25 Oct 2017, 10:50
ކާބުލް(އޮކްޓޯބަރު 25): އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރެކްސް ޓިލާސަން އާއި އަފްގާނިސްތާނުގެ ރައީސް އަޝްރަފް ޣަނީ ހޯމަ ދުވަހު ބައްދަލުކުރެއްވި އިރު ނަގާފައިވާ ފޮޓޯއެއް އަފްގާނިސްތާނުގެ ރައީސްގެ އޮފީހުން އެޑިޓްކޮށްފައިވާ ކަން ހާމަވެއްޖެ އެވެ.
އެމެރިކާގައި ހުންނަ ޔޫއެސް އެމްބަސީ އާއި އަފްގާން ރައީސް އޮފީހުންވެސް ފުރަތަމަ ބުނީ ދެ ބޭފުޅުން ބައްދަލު ކުރެއްވީ ވެރިރަށް ކާބުލްގައި ކަމަށެވެ. ނަމަވެސް ޔޫއެސް އެމްބަސީން އާއްމު ކުރި ފޮޓޯއިން ފެނިގެންދާ އެމެރިކާގެ އަސްކަރީ ގަޑިއަކާއި ރަތް ކުލައިގެ ފަޔާ އެލާމެއް އަފްގާން ރައީސް އޮފީހުން ނެރުނު ފޮޓޯގައި ނެތްކަން ގިނަ ބަޔަކު ފާހަގަ ކުރި އެވެ.
އަދި އަފްގާނިސްތާނުގެ ރައީސް އޮފީހުން ނެރުނު ބަޔާނެއްގައިވާ ގޮތުން އެދެ ބޭފުޅުން ބައްދަލުކުރެއްވީ ރައީސްގެ އަރިހަށް ޓިލާސަން ވަޑައިގަތުމުންނެވެ.
ނަމަވެސް އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ފަހުން ވަނީ އެ ދެ ބޭފުޅުން ބައްދަލުކުރެއްވީ ކާބުލްއާ 35 މޭލު ދުރުގައި އޮންނަ އެމެރިކާގެ އަސްކަރީ މަރުކަޒެއް ކަމަށްވާ ބަގްރާމްގައި ކަމަށް ބުނެފައެވެ. އަދި ދެ ގައުމުން އާއްމު ކުރި ފޮޓޯގެ ތެރެއިން އެއް ފޮޓޯ އެޑިޓްކޮށްފައިވާ ކަމަށް ކަމާ ބެހޭ މާހިރުން ވިދާޅުވި ނަމަވެސް އެކަމާ ބެހޭ ގޮތުން ދެގައުމުންވެސް ވަކި އެއްޗެކޭ ބުނެފައެއް ނުވެއެވެ.
ގާތްގަނޑަކަށް ދެ ގަޑި އިރަށް ދެމިގެންދިޔަ، ޓިލާސަން އާއި ޣަނީގެ ބައްދަލުވުން އޮތީ، ޓިލާސަން އަފްގާނިސްތާނުން ފުރާ ވަޑައިގަންނަވަންދެން ސިއްރުކޮށްފައެވެ. އެއީ މީގެ ކުރިން އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޖޭމްސް މެޓިސް އަފްގާނިސްތާނަށް ވަޑައިގަތުމާ ގުޅިގެން ކާބުލް އެއާޕޯޓަށް ދިން ހަމަލާތަކުގެ ސަބަބުން، އެމެރިކާއިން އެޅި ސަލާމަތީ ފިޔަވަޅެކެވެ. (ބީބީސީ)