އަހަރުގެ އެންމެ އީޖާދީ ކުންފުނި އަދި އަހަރުގެ އެންމެ މޮޅު އާ ޚިދުމަތުގެ އެވޯޑް އުރީދޫ އަށް ލިބިއްޖެ އެވެ.

ޕޭމަންޓް ސޮލިއުޝަން ސޮފްޓްވެއާގެ ގިންތިން އެމް-ފައިސާ އަށް ސްޓީވީ އިންޓަނޭޝަނަލް ބިޒްނަސް އެވޯޑުގެ ދެ ބްރޯންޒް އެވޯޑް ވަނީ ލިބިފަ އެވެ.

އެ އެވޯޑްތައް ލިބުމާ ގުޅިގެން އުރީދޫ އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އީޖާދީ ކުންފުންޏެއްގެ ގޮތުގައި އުރީދޫ ބަލައިގަތުމަކީ އެ ކުންފުންޏަށް ލިބޭ ފަޚުރެއް ކަމަށާއި ޚިދުމަތް ފޯރުކޮށްދިނުމުގައި އައު ތަޖުރިބާ އާއި ފުރުސަތުތަކަށް އެކުންފުނިން އިސްކަންދޭ ކަމަށެވެ.

"ދިވެހިރާއްޖެއަށް މުޅިން އަލަށް ތަޢާރަފު ކުރެވުނު މޯބައިލް ފައިނޭންޝަލް ޚިދުމަތެއް ކަމަށްވާ އެމް-ފައިސާއަކީ އެފަދަ އީޖާދީ ޚިދުމަތެއް. މި ޚިދުމަތް ކުރިއަރަމުންދާ ދުވެއްޔާ މެދު އަޅުގަނޑުމެން ނުހަނު އުފާކުރަން،" އުރީދޫ އިން ނެރުނު ބަޔާނުގައި ބުންޏެވެ.

އުރީދޫގެ ސީއީއޯ ނަޖީބް ޚާންއާ ހަވާލާދީ އެ ބަޔާނުގައި ބުނީ އެ ކުންފުންޏަށް ލިބޭ ކުރިއެރުމުގެ ސިއްރަކީ އެ ކުންފުނީގެ ހީވާގި މުވައްޒަފުން ކަމަށެވެ. އެ ކަމަށް ޓަކައި މުވައްޒަފުންނަށް އައްސަރިބަހާ ސާބަސް ރައްދުކުރާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ސްޓީވީ އެވޯޑުގެ ފަނޑިޔާރުންގެ ގޮތުގައި 21 ފަރާތަކުން ބައިވެރިވި އިރު ދުނިޔޭގެ އެކި ހިސާބުން 200 އެގްޒެކެޓިވުންނާއި 60 އަށް ވުރެ ގިނަ ގައުމުތަކުގެ ތަފާތު އިންޑަސްޓްރީތަކުން 3،900 އަށް ވުރެ ގިނަ ކުންފުނި ވަނީ ނޮމިނޭޓްވެފަ އެވެ.

ސާދަ ވަނަ އިންޓަނޭޝަނަލް ބިޒްނަސް އެވޯޑްސް ދިނުމުގެ ޙަފްލާ ބާއްވާފައި ވަނީ 21 އޮކްޓޫބަރު ވަނަ ދުވަހުގެރޭ ސްޕެއިންގެ ބާސެލޯނާގަ އެވެ.

އަހަރުގެ އެންމެ މޮޅު އާ ޚިދުމަތުގެ އެވޯޑް އުރީދޫ އަށް ލިބުނު އިރު ޑިޖިޓަލް ޓެކްނޮލޮޖީ މެދުވެރިކޮށް ފަހި މުޖުތަމަޢެއް ބިނާކުރުމުގައި އުރީދޫ އިން ވަނީ ފާއިތުވެ ދިޔަ އަހަރުތަކުގެ ތެރޭގައި ބޮޑެތި ކުރިއެރުންތަކެއް ހޯދައިފަ އެވެ.

ވޭތުވެ ދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އުރީދޫ އިން ކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި އުރީދޫގެ ނޭޝަންވައިޑް ސަބްމެރިން ކޭބަލްގެ ޚިދުމަތާއި މުޅިރާއްޖެ އަށް ފޯޖީ ޕަލަސް ނެޓްވާކް ފުޅާކުރުމާއި "މުޅި ދުނިޔެއަށް މަގުބޫލު ޚިދުމަތްތައް ކަމަށްވާ އެމް-ފައިސާ، ސްމާޓް ކެމްޕަސް، އުރީދޫ ބިޒްނަސް، އަދި ދާދި ފަހުން ތަޢާރަފްކުރި ފަސޭހަ ބްރޯޑްބޭންޑް، އުރީދޫ ނެކްސްޓް، އަދި މަގޭ ޕްލޭން" ހިމެނޭ ކަމަށް އުރީދޫ އިން ބުންޏެވެ.

ޑިޖިޓަލް މޯލްޑިވްސް އިނީޝިއޭޓިވްއާ އެކު 2015 އިން ފެށިގެން އުރީދޫ އިން ގެންދަނީ ޓެލެކޮމިއުނިކޭޝަން ކުންފުންޏަކުން ފުރިހަމަ އައިސީޓީ ކުންފުންޏަކަށް ބަދަލުވަމުންނެވެ. ކުންފުނީގެ ޑިޖިޓަލް ސްޓްރެޓެޖީ އަމާޒުކޮށްފައި ވަނީ ޓެކްނޮލޮޖީ މެދުވެރިކޮށް ޢާއްމު އިޖުތިމާއީ ކުރިއެރުމަށާއި، ތަޢުލީމު، ޞިއްޙަތު، ވިޔަފާރި އަދި ފައިސާގެ މުޢާމަލާތްތައް ކުރިއެރުވުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.