26 Oct 2017, 08:35
ސަރުކާރު އޮފީސްތަކާއި ކުންފުނިތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ ބެޑްމިންޓަން މުބާރާތުގެ އަންހެން ޑިވިޝަންގެ ސެމީ ފައިނަލުން ކަސްޓަމްސް، ސްޓެލްކޯ، ދިރާގު އަދި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ޖާގަ ހޯދައިފި އެވެ.
އެ މުބާރާތުގެ ސެމީ ފައިނަލުން އެ ހަތަރު ޓީމު ޖާގަ ހޯދީ ގްރޫޕްތަކުގެ އެއް ވަނަ އަދި ދެ ވަނަ ޓީމުތަކުގެ ގޮތުގައެވެ.
ގްރޫޕް އެކެއްގެ އެއް ވަނަ ކަސްޓަމްސް އިން ހޯދި އިރު، ދެ ވަނަ ހޯދީ ދިރާގެވެ. އެ ގްރޫޕުގެ ތިން ވަނަ މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ ހޯދި އިރު، ހަތަރު ވަނައިގައި ނިންމާލީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އެވެ. އަދި ގްރޫޕްގެ ފުލުގައި ނިންމާލީ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) އެވެ.
ގްރޫޕް ދޭއްގެ އެއް ވަނަ ބީއެމްއެލް އިން ހޯދި އިރު، ދެ ވަނަ ހޯދީ ސްޓެލްކޯ އެވެ. އެ ގްރޫޕްގެ ތިން ވަނަ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ހޯދި އިރު، ގްރޫޕްގެ ފުލުގައި ނިންމާލީ މޯލްޑިވްސް ޕޮލިސް ސާވިސް އެވެ.
އެ މުބާރާތުގެ އަންހެން ޑިވިޝަންގެ ސެމީގެ މެޗުތައް ކުރިއަށްދާނީ މާދަމާ ހަވީރެވެ. ސެމީގެ ފުރަތަމަ މެޗުގައި ކަސްޓަމްސް އާއި ސްޓެލްކޯ ބައްދަލުކުރާ އިރު، ސެމީގެ ދެ ވަނަ މެޗުގައި ބައްދަލު ކުރާނީ ދިރާގާއި ބީއެމްއެލް އެވެ.
އެ މުބާރާތުގެ ފިރިހެނުންގެ ޑިވިޝަންގެ ކުއާޓާ ފައިނަލުގެ މެޗުތައް މިއަދު ހަވީރާއި މިރޭ ކުރިއަށްދާނެ އެވެ. ކުއާޓާގެ ފުރަތަމަ މެޗުގައި އެމްއެންޑީއެފް އާއި އެމްޓީސީސީ ބައްދަލުކުރާ އިރު، ކުއާޓާގެ ދެ ވަނަ މެޗުގައި ބައްދަލު ކުރާނީ މިނިސްޓްރީ އޮފް ހައުސިން އާއި ސްޓެލްކޯ އެވެ. ކުއާޓާގެ ތިން ވަނަ މެޗުގައި މިނިސްޓްރީ އޮފް ހެލްތާއި އެމްއޭސީއެލް ބައްދަލުކުރާ އިރު، ކުއާޓާގެ ހަތަރު ވަނަ މެޗުގައި ބައްދަލު ކުރާނީ އެމްޑަބްލިޔުއެސްސީ އާއި ޕޮލިހެވެ.