29 Oct 2017, 18:38
ކުޅުދުއްފުށީގައި ތާރު އަޅައިގެން މަގުތަށް ހެދުމުގެ މަޝްރޫއު ނުހުއްޓޭ ކަމަށާއި ދެމަސްތެރޭ މަގުތަކުގެ މަސައްކަތް ނިމޭނެ ކަމަށް މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އިން ބުނެފި އެވެ.
އެރަށުގެ މަގުތަށް ހެދުން ހުއްޓާލައި މަގުހަދަން ދިޔަ މުވައްޒަފުން ރަށުން ފޭބި ކަމަށް ބުނެ އެރަށު ކައުންސިލުން ވަނީ ބައެއް މީޑިއާތަކަށް މައުލޫމާތު ދީފަ އެވެ.
މިއަދު އެމްއާރުޑީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަގު ހެދުން ވަގުތީ ގޮތުން މެދުކެނޑިފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ.
އެމްއާރްޑީސީ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ އަހުމަދު މަމްދޫހު ވިދާޅުވީ ބޮޑެތި މަޝްރޫއުތައް ކުރިއަށްގެންދާއިރު ތަފާތު ގިނަ މައްސަލަތައް ދިމާވެދާނެކަން ގަބޫލު ކުރަން ޖެހޭ ކަމަށެވެ.

އެމްއާރްޑީސީގެ އެމްޑީ އަހްމަދު މަމްދޫޙް -- ސަން ފޮޓޯ: މުޙައްމަދު އަފްރާޙް
ާކުޅުދުއްފުށީ މަގު ހެދުން ހުއްޓާލީ ކަމަށް ބުނެ މިހާރު ދެކެވެމުންދާ ވާހަކައަކީ ހަގީގަތް އޮޅުވާލައި، ސަރުކާރާމެދު ރައްޔިތުން ހިތުގައި ޝައްކު އުފެއްދުމަށް ފަތުރަމުންދާ ވާހަކަތަކެއް ކަމަށް މަމްދޫހު ވިދާޅުވި އެވެ.
"ހާއްސަކޮށް ސަބް ކޮންޓްރެކްޓަރާއެކު މަސައްކަތް ކުރަންޖާމު ކޮންމެވެސް ވަރެއް ހިޔާލު ތަފާތުވުންތަކެއްވެސް ދިމާވުމަކީ އެކަށީގެންވާ ކަމެއް. އެހެން ނަމަވެސް މިފަދަ މައްސަލަތައް ދިމާވާ ހާލަތްތަކުގައި ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފައްދާ، ސަރުކާރާމެދު ޝައްކުއުފެއްދުމަކީ އެންމެ ރަނގަޅުގޮތް ނޫން،" މަމްދޫހު ވިދާޅުވި އެވެ.
ކުޅުދުއްފުށީ މަގު ހެދުމުގެ މަސައްކަތް ކުރިންވެސް ދިޔަ ބާރު މިނުގައި ވަރަށް އަވަހަށް ފަށާނެ ކަމަށް މަމްދޫހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަސައްކަތް ކުރަނީ ދެމަސް ތެރޭގައި މަގުތަކުގެ މަސައްކަތްތައް ނިންމުމަށް ކަމަށެވެ.
"އެމްއާރްޑީސީއާއި ސަރުކާރުން ކުޅުދުއްފުށީގެ މަގުހެދުމުގެ މަސައްކަތް ހަވާލުކުރައްވައިގެން ކުރިއަށްމިގެންދަނީ ދެއްތޯ. އެރަށުގެ މަގު ތާރުއެޅުމުގެ މަސައްކަތް ހުއްޓުނީމަ ކައުންސިލުންވާނެ ދެއްތޯ އަޅުގަނޑުމެންނާވެސް މަޝްވަރާކޮށްލަން. އެގޭ ބަދަލުގައި އެކިގޮތްގޮތަށް ދެއްތޯ މިވާހަކަދައްކަނީ." މަމްދޫހު ވިދާޅުވި އެވެ.
ކުޅުދުއްފުށީ 18 މަގެއް ތާރު އަޅާ ޒަމާނީ ފެންވަރަށް ހެދުމަށް ވަނީ ނިންމާފައިއެވެ. އެ 18 މަގުގެ ތެރެއިން މިހާރު ވަނީ ހަތަރު މަގެއްގައި ތާރު އަޅާ ނިންމާފައެވެ. އެއީ އެރަށު ފަނޑިޔާރު މަގާއި، މަރުކަޒުމަގުގެ އިތުރުން މަގާން މަގާއި، ނިކަގަސް މަގެއެވެ.
ތާރު އެޅުން މެދު ކަނޑާލިއިރު ތާރު އެޅުމުގެ މަސައްކަތް ކުރަމުންދިޔައީ ކަނބޯރަނި ހިގުމުގައި ކަމަށް އެމްއާރްޑީސީން ބުންޏެވެ. ބާރަ ހާހަށްވުރެ ބޮޑު އާބާދީއެއް އޮންނަ ކުޅުދުއްފުށީ މަގުތަކުގައި ތާރު އަޅަން ފަށާފައިވަނީ މި އަހަރުގެ އޮގަސްޓު މަހުގެ 31 ވަނަ ދުވަހުއެވެ. ކުޅުދުއްފުށީ މަގުތައް ރަނގަޅު ފެންވަރެއްގައި ހެދުމުގެ މަޝްރޫއުއަށް ފަސްދޮޅަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެ އެވެ.