އެމެރިކާގެ ޚާރިޖީ ވަޒީރު ރިކްސް ޓިލާސަން މިދިޔަ ހަފްތާގައި ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅުގައި ޕާކިސްތާން ސަރުކާރަށް ވަނީ އާދަޔާ ޚިލާފު ހަރުކަށި އިންޒާރެއް ދެއްވައިފަ އެވެ.

މިއިންޒާރުގައި ޓިލާސަން ވިދާޅުވެފައި ވަނީ އަފްޣާން ތާލިބާނުން ބަލިކުރުމަށް އަފްޣާން ސަރުކާރަށާއި އެމެރިކާ އަށް ދޭން ޖެހޭ އެއްބާރުލުން ޕާކިސްތާނުން ނުދޭ ކަމަށާއި އަދި ޕާކިސްތާނާއި އަފްޣާނިސްތާނުގެ ސަރަހައްދީ ރޮނގުގެ ކައިރީގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ "ހައްގާނީ ނެޓްވޯކް" ޖަމާއަތް ވެސް ދުވަހެއް ދުވަހަކަށް ވަރުގަދަ ވަމުންދާ އިރު އެ ޖަމާއަތާ ހަނގުރާމަ ކުރުމަށް ޕާކިސްތާނުން މާބޮޑު ސަމާލުކަމެއް ނުދޭ ކަމުގަ އެވެ.

މިއީ ޓެރަރިޒަމާ ހަނގުރާމަ ކުރުމުގައި ޕާކިސްތާނުގެ އެއްބާރުލުން ނުލިބުނު ކަމަށާއި މިކަން ރަނގަނޅު ނުކޮށްފި ނަމަ ޕާކިސްތާނާ މެދު އެމެރިކާ ގެންގުޅޭ ސިޔާސަތަށް ބޮޑެތި ބަދަލުތަކެއް ގެންނާނެ ކަމުގެ އިންޒާރު ވެސް ޓިލާސަން ދެއްވި އެވެ. އިސްލާމް އާބާދުގައި ޓިލާސަން، ޕާކިސްތާނުގެ ބޮޑުވަޒީރު ޝާހިދު ޢައްބާސީ އާއާއި ޚާރިޖީ ވަޒީރު ޚަވާޖާ މުހައްމަދު އާސިފް އާ އެކު ބޭއްވި މަޝްވަރާތަކުގައި ޓިލާސަން އަށް ރައްދު ދެއްވަމުން އެ ދެ ބޭފުޅުން ވިދާޅުވީ އެމެރިކާ އިން ތާލިބާނުން ބަލިކުރުމަށް ޓަކައި 15 އަހަރު އެޖަމާއަތާ ދެކޮޅަށް ކުރި ހަނގުރާމަ ނާކާމިޔާބުވުމުގެ ޒިންމާ ޕާކިސްތާނުން ނަގަންނުޖެހޭނެ ކަމަށާއި އެޒިންމާ ނަގަންޖެހޭނީ އެމެރިކާ ކަމުގަ އެވެ.

އަފްޣާނިސްތާނަށް އެމެރިކާގެ ދެލައްކަ އަށް ވުރެ ގިނަ ސިފައިން ފޮނުވައިގެން އެތައް ސަތޭކަ ބިލިޔަން ޑޮލަރެއް ޚަރަދުކޮށްގެން ފަނަރަ އަހަރު ތެރޭގައި ތާލިބާނުން ބަލި ނުކުރެވުމަކީ އެމެރިކާގެ ނުކުޅެދުންކަމަށާއި އެކަމުގެ ޒިންމާ ޕާކިސްތާނުގެ ބޮލުގައި އަޅުވަންނުޖެހޭނެ ކަމުގަ އެވެ.

