31 Oct 2017, 13:10
އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ހިދުމަތްތައް ކުރާ ޒުވާނުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ސަރުކާރުން ދޭ ޒުވާނުންގެ ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ދެވަނަ ފަހަރަށް ޔޫތު މިނިސްޓްރީން އިތުރުކޮށްފި އެވެ.
ޔޫތު މިނިސްޓްރީން ބުނީ މިއަދުގެ ނިޔަލަށް "ޒުވާނުންގެ އިނާމު 2017" އަށް ކުރިމަތި ލުމުގެ މުއްދަތު ހަމަވާއިރު ގިނަ ފަރާތްތަކެއްގެ އެދުމުގެ މަތިން ދެވަނަ ފަހަރަށް މުއްދަތު އިތުރުކުރަން ނިންމީ ކަމަށެވެ. އަދި އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ މެންދުރު 12:00ގެ ކުރިން ފޯމު ހުށަހެޅުމަށް ފުރުސަތު ހުޅުވަލާފައިވާ ކަމަށެވެ.
ޒުވާނުންގެ އިނާމު ދެނީ 10 ދާއިރާއަކުންނެވެ. އަދި އެ 10 ދާއިރާގެ އިތުރުން ޝަހީދު ޖަވާދު އުމަރުގެ ހަނދާނީފިލާ ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ މިނިސްޓްރީ އިން ބުންޏެވެ.
ޒުވާނުންގެ ގައުމީ އިނާމަކީ ތަފާތު ދާއިރާތަކުން ގައުމުގެ ތަރައްގީއަށް ޒުވާނުން ކުރާ މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދޭ އިނާމެކެވެ. ގައުމުގެ ތަރައްގީގައި ޒުވާނުން އަދާކުރާ ދައުރު ފާހަގަކޮށް، އެމީހުންނަކީ މުޖުތަމައަށް ފައިދާ ހުރި އަދި އުފެއްދުންތެރި ރަނގަޅު ސިފަތަކެއް ހުރި ބަޔަކަށް ހެދުމަށް ބާރު އަޅައި ވާގި ދިނުމަކީ ވެސް އެ އެވޯޑުގެ މަގްސަދެއް ކަމަށް ޔޫތު މިނިސްޓްރީ އިން ބުނެ އެވެ.
ޒުވާނުންގެ އިނާމަށް ހޮވޭ މީހުންނަށް އެވޯޑުގެ އިތުރުން ސެޓްފިކެޓާއި 25,000 ރުފިޔާގެ ފައިސާގެ އިނާމެއްދެ އެވެ.
މިދިޔަ އަހަރުގެ ޒުވާނުންގެ އިނާމު އަށް ބޭފުޅަކަށް ވަނީ ދީފަ އެވެ.
ޒުވާނުންގެ ގައުމީ އިނާމު ދިނުމުގެ ހަފުލާ އޮންނާނީ ޒުވާނުންގެ ދުވަސް ކަމަށްވާ ނޮވެމްބަރު މަހުގެ 17 ގަ އެވެ.