25 Oct 2017, 12:34
މިދިޔަ ޖުލައި މަހުގެ 27 ވަނަ ދުވަހުގެ ހަވީރު ޓާމިނަލް ކެފޭ ތެރޭގައި ހއ. ތަކަންދޫ އިބްރާހިމީ ހިޔާ ނަދީމް އަބްދުއްރަހީމަށް ވަޅިން ހަމަލާދީ މަރާލުމުގައި ބައިވެރިވި ކަމަށް ދައުވާ ލިބޭ ދެ މީހަކު އިންކާރުކޮށްފި އެވެ.
ނަދީމްގެ މަރުގެ މައްސަލާގައި ހަތަރު މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވާއިރު، އެ ހަތަރު މީހުންގެ މައްސަލައިގެ އަޑުއެހުންވެސް މިއަދު ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
މިއަދުގެ އަޑުއެހުމުގައި ދައުވާއަށް އިންކާރުކޮށްފައިވަނީ، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާ ލިބޭ ތިން މީހުންގެ ތެރެއިން، ރ. އިންނަމާދޫ ސަމަންތާ ހުސައިން ޝާމިން،24 އާއި ގއ. ގެމަނަފުށި ހަވާސް، މުހައްމަދު ކަރަމް ސުހައިލް،22 އެވެ. ހަމަ އެ ދައުވާ ލިބޭ، ލ. ގަން ވިދާތަރި އަލީ ނިފާޒު،22 ދައުވާއަށް އިންކާރު ކުރާކަން ނުވަތަ ނޫންކަންވެސް ޝަރީއަތުގައި ފާހަގަކޮށްފައި ނުވެއެވެ.
ދެން އެ މައްސަލާގައި ދައުވާ އުފުލާފައިވަނީ، ގ. ޝާރާޒް، މުހައްމަދު މަފާޒު ހުސައިން ސަލީމް،20 ގެ މައްޗަށެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެވެ.

ނަދީމްގެ މަރުގެ މައްސަލާގައި ހައްޔަރު ކުރި މަފާޒު ގ. ޖެލީފިޝްގެއިން ނެރެގެން ގެންދަނީ-- ސަން ފޮޓޯ
މިއަދު ބޭއްވި އަޑުއެހުމުގައި ދައުވާ އިއްވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ މަފާޒުގެ މައްޗަށް އެ ދައުވާ އުފުލާފައިވަނީ، ޖުލައި 27 ވަނަ ދުވަހު ޓާމިނަލް ކެފޭގައި ނަދީމް އިންދައި، އޭނާގެ ވާތް ފަރާތު ކަންފަތާ ދިމާލުން މައްޗަށް ހަ އިންޗި ހުންނަވަރުގެ ވަޅިއަކުން ހަމަލާ ދިނުމުގެ ސަބަބުން އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް، ޖުލައި 29 ވަނަ ދުވަހުގެ ހަވީރު 5:12 ހާއިރު ނަދީމް މަރުވެފައިވާތީ ކަމަށެވެ.
ޝާމިން އާއި ނިފާޒުގެ މައްޗަށް ގަސްތުގައި މީހަކު މެރާލުމުގައި ބައިވެރިވުމުގެ ދައުވާ އުފުލާފައިވަނީ، ނަދީމް މަރާލުމުގައި އެ ދެމީހުންގެ ބައިވެރިވުން އޮތް ކަމަށް ފެންނާތީ ކަމަށް ދައުވާ އިއްވަމުން ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.
އެ މައްސަލައިގައި ދައުވާ ލިބޭ، ކަރަމް ގެ މައްޗަށް ދައުވާ އުފުލާފައިވަނީ، ސައިކަލުގައި އެތަނަށް ގޮސް އެ އަމަލު ހިންމުގައި ބައިވެރިވެފައިވާތީ ކަމަށް ދައުވާ އިއްވަމުން ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.
އެ ތިން މީހުންގެ މައްޗަށް އެ ދައުވާ ސާބިތުވެއްޖެނަމަ އަންނާނީ 15 އަހަރާއި 25 އަހަރާ ދެމެދުގެ ޖަލު ހުކުމެކެވެ.
ދައުވާ ލިބޭ ހަތަރު މީހުންން ވެސް ބުނީ މައްސަލައާ ގުޅޭ ލިޔުންތައް ލިބިފައިވާ ކަމަށާއި ދައުވާ ސާފުވެއްޖެ ކަމަށެވެ. އަދި މައްސަލަ ކުރިއަށް ގެންދަން ބޭނުންވަނީ ވަކީލަކާ އެކުގައި ކަމަށް ހަތަރު މީހުންވެސް ވަނީ ބުނެފަ އެވެ.
އެ މައްސަލަ ބައްލަވާ ގާޒީ، މުހުތާޒް ފަހުމީ ވަނީ އެ ހަތަރު މީހުންނަށްވެސް ވަކީލުން ހަމަޖެއްސުމަށް 10 ދުވަހުގެ މުއްދަތެއް ދީފަ އެވެ.
މިއަދުގެ ޝަރީއަތުގައި ދައުލަތުންވަނީ ދައުވާ ލިބޭ ހަތަރު މީހުންގެ ތެރެއިން ކަރަމް ފިޔަވައި ދެން ތިބި ތިން މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާކަން ފާހަގަކުރައްވައި، ކަރަމްވެސް ޝަރީއަތް ނިމެންދެން ބަންދު ކޮށްދިނުމަށް އެދިފަ އެވެ.
ނަމަވެސް ގާޒީ ވިދާޅުވީ، މިއަދު އައީ އެކަމަށް ތައްޔާރުވެގެން ނޫން ކަމަށެވެ. އެހެންކަމުން ކަރަމް އަށް ދީފައިވާ ބަންދުގެ މުއްދަތު ހަމަވުމުގެ ކުރިން އެކަމާ މެދު ގޮތެއް ނިންމާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.
އެ މައްސަލައާ ގުޅިގެން 18 އަހަރުން ދަށުގެ ކުއްޖެއްގެ މައްޗަށް ވެސް ވަނީ އުފުލާފައެވެ.