ހައްގާނީ ނެޓްވާކުގެ މައްސަލާގައި ޕާކިސްތާނުގެ ބޮޑުވަޒީރު ޓިލާސަން އަށް ދެންނެވީ ޕާކިސްތާނުން ހަނގުރާމަ ކުރަން ޖެހޭ ޖަމާއަތްތައް އެނގޭނީ ޕާކިސްތާނަށް ކަމުގަ އެވެ. އަދި އެމެރިކާއަށް ޓަކައި ވެސް އަދި އެހެން ގައުމަކަށްޓަކައި ވެސް ޕާކިސްތާނުން ތިންވަނަ ފަރާތަކާ ދެކޮޅަށް ހަނގުރާމަ ނުކުރާނެކަމަށާއި ޕާކިސްތާނަކީ ގައުމުތަކުގެ ރިކުއެސްޓަށް ހަނގުރާމަތައް ކޮށްދޭނެ ގައުމެއް ނޫންކަމަށް ވެސް ޕާކިސްތާނުގެ ބޮޑުވަޒީރު ޝާހިދު ޢައްބާސީ އާއާއި ޚާރިޖީ ވަޒީރު ޚަވާޖާ މުހައްމަދު އާސިފް އެމެރިކާގެ ޚާރިޖީ ވަޒީރަށް ދެންނެވި އެވެ.

މިއާ އެކު އެމެރިކާގެ ޚާރިޖީ ވަޒީރު ޕާކިސްތާނުން ފުރާވަޑައިގެން އިންޑިއާއަށް ވަޑައިގެންނެވީ ކޯފާވެ ހިތްޕުޅު ހަމަޖެހިވަޑައި ނުގެންނެވެ. އިންޑިއާއަށް ވަޑައިގެން އެގައުމުގެ ޚާރިޖީ ވަޒީރު ސުޝްމާ ސުވަރާޖް އާ ބައްދަލުކުރެއްވުމަށް ފަހު ޓިލާސަން ވަނީ ޓެރަރިޒަމާ ދެކޮޅަށް ކުރާ ހަނގުރާމައިގާ ޕާކިސްތާނުގެ އެއްބާރުލުން ނުލިބޭކަމަށް ވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ.

ޕާކިސްތާނުން އެމެރިކާގެ އެދުމާ އެއްގޮތަށް ހައްގާނީ ނެޓްވާކާ ހަނގުރާމަ ނުކުރާ ނަމަ އަދި އަފްޣާން ތާލިބާނުން ބަލިކުރުމުގައި ޕާކިސްތާނުން އެހީތެރިނުވާ ނަމަ އަފްޣާނިސްތާނުގެ މައްސަލައިގެ ތެރެއަށް ވަނުމުގެ ފުރުސަތު އިންޑިއާއަށް ދޭނެ ކަމުގެ އިންޒާރު ވެސް ނިއުދިއްލީގައި ދެއްވި ބަޔާނުގައި ޓިލާސަން ޕާކިސްތާނަށް ދެއްވި އެވެ. އަފްޣާނިސްތާނުގެ މައްސަލައިގެ ތެރެއަށް އިންޑިއާ ވެއްދުމަކީ ޕާކިސްތާން ވަރަށް ކަންބޮޑުވާނެކަމެކެވެ. އެއީ އެފުރްސަތު އިންޑިޔާއަށް ލިބިއްޖެ ނަމަ ޕާކިސްތާނުގެ އެތެރޭގައި ހަމަނުޖެހުން އުފެއްދުމަށް މަސައްކަތް ކުރުމުގެ އިތުރު ޗާންސެއް އިންޑިއާއަށް ލިބޭނެތީ އެވެ.

އަފްޣާނިސްތާނަކީ ޕާކިސްތާނުގެ ސަރަހައްދީ ރޮނގާ ގުޅިފައިވާ ގައުމަކަށްވާތީ އިންޑިއާ އަފްޣާނިސްތާނަށް ވަދެއްޖެ ނަމަ ޕާކިސްތާން ހިސާރު ކުރުމުގެ ފުރްސަތު އިންޑިއާއަށް ލިބޭނެ އެވެ. މިހާރު ވެސް ޕާކިސްތާނުގެ އެތެރޭގައި ޓެރަރިސްޓް އަމަލުތައް ހިންގާ ޕާކިސްތާނުގެ ތާލިބާނުންނަށް ސިއްރިޔާތުގައި އެހީތެރިވާކަމުގެ ތުހުމަތު ޕާކިސްތާނުން އިންޑިއާގެ މައްޗަށް ކުރެ އެވެ.

