ސީރިއާގައި ހިނގަމުންދާ ހަނގުރާމައިގައި ބައިވެރިވުމަށް ދާން މަސައްކަތް ކުރަނިކޮށް ތުރުކީއާއި ސީރިއާ ގުޅޭ ބޯޑަރު ކައިރިން ހައްޔަރު ކުރި ކަމަށް ބުނެ ތިން މީހެއްގެ މައްޗަށް ކުރި ދައުވާ ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

އެ މައްސަލާގައި ދައުވާ އުފުލާފައިވަނީ، ލ. މާމެންދޫ، މުރިނގު އަހްމަދު ލަތީފާއި، ގދ. ރަތަފަންދޫ، ނީލްވިލާ އަހްމަދު ސުހައިލް މޫސާއާއި، ތ. ގާދިއްފުށި، ސިނަރީގެ މުނައްވަރު އަބްދުﷲގެ މައްޗަށެވެ. އެ ތިން މީހުންގެ މައްޗަށް އުފުލި ދައުވާވެސް ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައި މިދިޔަ ބުރާސްފަތި ދުވަހު ވަނީ ހުކުމް ކޮށްފައެވެ.

އެ ތިން މީހުންގެ މައްޗަށް ދަައުވާ އުފުލާފައިވަނީ، 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި، ސީރިއާގައި ހިނގަމުންދާ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް ރާއްޖެއިން ފުރައިގެން ތުރުކީއަށް ގޮސް ސީރިއާއާ ގުޅޭ ބޯޑަރުން ސީރިއާއަށް އެތެެރެވުމަށް މަސައްކަތްކޮށްފައިވާތީ ކަމަށް ބުނެ އެވެ.

ހުކުމުގައި ބުނެފައިވަނީ، ދައުލަތުން ހުށަހެޅި ޝަފަވީ ހެކީންގެ ތެރެއިން، އަށް ސިއްރު ހެކިވެރިއަކާއި، ލ. މާމެންދު ޝަމް، މުހައްމަދު ސާމީ ޝަރީއަތަށް ދީފައިވާ ހެކިބަސް އަދާ ކުރި އިރު، ބުނެފައިވާ ވާހަކަަތަކާއި، ތަހުގީގުގައި އެ ފަރާތްތަކުން ބުނެފައިވާ ކަމަށް ތަހްގީގު ބަޔާންތަކުން ފެންނަން ހުރި ކަންކަމާއި ބޮޑެތި ތަފާތުތަކެއް ހުރިކަން ޝަރީއަތަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އޭގެ އިތުރުން ދައުލަތުން ކޮށްފައިވާ ދައުވާ ސާބިތު ކުރުމަށް އެންމެ މުހިއްމު ލިޔުންތަކަކީ، ތުރުކީގައި އެ ފަރާތްތައް ހައްޔަރުކުުރެވުނު ނަމަ އެކަން އެނގޭނެ ލިޔުންތައް ކަމަށާއި، އެހެން ނަމަވެސް އެ ފަދަ އެއްވެސް ލިޔުމެއް ނުވަތަ އެފަދަ ލިޔުމެއް ހޯދުމަށް ދައުލަތުން ކޮށްފައިވާ މަސައްކަތާ ގުޅުން ހުރި އެއްވެސް ލިޔުމެއް ޝަރީއަތަށް ހުށަހަޅާފައި ނުވާ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ، ދައުވާ ލިބޭ މީހުން ގޮސްފައިވަނީ ވިޔަފާރި ދަތުރެއްގައި ކަމަށް ބުނެފައިވާކަމަށެވެ. އަދި އެކަމަށް ބާރުލިބޭ ގޮތަށް ޝަރީއަތުގައި އަށް މީހަކު ހެކިބަސްދީފައިވާ ކަަމަށް އެ ހުކުމުގައި ބުނެފައިވެ އެވެ. އެހެން ކަމުން އެ ތިން މީހުން ސީރިއާއަށް އެތެރެވެ ހަނގުރާމައިގައި ބައިވެރިވުމަށް ކަމަށް ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވެފައި ނުވާ ކަމަށް އެ ހުކުމުގައި ބުނެފައިވެ އެވެ.