މި ސީޒަނުގައި ޓޮޓެންހަމް ހޮޓްސްޕާއަށް ޕްރިމިއާ ލީގު ކާމިޔާބު ކުރެވޭނެކަމަށް އެޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ހެރީ ކޭން ބުނެފިއެވެ.

ކޭން ބުނީ ޕްރިމިއާ ލީގުގެ ތަށްޓަށް ބައިވަރު ޓީމުތައް ވާދަކުރާ ކަމަށާއި، ލީގު ކާމިޔާބު ކުރުމަށް ޓޮޓެންހަމް އިން ކުރަންޖެހޭ މަސައްކަތްވެސް ވަރަށް ބުރަ ކަމަށެވެ. އެގޮތުން މި ސީޒަނުގައި ޓީމުން ރަނގަޅު ނަތީޖާތަކެއް ހޯދަމުން އަންނަ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

"ކުރީ ސީޒަންތަކުގައި ޕްރިމިއާ ލީގު ކާމިޔާބުކުރުމުގެ ފުރުސަތު ޓޮޓެންހަމް އަށް ލިބި ބޭކާރުވެފައި ވަނީ. ނަމަވެސް މި ސީޒަނުގައި ޕްރިމިއާ ލީގު ކާމިޔާބުކުރޭވެނެ ކަމުގެ އުންމީދު އެބައޮތް. ބޭނުން ވަނީ ޓޮޓެންހަމް އަކީ ދުނިޔޭގެ އެންމެ މޮޅު ކްލަބަށް ހަދައި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިން ތެރޭގައި ހިމެނުން،" ކޭން ބުންޏެވެ.

ކޭން ބުނީ ޕްރިމިއާ ލީގުގެ ތަށި ހޯދުމަށް މަސައްކަތް ކުރަން ވަރަށް ބައިވަރު ދުވަސް އެބަ އޮތް ކަމަށާއި އެގޮތުން މިހާރު އޮތް ސްކޮޑު އަދި ކޯޗާއެކު އުންމީދު ކުރަމުން އަންނަ ކަންތައްތައް ހާސިލް ކުރެވޭނެކަމަށާއި، އެ ދުވަސް ދެކެން ކެތްމަދުވެފައި ހުރިކަމަށެވެ.

މި ސީޒަނުގެ މިހާތަނަށް ޓޮޓެންހަމްއަށް 13 ލަނޑު ޖަހައިދީފައިވާ ކޭން ހޯދުމަށް ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތްކުރަމުންނެވެ. އޭގެ ތެރޭގައި ސްޕެއިންގެ ރެއާލް މެޑްރިޑް އަދި މެންޗެސްޓާ ޔުނައިޓެޑް ހިމެނެއެވެ.

ޕްރިމިއާ ލީގުގައި ޓޮޓެންހަމް މިހާތަނަށް ކުޅުނު ނުވަ މެޗުން 20 ޕޮއިންޓް ހޯދާފައިވާއިރު، އެޓީމު އޮތީ ލަނޑުގެ ތަފާތުން ޕޮއިންޓް ތާވަލުގެ ތިންވަނައިގައެވެ.