އަފްޣާނިސްތާނުގެ މައްސަލައިގެ ތެރެއަށް ވަނުމުގެ ފުރްސަތު އިންޑިއާއަށް ދޭނެ ކަމުގެ އިންޒާރު އެމެރިކާގެ ޚާރިޖީ ވަޒީރު ޕާކިސްތާނަށް ދެއްވުމަކީ ޕާކިސްތާނާ މެދު އެމެރިކާ ވަރަށް ބޮޑަށް ރުޅިއައިސްފައިވާ ކަން ހާމަވެގެންދާ ކަމެކެވެ. މީގެ ކުރިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ މިދެ މައްސަލާގައި ޕާކިސްތާނުގެ އެއްބާރުލުން ނުލިބިއްޖެ ނަމަ ހިތިނަތީޖާއަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރު ޕާކިސްތާނަށް ދެއްވާފަ އެވެ. މިގޮތުން އަފްޣާން މައްސަލައިގެ ތެރެއަށް ވަނުމުގެ ފުރްސަތު އިންޑިއާއަށް ދޭންޖެހިދާނެ ކަމުގެ އިންޒާރު ޓްރަމްޕް ވެސް ވަނީ ޕާކިސްތާނަށް ދެއްވައިފަ އެވެ.

މިދެ މައްސަލާގައި ޕާކިސްތާނުގެ އެއްބާރުލުން ނުލިބިގެން ޕާކިސްތާން ދެކެ އެމެރިކާ އެހާބޮޑަށް ރުޅި އަންނަންޖެހޭތޯ މިއީ އުފެދިފައިވާ ވަރަށް ބޮޑު ސުވާލެކެވެ. ސުވާލަކީ މިއީ އެމެރިކާގެ ގައުމީ މަސްލަހަތަށް އެވަރުގެ ބޮޑު ދެމައްސަލަ ހެއްޔެވެ؟

ހަގީގަތަށް ބަލާއިރު ޕާކިސްތާނު ދެކެ އެމެރިކާ ރުޅިއަންނަނީ މިދެ މައްސަލައާ ގުޅިގެނެއްނޫނެވެ. މިއީ މަތިމަތިން އެމެރިކާ ޖައްސާ ދެ މައްސަލައެވެ. ހަގީގީ މައްސަލައަކީ އަރަބި ކަނޑުގައި ޗައިނާގެ އެހީގައި ޕާކިސްތާނުން ބިނާކުރާ ގުވާދަރު ބަނދަރުގެ މައްސަލައެވެ. މިބަނދަރަކީ ވިޔަފާރި ބަނދަރަކަށް ވިޔަސް މިއީ ޗައިނާގެ އަސްކަރީ އުޅަނދު ފަހަރަށް ވެސް ޚިދްމަތް ދެވޭގޮތަށް ބިނާކުރާ ބަނދަރެކެވެ. މިބަނދަރާއި އެބަނދަރުގައި ބިނާކުރާ އިމާރާތްތަކާއި ވަސީލަތްތަކާއި އެބަނދަރު އެއްގަމު މަގުންގޮސް ޗައިނާއާ ގުޅާލުމަށް ގާއިމް ކުރަންޖެހޭ މަގުތަކާއި ރޭލްވޭތަކަށް ޗައިނާއިންވަނީ ސާޅީސް ފަސް ބިލިޔަން ޑޮލަރު ޚަރަދު ކުރުމަށް ނިންމާފަ އެވެ.

