ވިޔަފާރި ފަށާނެ ގޮތާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް "ސްޓާޓްއަޕް ވީކެންޑް"ގެ ނަމުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ޒުވާނުންނަށް ހާއްސަ ޕްރޮގްރާމެއް އިއްޔެ ފަށައިފި އެވެ.

"ސްޓާޓްއަޕް ވީކެންޑް"ގެ ނަމުގެ މި ޕްރޮގްރާމް އިއްޔެ އިފްތިތާހުކޮށްފައި ވަނީ އާޓް ގެލެރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލް ލަތީފް ވިދާޅުވީ ޒުވާނުންނަކީ ގައުމުގެ މުސްތަގްބަލް ކަމަށާއި އެ މީހުންނަކީ މުޅި ދުނިޔޭގައި ވެސް އެންމެ އުފެއްދުންތެރި މީހުން ކަމަށެވެ.

"އެންމެ ކެރޭ ބަޔަކީ ވެސް ޒުވާނުން. އެންމެ އުފެއްދުންތެރި ބަޔަކީ ވެސް ޒުވާނުން. މިއަދު މިއޮތީ ތިޔަ ބޭފުޅުން ޒުވާނުންގެ ވިސްނުން ބޭނުންކޮށްގެން އިންޓަނޭޝަނަލް ސްޓޭޖަށް ނިކުމެވެން. ކުރިއަށް ދާންވީ މަގު ފެނިގެން މިދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ލަތީފް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޒުވާނުން ކުރިއެރުވުމަކީ ވަރަށް އިސްކަމެއް ދީގެން ކުރައްވަމުން އަންނަ ކަމެއް ކަމަށެވެ.

ކުރިއަށް ގެންދާ ވީކެންޑް ޕްރޮގްރާމްގައި އެއްބައިވެރިއަކު އަނެއްބައިވެރި އާ ބައްދަލުކޮށް އެކި ވިޔަފާރިތައް ކުރިއަރުވާނެ ގޮތާ މެދު މަޝްވަރާ ކުރުން އޮންނާނެ އެވެ.

ބައިވެރިންގެ ވިޔަފާރި އާއި ގުޅިގެން އަންނަ ހިޔާލު ހުށަހެޅުމަށް ފުރުސަތު ލިބިގެންދާނެ އެވެ. ހިޔާލުތައް ހުށަހެޅުމުން ބައިވެރިންގެ ތެރެއިން ނެގޭ ވޯޓަކުން އެންމެ މަގުބޫލު 10-15 ހިޔާލުތަކެއް ހޮވިގެންދާނެ އެވެ. އަދި މި ހިޔާލުތައް އިންވެސްޓަރުންނަށް ހުށަހަޅައި ވިޔަފާރި ފެށުމަށް ހުރިހާ ގޮތަކުން އެހީތެރިކަން ލިބިގެންދާނެ އެވެ.

މި މަހުގެ 27 އިން 29 އިން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އެ ޕްރޮގްރާމަކީ މިނިސްޓްރީއޮފް އިކޮނޮމިކް ޑިޕޮލޮޕްމެންޓް، އެންޓަޕްރައިޒް ޑިވޮލޮޕްމެންޓް، ޔޫއެންޑީޕީ އަދި ދިރާގު ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ރަސްމިއްޔާތުގައި ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓާ އިސްމާއިލް ރަޝީދު، ޔޫއެންޑީޕީގެ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް ޝޯކޯ ނޯޑާ، އަދި އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓާރ އަބްދުލް ލަތީފް ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.