ. 'ދަންގަލް'ގެ އޮޑިޝަނަށް ދިޔައީ ކޮންމެހެން ފިލްމަށް ހޮވޭނެކަމުގެ އުންމީދެއް އޮވެގެނެއް ނޫން. ހަމަ ތަޖުރިބާ ކޮށްލަން. އެކަމަކު ނަސީބު އަތުގަ ހިފީތާ. އެންމެ އުފާވަނީ އާމިރު އާ އެކީ މަސައްކަތްކޮށްލަން ލިބުނީމަ. އެއީ އަހަރެންނަށް ލިބޭ ފަހުރެއް އަދި ޝަރަފެއް. ފަހަރުގަ ފިލްމީ ދާއިރާއިން ނުފެނިވެސް ދާނެ. އަދި އެއްވެސް ގޮތެއް ނުނިންމަން،" އޭނާ ބުންޏެވެ.
"ދަންގަލް" ފިލްމުން ބޮލީވުޑަށް ނުކުތް ޒާއިރާއަށް އެ ފިލްމުން ވަނީ ނެޝަނަލް އެވޯޑު ލިބިފައެވެ.
ހުކުރު ދުވަހު ރިލީޒް ކުރި ފިލްމް "ސީކްރެޓް ސުޕަސްޓާ"ގެ ބަތަލާ އަކީވެސް އެ ހުނަރުވެރި އަންހެން ކުއްޖާއެވެ. ފިލްމު ރިލީޒްވެފައި ވާއިރު ފިލްމު ބެލި އެންމެން ވެސް ޒާއިރާގެ ހުނަރަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައިވެއެވެ. ޒާއިރާ އަކީ ކުޅަދާނަ ބަތަލާ އެއްކަން އެންމެން ވެސް ގަބޫލުކުރެއެވެ.