މިއީ ޗައިނާއިން ބިނާކުރާ 21 ވަނަ ގަރުނުގެ ސިލްކް ރޫޓްއާއި ސިލްކް ރޯޑް ނެޓްވާކުގެ މުހިއްމު ބައެކެވެ. ޗައިނާގެ އެހީގައި އަރަބި ކަނޑުގައި ޕާކިސްތާނުން ބިނާކުރާ ގުވާދަރު ބަނދަރު، އެއްގަމު މަގުންގޮސް ޗައިނާއާ ގުޅާލަނީ ހައިސްޕީޑް ރޭލްވޭއަކުންނެވެ. އަދި މިރޭލްވޭ އާއި ގުޅިފައިވާ މަގުތައްވެސް ޗައިނާއިން ބިނާކޮށްދޭނެ އެވެ. އެމަގުތަކާ ގުޅިފައިވާ ސިނާއީ ކާރުޚާނާތަކެއް ވެސް ޕާކިސްތާނުގައި ޗައިނާއިން ބިނާކޮށްދޭނެ އެވެ. އަދި ބަނދަރާ ތަންކޮޅެއް ދުރު ސަރަހައްދެއްގައި ވެސް ސިނާއީ އުފެއްދުންތެރިކަމުގެ ސަރަހައްދެއް މި ޕްރޮގްރާމުގެ ދަށުން ޗައިނާއިން ބިނާކޮށްދޭނެ އެވެ.

އެހެންކަމުން މިހުރިހާ ކަމަކަށް ޖުމްލަ ސާޅީސް ފަސް ބިލިޔަން ޑޮލަރު ޕާކިސްތާނުގައި އިންވެސްޓްކުރުމަށް ޗައިނާއިން ނިންމައި މިމަސައްކަތް ވެސް ޗައިނާގެ ކުންފުނިތަކުން މިހާރުވަނީ ފަށާފައެވެ. ޗައިނާއިން މިހާބޮޑު އިންވެސްޓްމަންޓެއް ޕާކިސްތާނުގައި ކުރުމުން އެމެރިކާގެ ބާރާއި ނުފޫޒު ޕާކިސްތާނުގައި ވެސް އަދި ދެކުނު އޭޝިޔާ ސަރަހައްދުގައި ވެސް ކުޑަވެގެންދާނެއެވެ.

އަރަބި ކަނޑުގެ އައްސޭރި ފަށުގައި (ގަލްފުގެ ދޮރުމައްޗަށް ވާގޮތަށް) ޕާކިސްތާނުން ބިނާކުރާ ގުވާދަރު ބަނދަރަކީ ޗައިނާގެ އަސްކަރީ އުޅަނދުތައް ވެސް މުސްތަގްބަލްގައި ބަނދަރުކުރާނެ ތަނަކަށްވާތީ އެއީ ގަލްފުގައި އޮންނަ އެމެރިކާގެ އަސްކަރީ ބާރުތަށް އޮތްނުރައްކަލެކެވެ. އެމެރިކާގެ ގައުމީ މަސްލަހަތަށް އޮތް ނުރައްކަލެވެ. ނަމަވެސް މިކަމާދެކޮޅަށް އެމެރިކާއަށް ކުރެވޭނެ ކަމެއްނެތެވެ. އިންވެސްޓްމަންޓަކަށް ހުރަހެއް ނޭޅޭނެއެވެ. ގަލްފުގައިވާ އެމެރިކާގެ ކަނޑުގެ ބޭސް އޮންނަނީ ބަހްރައިންގައެވެ.

ޕާކިސްތާނުން ބިނާކުރާ ގުވާދަރު ބަނދަރަކީ މިހިސާބާ ކައިރި ތަނެކެވެ. ނަތީޖާއަކީ ގަލްފުގެ ސަރަހައްދަށް ޒަމާނުއްސުރެ އަތްގަދަކޮށް ހަންފެތުރުމަށް އެމެރިކާ ކުރަމުން ގެންދާ މަސައްކަތްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވުމެވެ. އަދި އެމެރިކާ ހަންފަތުރައިގެން އުޅޭ ގަލްފުގެ ދޮރު މައްޗަށް ޗައިނާ އައުމެވެ. މީގެއިތުރުން ޕާކިސްތާނުގެ ބަނދަރުގެ ސަބަބުން ޔޫއޭއީ ގެ ޖަބަލް އަލީ ބަނދަރުގެ ވިޔަފާރިއަށްވެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެގެންދާނެއެވެ. މިއީ ބަލައިގަތުން އެމެރިކާއަށް ފަސޭހަ ކަންކަމެއްނޫނެވެ.

