ފީފާ އިން ހޮވާ ޑްރީމް ޓީމު ނުވަތަ ފިފްޕްރޯ ވޯލްޑް 11ގައި ރެއާލް މެޑްރިޑްގެ ފަސް ކުޅުންތެރިންނާއި ބާސެލޯނާ އަދި ޔުވެންޓަސްގެ ތިން ކުޅުންތެރިން ހިމެނިއްޖެ އެވެ.

ލަންޑަންގައި ކުރިއަށްދާ ދަ ބެސްޓް ފީފާ ފުޓްބޯލް އެވޯޑްސްގައި އިއުލާންކުރި ފިފްޕްރޯ ވޯލްޑް 11ގައި ހިމެނުނު ރެއާލްގެ ކުޅުންތެރިންނަކީ މިދިޔަ ސީޒަނުގެ ސްޕެނިޝް ލަލީގާ އަދި ޔޫއެފާ ޗެމްޕިއަންސް ލީގު ތަށި އެ ކްލަބަށް ކާމިޔާބު ކޮށްދިނުމުގައި އިސް ދައުރެއް އަދާކުރި ކުޅުންތެރިންނެވެ.

ރެއާލް މެޑްރިޑުން ފިފްޕްރޯ ޓީމުގައި ހިމެނުނީ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި، ލޫކާ މޮޑްރިޗް އާއި، ޓޯނީ ކްރޫސް އާއި، ސާޖިއޯ ރާމޯސް އަދި މާސެލޯ އެވެ. މިދިޔަ އަހަރުގެ ފިފްޕްރޯ ޓީމުގައި ހިމެނުނު ނުވަ ކުޅުންތެރިއެއް މިއަހަރުގެ ޓީމުގައި ވެސް ހިމެނުނެވެ. އޭގެ ތެރެއިން ރެއާލުން ހިމެނުނު ފަސް ކުޅުންތެރިން މިއަހަރުގެ ޓީމުގައި ވެސް ހިމެނުނެވެ.

ފީފާ ފިފްޕްރޯ ވޯލްޑް 11:

ގޯލްކީޕަރު: ޖިއާންލުއިޖީ ބުފޮން (އިޓަލީ) / ޔުވެންޓަސް

ޑިފެންޑަރުން: ޑަނީ އަލްވޭސް (ބްރެޒިލް) / ޔުވެންޓަސް، ލިއޮނާޑޯ ބޮނޫޗީ (އިޓަލީ) / ޔުވެންޓަސް، ސާޖިއޯ ރާމޯސް (ސްޕެއިން) / ރެއާލް މެޑްރިޑް، މާސެލޯ (ބްރެޒިލް) / ރެއާލް މެޑްރިޑް.

މިޑްފީލްޑަރުން: ލޫކާ މޮޑްރިޗް (ކްރޮއޭޝިއާ) / ރެއާލް މެޑްރިޑް، ޓޯނީ ކްރޫސް (ޖަރުމަން) / ރެއާލް މެޑްރިޑް، އަންދްރޭސް އިނިއެސްޓާ (ސްޕެއިން) / ބާސެލޯނާ.

ފޯވަޑުން: ލިއޮނެލް މެސީ (އާޖެންޓީނާ) / ބާސެލޯނާ، ލުއިސް ސުއަރޭޒް (އުރުގުއާއީ) / ބާސެލޯނާ، ކްރިސްޓިއާނޯ ރޮނާލްޑޯ (ޕޯޗުގަލް) / ރެއާލް މެޑްރިޑް.