31 Oct 2017, 11:47
އިލްމީ ގާބިލުކަން ނެތް ކަމަށް ބުނެ ވަޒީފާ އިން ވަކިކޮށްފައިވާ ސިވިލް ސާވިސް މުވައްޒަފަކަށް ވަޒީފާދޭން އަންގައި ހައިކޯޓުން ހުކުމް ކޮށްފި އެވެ.
ދެހާސް ސާދަ ވަނަ އަހަރު ވަޒީފާ އިން ވަކިކޮށްފައި ވަނީ އދ. މަހިބަދޫ ކައުންސިލުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަގާމު އަދާކުރަމުން ދިޔަ އައިޝަތު ވަހީދާ އެވެ. އޭނާ ވަޒީފާ އިން ވަކިކުރުމުން އެ މައްސަލަ ޓްރިބިއުނަލަށް ވެސް ހުށަހެޅި އެވެ. ޓްރިބިއުނަލުން ވެސް ނިންމާފައި ވަނީ އޭނާއަށް ވަޒީފާ ދޭން ޖެހޭ ކަމަށެވެ.
ސިވިލް ސާވިސް ކޮމިޝަނުގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އިއްޔެ ކުރި ހުކުމުގައި ވަނީ އިލްމީ ގާބިލުކަން ނެތިގެން ވަޒީފާ އިން ވަކި ކުރެވޭނެ ސަބަބުތަކެއް ބަޔާންކޮށްފަ އެވެ.
ވަޒީފާއަށް އެދި ހުށަހެޅި ފަރާތުގެ އިލްމީ ގާބިލުކަން ވަޒީފާދިން ފަރާތަށް އޮޅުވާލައިގެން ވަޒީފާ ހޯދާފައި ވުން
- ވަޒީފާދިން އިރު ވަޒީފާއާ ގުޅޭ ގޮތުން އިތުރަށް ހާސިލުކުރަން ޖެހޭ އިލްމީ ގާބިލުކަން ހާސިލު ކުރުން ޝަރުތުކޮށް ވަޒީފާ ދީފައިވުން
ހައިކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ އައިޝަތު ވަހީދާއަކީ އޭނާގެ އިލްމީ ގާބިލުކަން އޮޅުވާލައިގެން ވަޒީފާ ހޯދާފައިވާ މީހެއް ކަން ބެލެވެން ނެތް ކަމަށެވެ. އަދި އޭނާ އަށް ވަޒީފާދީފައި ވަނީ ވަކި އިލްމީ ގާބިލު ކަމެއް ހާސިލުކުރުމަށް ޝަރުތު ކޮށްފައި ނޫން ކަމަށް ވެސް ހުކުމުގައި ވަނީ ބުނެފަ އެވެ.
ސަރުކާރުގެ ވަޒީފާގައި 28 އަހަރު ދުވަހު މަސައްކަތް ކުރި އިރު ނަސޭހަތް ދިނުން ފިޔަވައި އިތުރު ފިޔަވަޅެއް އޭނާއާ މެދު އެޅިފައި ނުވާ ކަމަށް ވެސް ހުކުމުގައި ވަނީ ބުނެފަ އެވެ.
އެކަން އެހެން ހުރި އިރު އައިޝަތު ވަހީދާ ސިވިލް ސާވިސްގެ ކޯޑް އޮފް ކޮންޑަކްޓާ ހިލާފުވެފައި ވަނީ ކިހިނެއްކަން ސިވިލް ސާވިސް ކޮމިޝަނަށް އެކަށީގެންވާ ގޮތެއްގައި ބުނެދެވިފައި ނުވާ ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ.
އެހެންކަމުން ޓްރިބިއުނަލުގެ ހުކުމާ އެއްގޮތަށް އައިޝަތު ވަހީދާއަށް ވަޒީފާ ދިނުމަށާއި އަދި ވަޒީފާ އިން ވަކިކޮށްފައި ހުރި މުއްދަތަށް ދޭން ޖެހޭ މުސާރައާއި އިނާޔަތްތައް ދިނުމަށް ހައިކޯޓުން ވަނީ ތާއީދު ކޮށްފަ އެވެ.