އަނެއްކޮޅުން ޕާކިސްތާނުގައި ޗައިނާ ކުރާ ބޮޑެތި އިންވެސްޓްމަންޓްތަކުގެ ސަބަބުން އެމެރިކާއަށް ޕާކިސްތާންވެސް ގެއްލޭނެއެވެ. ވީމާ ހައްގާނީ ނެޓްވޯކޭ ތާލިބާނުންނޭ ކިޔާފާ އެމެރިކާ ޕާކިސްތާނަށް ދޭ އިންޒާރުތަކުގެ ހަގީގީ ސަބަބަކީ މިއެވެ. ޕާކިސްތާނުންވެސް މިހަގީގަތް ދަނެއެވެ. އެހެންކަމުން ޕާކިސްތާންވެސް އޮތީ މިމައްސަލާގައި އެމެރިކާއަށް ދޫދޭ ގޮތަކަށް ނޫނެވެ.

ގުވާދަރު ބަނދަރާއި އެބަނދަރާ ގުޅިފައިވާ ސިނާއީ ކޮރިޑޯތަކުގެ މަސައްކަތް 2030 ގެ ކުރިން ޗައިނާ ނިންމާލާނެއެވެ. މިމައްސަލައާ ކުރިމަތިލުމަށް އެމެރިކާއަށް ކުރެވޭނެ ހަމައެކަނި ކަމަކީ ޕާކިސްތާނަށް ދުއްތުރާކޮށް ގޯނާކުރުމަށް އިންޑިޔާއަށް ހިއްވަރު ދިނުމެވެ. އަދި އިންޑިޔާގެ އެހީގައި ދެކުނު އޭޝިޔާގެ އެހެން ގައުމުތަކަށް ބާރު ފޯރުވަން މަސައްކަތް ކުރުމެވެ.

މީގެއިތުރުން އަފްޣާނިސްތާނުގެ މައްސަލައިގެ ތެރެއަށް އިންޑިޔާ ވައްދައިގެން ޕާކިސްތާން ހިސާރު ކުރަން މަސައްކަތް ކުރުމެވެ. މިކަމުގެ އިންޒާރު އެމެރިކާ ޕާކިސްތާނަށް ދިނީވެސް މިމައްސަލާގައެވެ. ތާލިބާނުންނާއި ހައްގާނީ ނެޓްވާކުގެ މައްސަލަކީ ޒަމާންވީ މައްސަލައެކެވެ. އެއީ އައު މައްސަލައެއްނޫނެވެ. އަދި އެއީ އެމެރިކާއަށް އެހާ ބޮޑު މައްސަލައެއްވެސް ނޫނެވެ.

ދެކުނު އޭޝިޔާގައިވެސް އަދި އޭޝިޔާގައިވެސް އަދި ޕެސިފިކް ސަރަހައްދުގައިވެސް އެމެރިކާއަށް އެންމެ ބޮޑީ ޗައިނާ އާ ވާދަކުރަންޖެހުމުގެ މައްސަލައެވެ. އިންޑިޔާއަކީ ކުރިޔަށްއޮތް ފަންސާސް އަހަރު ތެރޭގައިވެސް އެމެރިކާއާ ވާދަކުރެވޭ ވަރުގެ ގައުމެއްނޫނެވެ.

އެހެންކަމުން ޗައިނާ ދެކެ ޖެހިލުންވާގޮތަށް އެމެރިކާ އިންޑިޔާ ދެކެ ޖެހިލުން ނުވާތީ އެމެރިކާ ދެކެނީ ޗައިނާއާ ދެކޮޅަށް ކުރާ އިގްތިސާދާއި ނުފޫޒުގެ ހަނގުރާމައިގާ ހަތިޔާރެއްގެ ގޮތުގައި އިންޑިޠާ ބޭނުން ކުރެވިދާނެ ކަމުގައެވެ. މިކަން ކުރަން އެމެރިކާ މިހާރުވެސް މިވަނީ ފަށާފައެވެ.